Support Us

ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން- 2

ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން ޢަލީ ހަވަނަ (ޢަލީ ރަސްގެފާނު) ޕޯޗްގީޒުން ޝަހީދުކޮށް، ރާއްޖެ ހިފީ ސޮލީބީ ހަނގުރާމައެއްގައެވެ. ޔޫރަޕްގެ އެންމެ ދެކުނުގައި އޮންނަ ޕޯޗްގީޒުން ފުރައިގެން އިންޑިއާ ކަނޑައަށް އައިސް ބާރު ހިންގަމުންދިޔަ ޕޯޗްގީޒުންގެ ލަޝްކަރުގެ މައިގަނޑު އެއް މަޤްޞަދަކީ މި ސަރަޙައްދުގައި ނަސޯރާދީން ފެތުރުމެވެ. ޚާއްޞަ ގޮތެއްގައި އެ ދުވަސްވަރު މުސްލިމުންނާ މެދު ޕޯޗްގީޒުންގެ ހިތުގައި އޮތް ރުޅިވެރިކަން އެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުން ފާހަގަވެއެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖޭގެ ރަސްކަން ދޫކުރައްވައި، އިންޑިއާގައި ތިބި ޕޯޗްގީޒުންގެ ގާތަށް ގޮސް އިސްލާމްދީން ދޫކުރައްވައި ކްރިސްޓިއަން ދީނަށް ވެންނެވީ އިއްތިފާޤަކުން ނޫނެވެ. އެ ރަދުން ޕޯޗްގީޒުންގެ މަތީ ޚާންދާނެއްގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވުމާއި ރާއްޖޭގެ ރަސްކަން އަނބުރާ ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅާއި ދިވެހީންނަށް ކްރިސްޓިއަން ދީނަށް ވަނުމަށް ގޮވާލެއްވި ގޮވާލެއްވުމަކީ ފުލޯކު ވާހަކައެއް ވެސް ނޫނެވެ. މިއިން ކޮންމެ ކަމަކީ ވެސް އިންޑިއާގެ ގޯވާގައި ތިބެގެން މި ސަރަޙައްދުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވަމުންދިޔަ ޕޯޗްގީޒުން ދުރާލައި ރާވާފައިވާ ސްޓްރެޓަޖީ (އިސްތިރާޖީ) ރޭވުންތަކަކާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކެކެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ކުރެއްވި ޖިހާދަށް "ރާއްޖެ އިސްލާމްކުރުން" މި ނަން ޒަމާނުއްސުރެ ދިވެހީން ދީފައިވާ ސަބަބު ވަރަށް ސާފެވެ.

ޕޯޗްގީޒު ލަޝްކަރާ ދެކޮޅަށް ބޮޑުތަކުރުފާނު ފެށްޓެވި ޖިހާދު ކާމިޔާބު ކުރެއްވީ ދުޝްމަނުންގެ އިސްތިރާޖީ ރޭވުންތައް ނާކާމިޔާބު ކޮށްލެވޭ ފަދަ ހަރުދަނާ އިސްތިރާޖީއެއްގެ ބޭނުން ހިއްޕަވައިގެންނެވެ.

ބޮޑުތަކުރުފާނުގެ ޖިހާދަކީ އެ ދުވަސްވަރު އިސްލާމީ އެހެން ބައެއް ޤައުމުތަކުގައި ވެސް ޕޯޗްގީޒުންނާ ދެކޮޅަށް ތެދުވި ލީޑަރުން ފަދައިން އިސްލާމީ އުންމަތުގެ ޙައްޤުގައި ކުރެއްވި ޖިހާދެކެވެ. ބޮޑުތަކުރުފާނުގެ ޖިހާދަކީ އާދައިގެ ހަނގުރާމައެއް ނޫނެވެ. އެއީ ކޮންމެކޮންމެ މީހަކަށް އިސްނަގަން ކެރޭނެ ކަމެއް ވެސް ނޫނެވެ. އަދި ކޮންމެކޮންމެ މީހެއްގެ ކިބައިގައި ހުންނާނެ ހިތްވަރަކާއި ޢަޒުމެއް ވެސް ނޫނެވެ. އަދި އެއީ ހަނގުރާމައިގެ ފަންނާއި އެކަމުގެ ޢިލްމާއި ހުނަރު ނެތް މީހަކަށް ހިތްމައްޗަށް ގެނެސްގަންނަން ވެސް ފަސޭހަވަރުގެ ކަމެއް ނޫނެވެ. ހަމައެއާއެކު ވަރުގަދަ އިސްލާމީ އަޤީދާއަކާއި އާދަޔާ ޚިލާފު ވަޠަނީ ލޯތްބަކާއި އަގުމާތް ޤައުމީ ރޫޙަކުން ނޫނީ ނަތީޖާ ނުނެރެވޭނެ ޖިހާދެކެވެ.

ކަޅުއޮއްފުންމި ގޮތަށް 2015 ގައި އަލުން ބަނދެފައިވާ އޮޑިއެއް

ބޮޑުތަކުރުފާނުގެ ޖިހާދުން: ހަނގުރާމައިގެ ޒަމާނީ އިސްތިރާޖީތައް

ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައިތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވީއިރު މުޅި އިންޑިޔާކަނޑުގެ މައްޗަށް އޮތީ އެ މީހުން ވެރިވެގަތްފައެވެ. އިންޑިއާ ކަނޑާއި ރަތްކަނޑާއި ފާރިސީކަނޑު އޮތީ ޕޯޗްގީޒުންގެ ބާރުގެ ދަށުގައެވެ. އަދި އިންޑިއާ ކަނޑުގެ ޗޯކް ޕޮއިންޓްތައް ކަމަށްވާ ބާބުލް މަންދިބާއި ހޮރުމޫޒު ކަނޑުއޮޅިއާއި މަލަކާ ކަނޑުއޮޅި ވެސް ކޮންޓްރޯލްކުރަމުން ދިޔައީ ޕޯޗްގީޒުންނެވެ. އިންޑިއާކަނޑުގެ އައްސޭރިފަށުގެ ގިނަ ސަރަޙައްދުތަކާއެކު އަސޭކަރައާއި ޗައިނާއާ ހަމައަށް "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ވަކިތައް އޮތީ ފޯރުވާފައެވެ. މި ހާލަތުގައި އިންޑިއާ ކަނޑުގެ މެދުގައި އޮތް ދިވެހިރާއްޖެއަކީ ޕޯޗްގީޒުންނަށް ހުރިހާ ގޮތަކުން ވެސް މުހިންމު ޤައުމަކެވެ. ޕޯޗްގީޒުންފަދަ ދުނިޔޭގެ އެ ދުވަސްވަރުގެ ބޮޑު ބާރެއްގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް ބޮޑުތަކުރުފާނު ހިއްޕަވާފައިވަނީ ވަރަށް ހަރުދަނާ އަސްކަރީ އިސްތިރާޖީތަކެއްގައެވެ.

އަސްކަރީ އިސްތިރާޖީ އަކީ ހަނގުރާމަވެރި ޖަމާޢަތްތަކުން އެދެވޭ އިސްތިރާޖީ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ތަންފީޒުކުރާ ވިސްނުންތަކެކެވެ. އަސްކަރީ އިސްތިރާޖީގައި ހިމެނެނީ ކެމްޕޭންތައް ރާވައި ހިންގުމާއި، ބާރުތައް ޙަރަކާތްތެރިވުމާއި، ބެލެހެއްޓުމާއި، ދުޝްމަނުންނަށް އޮޅުވާލުމެވެ. ހުޅަނގުގެ ޒަމާނީ އިސްތިރާޖީ ދިރާސާތަކުގެ ބައްޕަގެ ލަގަބު ދީފައިވާ ކާލް ފޮން ކްލޯޒްވިޓްޒް (1780–1831) އަސްކަރީ ސްޓްރެޓެޖީ މާނަކުރައްވާފައި ވަނީ ހަނގުރާމައެއް ނިމުމަކަށް ގެނައުމަށް ޓަކައި ކުރާ ހަނގުރާމަތަކެއްގެ ގޮތުގައެވެ. ޒަމާނީ އަސްކަރީ އިސްތިރާޖީތަކުގައި އިސްކަން ދީފައި ހުންނަނީ އަސްކަރީ ލަނޑުދަނޑިތަކަށްވުރެ ސިޔާސީ މަޤްޞަދުތަކަކަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަސްކަރީ ސްޓްރެޓެޖީ ގިނަ ފަހަރަށް ބަހާލެވެނީ ހަތަރު ބަޔަކަށެވެ. އެއީ އެންޑްސް، ވޭސް، މީންސް އަދި ރިސްކެވެ. އެއީ މަޤްޞަދުތައް ނިމުމަކަށް ގެނައުމާއި، ބޭނުންވާ ކަންކަން ހާސިލުކުރާނެ ގޮތްތަކާއި، ލިބިފައިވާ ވަސީލަތްތައް ވީ އެންމެ ރަނގަޅަކަށް ބޭނުންކުރުމުގައާއި ހިރާސްތަކާ ކުރިމަތިލުމުގައި ޢަމަލުކުރާގޮތުގެ ރޭވުންތަކާއި ޕްލޭންތަކެވެ.

ބޮޑުތަކުރުފާނު ބޭނުންކުރެއްވި ގެރިއްލާ ވޯފެއަރގެ އުކުޅުތަކާއި، "ސްމޯލް ގްރޫޕް ޓެކްޓިކްސް"އާއި، "އެމްފީބިއަސް އޮޕަރޭޝަން" މަފްހޫމުތަކުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ދެއްވުމަށް ބޭނުންކުރެއްވި ހަނގުރާމައިގެ އިސްތިރާޖީއަކީ އެ ޒަމާނާއި އެ ހާލަތަށް އަދި ލިބިވަޑައިގެންފައިވާ ވަސީލަތްތަކަށް ބަލާއިރު އެންމެ އެކަށީގެންވާ އިސްތިރާޖީތަކެއް ކަމަށް އިޢުތިރާފުވާން ޖެހެއެވެ. ބައިބައިކޮށް ފަތަޙަކުރުން (ޑިވައިޑް އެންޑް ކޮންކާ) އާއި، ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން އެއްބައެއްވަންތަ ރޫޙެއްގައި ހަނގުރާމަކުރުން (ޓޯޓަލް ވޯރ) އާއި، ދުޝްމަނުން ހަނގުރާމަކުރަން އިތުރަށް ބޭނުން ނުވާވަރުގެ ހައިރާންކަން ގެނުވާފަދަ ވަރުގަދަ ކުއްލި ހަމަލާ (ޝޮކް އެންޑް އޯވް) އާއި ގެރިއްލާ ވޯފެއަރގެ އާއި އެސިމެޓްރިކް ވާފެއާގެ އިސްތިރާޖީތައް ބޮޑުތަކުރުފާނުގެ ޖިހާދުން ފާހަގަވެއެވެ.

އެކި ފަރާތްތަކުން އެކި ހަނގުރާމަތަކުގައި ގެންގުޅޭ އަސްކަރީ އިސްތިރާޖީތައް ތަފާތުވާނެއެވެ. އަސްކަރީ އިސްތިރާޖީ ވެފައި އޮންނަނީ އެ ހަނގުރާމައެއް ކަށަވަރުކަމާއެކު ކާމިޔާބުކުރުމަށް ޓަކައި މަތީ ފެންވަރުގެ ރޭވުންތެރިކަމާއި ލިބެން ހުރި އަސްކަރީ ހުރިހާ ޤާބިލުކަމެއް ބޭނުންކުރުމުގެ މައްޗަށެވެ. އަސްކަރީ އުކުޅުތައް (ޓެކްޓިކްސް) ބިނާކުރަނީ މި ދެންނެވި ފުޅާ އަސްކަރީ އިސްތިރާޖީގެ ތެރެއިން މަގުސަދުތައް ހާސިލުކޮށް ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޓަކައެވެ.

ބޮޑުތަކުރުފާނު ޖިހާދު ކުރިއަށް ގެންދަވާފައިވާގޮތާއި ޖިހާދުގެ ކަންތައްތައް ތަރުތީބު ކުރައްވާފައިވާ ގޮތުގެ ފަންނަށް މި ޒަމާނުގެ އަސްކަރީ އަސާސީ ފަސް އިސްތިރާޖީން ބައްލަވާށެވެ. ފެންނާނީ އަޖައިބެއް ފަދަ ރޭވުންތެރިކަމަކާއި ޙިކުމަތްތެރި ކަމެކެވެ.

އެކްސްޓަމިނޭޝަން:

ބޮޑުތަކުރުފާނުގެ ޖިހާދުގައި ސީދާ ޕޯޗްގީޒުންނަށް އަމާޒުކޮށް އެ މީހުން މަރައި ނެތިކުރަމުން ގެންދިއުން ހިމެނިފައިވެއެވެ. މިގޮތުން ދުޝްމަނުން ތިބޭ ރަށްރަށަށް ރޭގަނޑަށް ކަޅުއޮށްފުންމީގެ ފަހުލަވާނުން އަރުއްވައި ދުޝްމަނުންގެ ދެތިން މީހުން މަރާލައިފައި ރައްކާވެގެން ދާ ދިއުމަކީ މީގެ މިސާލެކެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގެ ތެރޭގައި ރާއްޖޭގައި ތިބި ދުޝްމަނުންނަށް ހަތިޔާރު ހިފައިގެން އައި ގުރާބުތަކާ ކަނޑުމަތީން ދިމާކޮށް ހަމަލާދީ، އެ މީހުންތައް މަރާފައިވާކަމަށް ބުރާރަ މުޙައްމަދުފުޅު ކިޔުއްވާފައިވާ ބޮޑު ތަކުރުފާނުގެ ވާހަކައިގައި ކިޔައެވެ. "ނަވުގެ ވައިމަތިން ގާތްކޮށް މުޙައްމަދު ތަކުރުފާނުން ގޮވާލެއްވިޔޭ. ތިޔާ ކޮންތާކުން ކޮންތަނަކަށް ދާ ނަވެއްހެއްޔެވެ. ނަވުން ގޮވާލެއްވިއެވެ. މިއީ ސާލީހާތުން އަނދިރިއަނދިރިންނަށް އައްޑަނަ ހިފައިގެންދާ ނަވެކެވެ. މުޙައްމަދު ތަކުރުފާނު ބުނުއްވިއެވެ. ދަންޑަހެލާވޭ އައްޑަނަ ފަސޭހަތޯ ބަލާންވާނެއެވެ. އެހެން ކިޔުއްވައި ނަވުގެ ވައިމަތީން ގާތްކުރައްވައި ކަޑި އައްޑަނަ ހިޕަވައިގެން ނަވަށް އަރުއްވައި ނަވުގެ މީހުންނާ ހަނގުރާމަ ފެށްޓެވިއެވެ."

އެގްޒޯސްޓަން:

ހަނގުރާމައިގެ އަނެއް އިސްތިރާޖީއަކީ ދުޝްމަނުން ވަރުބަލިކޮށް ލޮޑުކޮށްލުމެވެ. މިގޮތުން ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުންގެ ފަރާތުން އެތައް ކަމެއް ދުޝްމަނުންނަށް ކުރިމަތިކުރެއްވިއެވެ. މި ހިތި ތަޖުރިބާކުރަންޖެހުނު ޕޯޗްގީޒުންގެ ހަނގުރާމަވެރިން މާލެ ގޮސް، އުތީމު ތިންބެއިން އަތުލައިގަތުމަކީ ވާނާކަމެއް ނޫންކަމަށް އަނދިރިއަނދިރިންނަށް ދެންނެވިއެވެ. އަދި ދުވާލު ނިދައި ރޭގަނޑު ހޭލައި ތިބެގެން ރާއްޖޭގެ ތިލަ ފަރުތަކާއި ފަޅުތަކުގެ ތެރޭގައި އުތީމު ތިންބެއިންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނުރައްކާތެރިކަން ހުށަހަޅައި އެކަމަށް ފަސްޖެހިފައިވެއެވެ.

އެނައިލޭޝަން:

އިސްތިރާޖީ އަނެއް އަސާސަކީ ދުޝްމަނުން ނައްތާލައި އެ މީހުންގެ އަސަރުތައް ފޮހެލުމެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގެ އިސްތިރާޖީ މައި ރޭވުންތެރިކަން ބިނާވެފައިވަނީ ދުޝްމަނުންގެ އެއްވެސް މީހަކު ސަލާމަތްވެގެން ނުދެވޭގޮތަށް އެންމެންގެ ކަންތައް ވެސް ނިންމާލުމުގެ މައްޗަށެވެ. މާލެ ފަތަޙަކުރެއްވުމުގެ ކުރިން ރާއްޖޭގެ އުތުރުގެ ރަށްރަށުން ދުޝްމަނުން މަރަމުން ފައްސަމުން އެ ރަށްރަށް ފަތަޙަކުރަމުން ގެންދެވިއެވެ. މާލެ ފަތަޙަ ކުރެއްވިއިރު ރާއްޖޭގެ އެހެން ރަށެއްގައި ބޮޑު ތަކުރުފާނާ ދެކޮޅަށް އަންނާކަށް ދުޝްމަނުންގެ ލަޝްކަރެއް ނެތެވެ.

އިންޓިމިޑޭޝަން:

ހަނގުރާމައިގައި ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ދުޝްމަނުންނަށް ބިރުދެއްކުމުގެ އިސްތިރާޖީގެ ދަށުން ބޮޑުތަކުރުފާނުގެ ޖިހާދުގައި ޕޯޗްގީޒުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދެވުމަށާއި ދުޝްމަނުން ބިރުގެންނެވުމަށް އަދި މާޔޫސްކޮށްލުމަށް ރާވައިގެން ކުރައްވާފައިވާ ކަންތައްތައް ވަރަށް ގިނައެވެ. މީގެ އެއް ހާދިސާއަކީ ބާރަށުގައި އިންނެވި ބޮޑުތަކުރުފާނުގެ އަނބިކަމަނާ ސިއްތިމާވާ ރަނިކިލެގެފާނު ބަލައި ޙަސަން ތަކުރުފާނު ކުރެއްވި ދަތުރުފުޅެވެ.

ބާރަށު ވާރުގޭތެރެއިން ރައްކާތެރިކަމާއެކު ދައިތާކަމަނާ ނެރުއްވައި އަދި ޙަސަން ތަކުރުފާނުގެ އަނބިކަމަނާ ބާރަށު ކަތީބުގޭ ކަމަނާ ގެންގޮސް އޮޑިއަށް ލެއްވިއެވެ. އެކަމަކު އެވަރަކުން ނިންމަވައެއް ނުލެއްވިއެވެ. ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދެވުމަށް އެ މީހުން ނިދަންތިއްބައި ވާރުގޭ ދޮރުމަތީގައި ހުރި އަށިގެ އެމީހުންގެ ގައިމައްޗަށް ވައްޓާލިއެވެ. އެ ހާދިސާގައި އަށިގޭގެ ވަކަރުތަކުން ޖެހި ދުޝްމަނުންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައްވިއެވެ. އިވުނު ބާރު އަޑުފައްގަނޑަށް ވާރުގޭ ތެރެއިން ނިކުން މީހުންގެ ދެލޮލަށް ޖެހީ ކަށިވެއްޔެވެ. ބާރަށަކީ ޕޯޗްގީޒުން މާލޭން އުތުރުގައި ޤާއިމުވެ ތިބި ރަށެވެ. މި ހާދިސާއިން އެރަށުގައި ވެސް އެ މީހުންނަށް ރައްކާތެރިކަމެއްނެތްކަން އިހުސާސްވެ އިހުނަށްވުރެ ބިރުވެރިކަން އިންތިހާއަށް އިތުރުވިއެވެ.

ސަބްވާޝަން:

ހަނގުރާމައިގެ އިސްތިރާޖީގެ އަނެއް އަސާސަކީ ދުޝްމަނުން ނިޒާމުތަކާއި އާރާއިބާރު ފުނޑުފުނޑުކޮށްލުމެވެ. ޕޯޗްގީޒުން ރާއްޖެ ހިފުމަށްފަހު ވެރިކަމުގެ ނިޒާމު ރޭވީ ވަރަށް ހަރުދަނާ ގޮތެއްގައެވެ. ޝަހީދުވެވަޑައިގެންނެވި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަމަނާ، ކަނބާ ޢައިޝާ ރަނިކިލެގެފާނާއި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނު ބާރަކަށް ގެންގޮސް އެރަށުގައި ޕޯޗްގީޒުންގެ ބެލުމުގެ ދަށުގައި ބައިތިއްބިއެވެ. އަތޮޅުވެރިއެއްގެ ގޮތުގައި ވިޔަޒޯރު ގޮސް، ބާރަށުގައި ރާއްޖޭގެ އުތުރަށް ބާރު ހިންގަމުންދިޔައެވެ. ރާއްޖޭގެ އުތުރުގެ ރަށްރަށުގެ ރައްޔިތުން ކުރާ ބުރަ މަސައްކަތުން އުފައްދާ ތަކެތީން ވާރު (ޓެކްސް)ގެ ގޮތުގައި ގިނަ އަދަދަކަށް އުފެއްދުންތައް ފޭރިގަނެވޭނެ ނިޒާމެއް ހިންގަމުން ދިޔައެވެ.

ބޮޑުތަކުރުފާނުގެ ޖިހާދު ފެއްޓެވީ މި ނިޒާމު ފުނޑުފުނޑުކޮށްލެއްވުމަށްފަހުގައެވެ. ޕޯޗްގީޒުންގެ ހިކުމަތްތެރި ވިޔަޒޯރު އަތޮޅުވެރިން މަރާލީ ކަޅުއޮށްފުންމީގައެވެ. އެއާއެކު މުޅި ނިޒާމު ބޮއްސުންލައިގެން ލައިގެންދިޔައެވެ. ޕޯޗްގީޒުންނާ ބައިޢަތު ހިފައިގެން އުޅުނު ތިލަދުންމަތީ މީހުން ވެސް މާލެއައިސް އަނދިއަނދިރިންނާ ބައްދަލުކޮށްފައި ރޮއިހޭރިފައި ބުނީ ތިލަދުންމަތީގައި އަމަންއަމާންކަމެއް އެ މީހުންނަށް ނެތްކަމަށެވެ. (ނުނިމޭ)

މަސްދަރު:

ޙުސައިންޞަލާޙުއްދީން (1998) އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމުލް އުތީމީ ސިރީ ސަވާދީއްތަ މަހާރަދުން. ނޮވެލްޓީ ޕްރެސް.

ރެންޑަލް ޖީ ބައުޑިޝް.(2013). މިލިޓަރީ ސްޓްރެޓެޖީ: ތިއަރީ އެންޑް ކޮންސެޕްޓްސް. ޔުނިވަރސިޓީ އޮފް ނެބްރަސްކާ.

އިބްރާހީމް ބުނު އިސްމާޢީލް (1377ހ.) ބޮޑުތަކުރުފާނު ވާހަކަ، ބުރާރުމުޙައްމަދުފުޅު ކިޔާގޮތަށް. ނޮވެލްޓީ ޕްރެސް.

އެންޓޯލިއޯ ޖޭ. އެޗެވެރިއާ. (2017). މިލިޓަރީ ސްޓްރެޓަޖީ: އަ ވެރީ ޝޯޓް އިންޓްރޮޑަކްޝަން. އޮކްސްފޯޑް ޔުނިވަރސިޓީ.

ތޯމަސް ބްރޫސްޗިނޯ (2020). މިލިޓަރީ ޖިއޮގްރަފީ އެންޑް މިލިޓަރީ ސްޓްރެޓަޖީ. ޔޫއެސް އާމީ ވޯރ ކޮލެޖް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *