Support Us

އިސްރާއީލާ ދެކޮޅަށް ތެދުވާން ފަލަސްޠީނުގެ ވާދަވެރި ޖަމާޢަތްތައް އެއްގަލަކަށް

ފަލަސްޠީނުގެ ވާދަވެރި ޖަމާޢަތްތައް ސުލްހަވެ އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރުމަށް ރޭ ޖަޒާއިރުގައި އެއްބަސްވެއްޖެއެވެ.

ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫނުގެ ބެއްލެވުމުގެ ދަށުން މި ކަމަށް އެއްބަސްވީ "ޖަޒާއިރު އިޢުލާން" އެއްބަސްވުމުގައި ރޭ ސޮއިކުރުމުންނެވެ. މި ކަމަށް ޓަކައި ޖަޒާއިރުގައި ރައީސް  ތައްބޫނު ބޭއްވެވި ރަސްމިއްޔާތަކީ އޭނާ ސިފަކުރެއްވި ގޮތުގައި "މިއީ ވަރަށް ތާރީޚީ" އެއްބަސްވުމެކެވެ. 

    ދެހާސް ހަތްވަނަ އަހަރުގެ ހޫނުމޫސުމުން ފެށިގެން ފަލަސްޠީނުގެ މަސްރަޙު ވަނީ ސިޔާސީ ގޮތުންނާއި ޖޯގުރަފީ ގޮތުން ވަރަށް ބޮޑަށް ބައިބައިވެފައެވެ. ޣައްޒާ ސަރަޙައްދު ޙަމާސުގެ ބާރުގެ ދަށުގައި އޮތްއިރު ހުޅަނގު އައްސޭރީ އޮތީ ފަތަޙަ ޖަމާޢަތުން އެކުލަވައިލައިފައިވާ ފަލަސްޠީނު ސަރުކާރުގެ ބާރުގެ ދަށުގައެވެ. މި ސަރުކާރުގެ ރައީސަކީ މަޙްމޫދު ޢައްބާސެވެ.

ޖަޒާއިރުގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު ފާއިޒު އަބޫ ޢީޠާ މި އެއްބަސްވުމުގެ މާއްދާތައް ވިދާޅުވެ ދެއްވަމުން ވިދާޅުވި ގޮތުގައި ނުވަ މާއްދާ ހިމެނޭ މި އެއްބަސްވުމުގެ ސަބަބުން "ފަލަސްޠީނުގެ ބައިބައިވުން ނިމުމަކަށް އައިސް ވަޠަނީ މަޞްލަޙަތު  ޙާޞިލުވެގެންދާނެއެވެ." 

ޖަޒާއިރުގެ ރައީސް ތައްބޫން ފަލަސްޠީނުގެ ރައްޔިތުންގެ އެދުމަށް އިޖާބަ ދެއްވި ފަލަސްޠީނުގެ ހުރިހާ މަސްއޫލުވެރީންނަށް ޝުކްރު އަދާކުރެއްވިއެވެ.

ރައީސް ތައްބޫން ވދާޅުވިއެވެ. "67ގެ ސަރަޙައްދުތެރޭގައި ފަލަސްޠީނުގެ ދައުލަތް އެ ދައުލަތުގެ ރުކުންތަކާއެކު ކައިރި މުސްތަޤްބަލެއް ޤާއިމު ކުރެވިގެން ދިޔުމަށް އަޅުގަނޑުމެން އުންމީދު ކުރަމެވެ. މި ދައުލަތުގެ ވެރިރަށް ކަމުގައި ޤުދްސު ވާންޖެހޭނެއެވެ."

ރައީސް ތައްބޫން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މީގެ 40 އަހަރު ކުރިން ހަމަ މި މާލަމުގައި މި ފަންގެފިލާގެ ދަށުގައި ޔާސިރު ޢަރަފާތު ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރެވުނުކަން އިޢުލާން ކުރެއްވިއެވެ. އެ ދައުލަތާ މުއާމަރާތަކާއި މަސްއަލަތަކާއި އަޑިގުޑަންތަކާ ކުރިމަތިވިއެވެ. އެހެންކަމުން މިއަދަކީ ތާރީޚި ދުވަހެކެވެ. ފެންގަނޑު އަނބުރާ އޭގެ މަގަށް ރުޖޫޢަވެއްޖެއެވެ." 

ޖަޒާއިރުގެ ވެރިރަށުގައި ބޭއްވި ފަލަސްޠީނުގެ ބައްދަލުވުމުގައި ފަލަސްޠީނުގެ 14 ޖަމާޢަތަކުން ބައިވެރިވިއެވެ. 

ޖަޒާއިރު އިޢުލާން

މި އިޢުލާނުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:-

  • ފަލަސްޠީނު ރައްޔިތުންގެ ޤާނޫނީ އަދި ޝަރްޢީ ލަނޑުދަނޑިތައް ޙާޞިލުކޮށްދިނުމަށް ޓަކައި އިސްރާއީލާ ދެކޮޅުހެދުމުގައްޔާއި އިސްރާއީލާ ކުރިމަތިލުމުގެ ބިންގާ ކަމުގައި ފަލަސްޠީނުގެ އެއްބައިވަންތަކަން ހަދައި ކަށަވަރުކޮށްދިނުން
  • ފަލަސްޠީނުގެ ވަޠަނީ ބާރުތަކުގެ މެދުގައި ސިޔާސީ ބައިވެރިވުމުގެ އުޞޫލު ގެންގުޅުން
  • ބައިބައިވުން ނައްތައިލައި ވަޠަނީ މަޞްލަޙަތު ޤާއިމު ކުރުމަށް ޓަކައި ޢަމަލީ ފިޔަވަޅުތައް އަޅާން ފެށުން
  • ފަލަސްޠީނު ރައްޔިތުން ތަމްސީލުކުރާ ޝަރްޢީ ހަމައެކަނި ފަރާތަކީ ޕީއެލްއޯ ކަމަށް ވާތީ އެ ޖަމާޢަތުގެ ދައުރު ތަރައްޤީކޮށް ހަރުދަނާކުރުން 
  • ޕީއެލްއޯއަކީ ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކެއް ބައިވެރިވާ މުއައްސަސާއަކަށް ވާންޖެހޭނެކަން
  • ފަލަސްޠީނުގެ ވަޠަނީ މަޖިލިސް އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ކުރުން. މި މަޖީހުގައި ފަލަސްޠީނުގެ ޖަމާޢަތްތައް ބަލައިގެންފައިވާ ޤާނޫނުތަކާއި އެއްބަސްވެފައިވާ ނިސްބަތުން ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކެއް ހިމަނަން ވާނެ. އަލަށް އިންތިޚާބު ކުރެވޭ މަޖިލީހުގެ އިފްތިތާޙީ ބައްދަލުވުން ޖަޒާއިރުގައި ބޭއްވުމަށް ވެސް އެއްބަސްވުން
  • މި އެއްބަސްވުމުގައި ސޮއިކުރެވޭތާ އެއް އަހަރު ދުވަހުގެ ތެރޭގައި ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުޅަނގު އައއްސޭރިއާއި ޤުދްސާއި ޣައްޒާގައި ރިޔާސީ އަދި ބަރްލަމާނީ އިންތިޚާބު ބޭއްވުން.
  • ފަލަސްޠީނުގެ ރައްޔިތުންގެ އިޖްތިމާޢީ ބިނާތަކާއި ޤައުމުގެ ބިނާރުތައް އާރާސްތުކުރުމަށް ޓަކައި ފަލަސްޠީނުގެ ވަޠަނީ ހުރިހާ މުއައްސަސާތަކެއް އެކަތިގަނޑަކަށް ހެދުމާއި ހުރިހާ ހަކަތަތަކަކާއި ތަނަވަސްވެފައިވާ ހުރިހާ މުއްސަނދިކަމެއް ޚިދްމަތްތެރި ކުރުވުން
  • ބައިބައިވުން ނިމުމަކަށް ގެނައުމާއި ވަޠަނީ ސިޔާސީ ބައިވެރިވުމާއި ވަޠަނީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ޓަކައި ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުގެ އަމީން ޢާންމުންގެ އާލިއްޔަތެއް (މެކޭނިޒަމެއް) ޤާއިމުކޮށް ތަންފީޒު ކުރުން
  • ފަލަސްޠީނާއެކު އެއްބާރުލައިގެން މި އެއްބަސްވުން ތަންފީޒު ކުރުމާއި އެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަހައްޓާނީ ޢަރަބި ޤައުމުތަކުންނާއި ޖަޒާއިރުގެ މަސައްކަތު ޓީމަކުން
  • މި މަސައްކަތު ޓީމުގެ ރިޔާސަތު ބަލަހައްޓާނީ ޖަޒާއިރުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *