ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ބައިނަލް އަޤްވާމީ ޤާނޫނާއި އދގެ ހުރިހާ ޤަރާރުތަކަކާ ޚިލާފަށް ހަދަމުންދާ ޔަހޫދީ އާބާދީތަކުގައި ވަޒަންވެރިކުރުވުމަށް ޓަކައި މިލިޔަނެއްހާ ޔަހޫދީން ބޭރުން އެތެރެކުރާން ރާވައިފައިވާ ކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.
ވަޒަންވެރިކުރުވުމާ ބެހޭ ސަރަޙައްދީ މަޖިލިސް ޝަމްރޯންގެ ރައީސް ޔޫސީ ދަގަން އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫހަށް ވިދާޅުވިއެވެ. "ޔަހޫދާއަށާއި ސާމިއްރާއަށް އަހުރެމެން އެތައް މިލިޔަން ޔަހޫދީންނެއް ގެންނާނަމެވެ."
ޔަހޫދާއާއި ސާމިއްރާއަކީ އިސްރާއީލުން ހުޅަނގު އައްސޭރީގެ ހުރިހާ ބިންތަކެއް ޝާމިލުވާ ގޮތަށް ދީފައިވާ ސިޔާސީ އިދާރީ ނަމެކެވެ. މި ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި ބޮޑެތި އާބާދީތަކެއް ހައްދަވާނެ ކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި މި އަންނަ އިންތިޚާބުގައި އޭނާ ބޮޑުވަޒީރުކަމަށް ހޮވައިފިނަމަ އޭނާ މި މަސައްކަތް ފަށްޓަވާނެއެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ އާބާދީތަކުގައި މި ވަގުތު އުޅެނީ ބައި މިލިޔަނެއްހާ ޔަހޫދީންނެވެ.
ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޙަމަލާގެ އިސް މަސްއޫލުވެރިއާ ކަމުގައިވާ ދަގަން ވިދާޅުވާ ގޮތުގައި އާބާދީތައް އިތުރުކޮށް ވަޒަންވެރީން ގިނަކޮށްގެން ނޫނީ އެތަންތަނަށް ދެވޭ ޙަމަލާތަކުން އެ ތަންތަން ޙިމާޔަތެއް ނުކުރެވޭނެއެވެ.
އޭނާ މި ކަމަށް ތާއީދުކޮށް ބޭއްވި ހިނގައިލުން ފެށުމުގެ ކުރީން އިސްރާއީލުގެ ސިފައިންގެ މީހަކު ވަނީ މަރައިލެވިފައެވެ. މި ޙަމަލާ ދެވިފައިވަނީ މި ހިނގައިލުން ފަށަން ހަމަޖައްސައިފައިވާ ތަނާ ތިން ކީލޯމީޓަރު ދުރު ހިސާބަކުންނެވެ. ދަގަން ވިދާޅުވި ގޮތުގައި މި ހިނގައިލުމަށް ހުރަސް އަޅާންވެގެން މި ދިން ޙަމަލާ ދީފައިވަނީ ނާބްލުސްގެ ދޮރޯށި ކައިރީންނެވެ. މި ކަމާވިދިގެން އޭނާ އިސްރާއީލު ސިފައިންނަށް ފަލަސްޠީނު މީހުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ގޮވައިލެއްވިއެވެ.އޭނާ ވިދާޅުވި ގޮތުގައި 2002 ގައި އިސްރާއީލު ސިފައިން ހިންގި "ވާކީ އައްޑަނަ" ޙަމަލާފަދަ ޙަމަލާއެއް ފަށަން ވަނީ ޖެހިފައެވެ.
އޭނާ ފަލަސްޠީނު މީހުންނަށް މިނިވަންކަމާއެކު ޙަރަކާތްތެރިނުވެވޭނެ ފަދަ ގޮތަކަށް އެމީހުންގެ ޙަރަކާތްތައް ޤައިދު ކުރުމަށް ގޮވައިލެއްވިއެވެ.
ދީނީ ޞިހްޔޫނީ ޕާޓީގެ ރައީސް ބެޓްސްލާއިލް ސުމޯޓަރިޝް ވިދާޅުވިއެވެ. "އަހުރެމެން މި މަސައްކަތް އިސްރާއީލުގެ ބިމަށް ޓަކައި ލޯތްބާއި ޤުރްބާނީއާއެކު ކުރާނަމެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "ނާބްލުސް ފަރުބަދަ ސަރަޙައްދު ތަރައްޤީ ކުރެވިފައިވާ ގޮތް ނިކަން ދެކެބަލާށެވެ! އެއްވެސް މީހަކު ތެދެއް ނުކުރާނެއެވެ. ކުރިމަގުގައި މި ސަރަޙައްދު އޮންނާނީ އިސްރާއީލުގެ ސިޔާދަތުގެ ދަށުގައި އެއް ސަރަޙައްދެއްގެ ގޮތުގައެވެ."
ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދައިފައިވާ އާބާދީތަކުގައި 475 ހާސް ޔަހޫދީން މިއަދު ދަނީ ދިރިއުޅެމުންނެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ކަމެކެވެ. އެމެރިކާއާއި ހުޅަނގުގެ މިނިވަން ޤައުމުތަކުން މި ކަން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެ ޤައުމުތަކުން ދަނީ ފައިސާއިންނާއި އެހެނިހެން ވަސީލަތްތަކުން އެ ކަމަށް ހިތްވަރުދެމުންނެވެ. ފަލަސްޠީނުގެ ދައުލަތް ބިނާކުރާން އޮތް ބިން މި ގޮތަށް ފޭރިގަތުމުން ފަލަސްޠީނުގެ ދައުލަތް ބިނާކުރާނީ ކޮން ތަނެއްގައި ބާވައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑް ވިދާޅުވާ ގޮތުގައި ދެ ދައުލަތުގެ ޙައްލަށް އޭނާ ތާއީދު ކުރައްވައެވެ.



advertisment