އުތުރު ކޮރެޔާ އަތުން ނިޔުކްލިއަރ ހަތިޔާރު ނިގުޅައިގަތުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވެއްޖެކަން ޤަބޫލުކުރުމަށް ތަޖްރިބާކާރުން އެމެރިކާއަށް ގޮވައިލައްވައިފިއެވެ. އިނގިރޭސި ވިލާތުގެ ފައިނަންޝަލް ޓައިމްސް ބުނާގޮތުގައި އެބޭފުޅުން ވޮޝިންގްޓަނަށް ގޮވައިލައްވަނީ އެ ބުރަ މަސައްކަތުގެ ބަދަލުގައި އުތުރު ކޮރެޔާގެ ނިޔުކްލިއަރ ހަތިޔާރުގެ ބިރު ކުޑަކުރެވޭތޯ މަސައްކަތްކުރުމަށެވެ.
މި މަހު ހަތަރު ވަނަ ދުވަހު އުތުރު ކޮރެޔާއިން ވަނީ ޖަޕާނު މަތިން އުދުހުނު ބޮލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފައެވެ. މިއީ 2017ވަނަ އަހަރު ފަހުން އުތުރު ކޮރެޔާއިން ޖަޕާނުމަތިން އުދުހޭގޮތަށް ކުރި ފުރަތަމަ ތަޖްރިބާއެވެ. އެމެރިކާއާއި ދެކުނު ކޮރެޔާ މި ކަމަށް ރައްދު ދިނުމަށް ޓަކައި ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ބޭއްވިއެވެ. އަދި ޖަޕާނު ކަނޑުގައި މިސައލްތައް އަރުވާ އުތުރު ކޮރެޔާއަށް ބިރުދެއްކިއެވެ. ދެކުނު ކޮރެޔާއިން އެރުވި މިސައިލްތަކުން އެއް މިސައިލް ދެކުނު ކޮރެޔާ ތެރެއަށް ވެއްޓުނެވެ.
ޢަސްކަރީ ދާރިސުންނާއި މުޙައްލިލުންނާ ޙަވާލާދީ މި ނޫސް ބުނާގޮތުގައި އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާގެ ރައްދު ފިޢުލުތަކުން އެނގެނީ އުތުރު ކޮރެޔާގެ ނިޔުކްލިއަރ ޕޮގްރާމު ވަށައިލުމުގައި އެ ތިން ޤައުމު ގޮތް ހުސްވެފައިވާ ކަމެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާއާއި އެމެރިކާގ ބައިވެރީން މަސައްކަތް ކުރާންވީ ކޮރެޔާ ޕެނިންސުލާގައި ނިޔުކްލިއަރ ހަނގުރާމައެއް ފެށުނަ ނުދިނުމަށް ޓަކައި އުތުރު ކޮރެޔާއާއެކު އެއްބަސްވުމެއް ހެދުމަށެވެ.މި ކަމުގެ ސަބަބުން އުތުރު ކޮރެޔާއަކީ ނިޔުކްލިއަރ ބާރެއްކަން ޤަބޫލު ކުރާން ޖެހޭތީ މި ކަމަށް ވޮޝިންގްޓަނުން އިޖާބައެއް ނުދޭނެއެވެ.
ބައިނަލް އަޤްވާމީ ޞުލްޙަޔާ ބެހޭ ކާރނެގީ މުއައްސަސާގެ ތަޖްރިބާކާރެއް ކަމުގައިވާ އެންކެޓް ބަންޑާ ވިދާޅުވިއެވެ. "އުތުރު ކޮރެޔާ އަތުން ނިޔުކްލިއަރ ހަތިޔާރު ނިގުޅައިގަތުމަށް ވޮޝިންގްޓަނުން ކުރަމުން ދިޔަ މަސައްކަތް ހަމައެކަނި ނާކާމިޔާބުވީއެއް ނޫނެވެ. އެކަން ވަނީ ވަރަށް ހެއްވާކަމަކަށް ވެފައެވެ." އޭނާ ވިދާޅުވިއެވެ. "އުތުރު ކޮރެޔާ މި ވަނީ ކާމިޔާބު ހޯދައިފައެވެ. އެއީ ވަރަށް ހިތި ބޭހެކެވެ. އެހެނަސް މިއަދު މި ވނީ މި ހިތި ބޭސް ބޯންޖެހިފައެވެ."
ސޯލްގެ ކޮކްމަން ޔުނިވަރސިޓީގެ ތާރީޚާބެހޭ އުސްތާޒެއް ކަމުގައިވާ އެންޑްރޭ ލެންކޯވް ވިދާޅުވާ ގޮތުގައި ކިމްގެ މެސެޖަކީ "އަހުރެމެންގެ އަތުގައި ނިޔުކްލިއަރ ހަތިޔާރު އެބަ ހުއްޓެވެ. އެ ހަތިޔާރު ދާއިމަށް ރައްކައުތެރިކޮށް ބަލަހައްޓާނަމެވެ. އަހުރެމެން ދެކޭ ގޮތަކަށް އެ ހަތިޔާރު ބޭނުން ކުރާނަމެވެ."
އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެޔާ އަތުން ނިޔުކްލިއަރ ހަތިޔާރު ނިގުޅައިގަތުމަށް ވޮޝިންގްޓަނުން މަސައްކަތްކުރާހާ ދުވަހަކު އުތުރު ކޮރެޔާ އެމެރިކާއާއެކު ވާހަކައެއް ނުދައްކާނެއެވެ. އެމެރިކާގެ ކޮންގްރެހާއި އެމެރިކާގެ ރައްޔިތުން އުތުރު ކޮރެޔާ އަމާންދިނުންނޫން ގޮތެއް ޤަބޫލެއް ނުކުރާނެއެވެ.
ލެންކޯވް ވިދާޅުވިއެވެ. "އެމެރިކާގެ ރައްޔިތުން ޙާޞިލުކުރާން މި އެދޭ ހުވަފެން އެމީހުންނަށް ޙާޞިލެއް ނުކުރެވޭނެއެވެ. އުތުރު ކޮރެޔާއިން ވަނީ "މި ކުޅި" ނުކުޅޭނެ ކަމަށް ސާފުކޮށް ބުނެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަސްއަލަ ޙައްލު ނުކޮށް އެމެރިކާއިން ކުރިއަށްދާނަމަ އުތުރު ކޮރެޔާގެ ހަތިޔާރު ކޮށާރު ދުވަހެއް ދުވަހަކަށް ވާނީ އިތުރެވެ. މި ކަމަށް ޓަކައި ދައްކާން ޖެހޭނީ އަގު ދާނީ ބޮޑުވަމުންނެވެ."



advertisment