Support Us

ނޭޓޯއާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ދާންޖެހިދާނެ: ރަޝިޔާ

ޔުކްރޭނުގެ ހަތަރު ސަރަހައްދެއް ރޫސީ އިއްތިޙާދުގެ ބަޔަކަށް ހެދުމާ ބެހޭގޮތުން ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން މިދިޔަ ބުދަ ދުވަހު ދުސްތޫރީ ޤާނޫނެއްގައި ސޮއިކުރެއްވުމާއި މި ޤާނޫނަށް ރަޝިޔާގެ ބަރްލަމާނުގެ މަތިގެ (އިއްތިޙާދު މަޖިލިސް) އާއި ތިރިގެ (ޑޫމާ) ތާއީދުކޮށް ރުހުން ދިނުމާ ވިދިގެން މި ހަތަރު ސަރަޙައްދު ރަޝިޔާ އިއްތިޙާދުގެ ބަޔަކަށް ވެއްޖެ ކަމަށް ރިޕޯޓަރުންނާއި ދާރިސުން އެއްބަސްވެއެވެ. 

ޔުކްރޭނުގެ ޑޮނެޓްސްކާއި ލޮގާންސްކާއި ޒަބަރޯޖިޔާއާއި ޚަރްސަންގެ ވެރީން ގަވަރުނަރުންގެ މަޤާމަށް ރައީސް ޕޫޓިން މިހާރު ވަނީ އިސްކުރައްވައިފައެވެ. އެ ސަރަޙައްދުތަކުގައި ބާއްވާ ޢާންމު އިންތިޚާބަކުން ރަސްމީ ވެރީން އިންތިޚާބު ކުރެވެންދެން އެ ބޭފުޅުން ވެރިކަމުގައި ތިއްބަވާނެއެވެ. އެ ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދުގެ ތެރެއަށް ވަނުމުގެ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަވާނީ 2026 ގައެވެ. އޭރުން އެ ސަރަޙައްދުގެ ސިފައިންގެ ބާރުތައް ވެސް ވާނީ ރޫސީ ޢަސްކަރިއްޔާގެ ބަޔަކަށެވެ. ރައީސް ޕޫޓީންގެ ޤަރާރާ ވިދިގެން އެ ސަރަޙައްދުތަކުގައި ދެން ހިނގާނީ ރޫސީ އިއްތިޙާދުގެ ޤާނޫނުތަކެވެ. އެހެންކަމުން އެ ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ޔުކްރޭން ޤާނޫނުތައް އުވިގެންދާނެއެވެ.  

ރަޝިޔާގެ މި ފިޔަވަޅުތަކާ ވިދިގެން ހުޅަނގުން ވަނީ ޔުކްރޭނަށް ދޭ ޢަސްކަރީ އެހީތައް އިތުރުކޮށްފައެވެ. އެމެރިކާގެ ރައީސް ބައިޑްން ވަނީ 625 މިލިއަން ޑޮލަރުގެ އިތުރު އެހީ ޔުކްރޭނަށް ދިނުމަށް އަމުރު ކުރައްވައިފައެވެ. މި އެހީގެ ދަށުން ޔުކްރޭނަށް ހައިމާރސް ނިޒާމުތަކާއި އާޓިލަރީ ޒަމާނީ ހަތިޔާރުތައް ލިބޭނެއެވެ. މިކަމާ ވިދިގެން ރަޝިޔާއިން އިންޒާރުކުރާ ގޮތުގައި ހުޅަނގުގެ މި އެހީތަކުގެ ސަބަބުން ރަޝިޔާއާ ނޭޓޯ "ސީދާ ކޯޅުމަކަށް" ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ހަތިޔާރާ ބެހޭ އިދާރާގެ ޑިރެކްޓަރުގެ ނައިބު ކޮންސްޓެންޓީން ފްރޮންޓްސޯވް އދ.ގެ ޢާންމު ޖަމްޢިއްޔާގެ ފުރަތަމަ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެމެރިކާއިން ޔުކްރޭނަށް ހަމައެކަނި ހަތިޔާރު ދެނީއެއް ނޫނެވެ. ރަޝިޔާގެ ޢަސްކަރިއްޔާއާ ބެހޭ ޖާސޫސީ މަޢުލޫމާތު ވެސް ދެނީއެވެ. ޔުކްރޭންގެ ސިފައިންނަށް ހަނގުރާމައިގެ ކަންތައްތައް ރާވައިދީ ލަފާވެސް ދެނީއެވެ. މީގެ އިތުރަށް ޔުކްރޭން ސިފައިންނަށް ދަނީ ތަމްރީނު ވެސް ދެމުންނެވެ. މި ކަމުގެ ސަބަބުން ރަޝިޔާއާއި ނޭޓޯ ސީދާ ކުރިމަތިލުމަކާ ހަމައަށް ދާން ކައިރިވާން ފަށައިފިއެވެ."  

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕެޓްރޮޝީވް ވިދާޅުވާ ގޮތުގައި ރަޝިޔާއާ ދެކޮޅަށް ޢަމަލީ ގޮތުން މިހާރު ހަނގުރާމަ ކުރަނީ ނޭޓޯއެވެ.

ޕެޓްރޮޝީވް ކްރިމިޔާގައި މި ދިޔަ ބުދަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ، "ޔުކްރޭންގެ ރައްޔިތުން އައު ނާޒީންގެ ކިބައިން މިނިވަންކޮށް ދިނުމަށް ކުރަމުންދާ ހަނގުރާމައިގައި މިހާރު ހަނގުރާމަކުރަމުން މި ދަނީ ހަމައެކަނި ޔުކްރޭން ސިފައިންނަކާ ނޫނެވެ. ޢަމަލީގޮތުން އަހުރެމެން މިހާރު މި ހަނގުރާމަ ކުރަނީ ކިޔީވަށް ބަރު ހަތިޔާރާއި ޖާސޫސީ މަޢުލޫމާތުދީ އެމީހުން ތަމްރީނުކޮށް ހަނގުރާމަ ކުރުމަށް ރާވައިދޭ ނޭޓޯއާއެވެ." އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ވޮޝިންގްޓަނުން ދަނީ ރަޝިޔާއާ ދެކޮޅަށް ކުރިމަތިލުމަކަށް ޔޫރަޕް ކޮއްޕަމުންނެވެ. 

ވޮޝިންގްޓަންގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓަނޯވް ވިދާޅުވިއެވެ. "އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ދެމުން ގެންދިޔުމުން އެމެރިކާ މި އަރާރުމުގެ ބައިވެރިއަކަށް ވެއްޖެއެވެ."

އޭނާއާ ޙަވާލާދީ ޓާސް ނޫސް އޭޖެންސީ ބުންޏެވެ. "އެމެރިކާއިން ޔުކްރޭނަށް ދެމުންދާ ތާއީދާއި މަދަދާއި ހަތިޔާރުގެ ސަބަބުން އަހުރެމެންގެ ޤައުމުގެ އިސްތިރާތީޖީ މަޞްލަޙަތަށް ބިރަކާ ކުރިމަތިވެއްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި މި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް ލޭތައް އޮހޮރިގެންދާނެއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ތަޙައްމުލު ކުރާންވެސް ޖެހޭނެއެވެ. މީގެ އިތުރަށް މި ކަމުގެ ސަބަބުން ރަޝިޔާއާއި ހުޅަނގާ ދެމެދުގައި ޢަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *