އީރާނުގައި ހިނގަމުންދާ ގަޑުބަޑުތަކުގެ އަޑީގައި އޮތީ އެމެރިކާއާއި އިސްރާއީލު ކަމަށް އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީ މިއަދު ވިދާޅުވެއްޖެއެވެ.
ޚާމަނައީ ދެއްވި ބަޔާނުގައި ވިދާޅުވިއެވެ. "މި އިޙްތިޖާޖުތަކަކީ ރާވައިގެން ހިންގައިފައިވާ ކަމެކެވެ. މިއީ އީރާނުގެ އާދައިގެ މީހުންގެ ކަމެއް ނޫނެވެ." އޭނާ ސިފަކުރެއްވި ގޮތުގައި މި ގަޑުބަޑުތަކަކީ "ޤާނޫނާ ޚިލާފު ނުކިޔަމަންތެރި ޢަމަލެކެވެ." އޭނާ ތުހްމަތު ކުރެއްވި ގޮތުގައި މިއީ "އެމެރިކާއާއި އިސްރާއީލުގެ ރޭވުމެކެވެ."
މި ގަޑުބަޑުތައް މައިތިރިކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ޚާމަނައީ މިއަދު ވަނީ ތާއީދު ކުރައްވައިފިއެވެ. އީރާނުގެ ފުލުހުން ހައްޔަރުކުރި އަންހެނެއް ކަމުގައިވާ މަހްސާ އަމީނީ މަރުވުމުން ފެށުނު މި އިޙްތިޖާޖުތައް ކުރިއަށްދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފުލުހުން ބުނާގޮތުގައި އަމީނީ މަރުވިމަރުވުމަކީ އިއްތިފާޤީ ކަމެކެވެ. މި ހަމަނުޖެހުން ފެށިފައި ވަނީ މި ދިޔަ ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބުގައެވެ.
އީރާނުގެ ސަލާމަތީ ބާރުތަކުން ހިސާބަށްވުރެ ހަރުކަށި ބާރުތައް ބޭނުންކުރަމުންދާ ކަމަށް އެމެރިކާއާއި އިސްރާއީލާއި ޔޫރަޕްގެ ޤައުމުތަކުން ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.
ޚާމަނައީ ތުހްމަތު ކުރެއްވި ގޮތުގައި މުޒާހިރީން ވަނީ އީރާނުގެ މަގުމަތީގެ ހަމަހިމޭންކަން ނަގައިލައިފައެވެ. އޭނާ ވިދާޅުވިއެވެ. "އެ ކުއްޖާގެ މަރަކީ އިއްތިފާޤީ ކަމެކެވެ. އެހެނަސް އެއީ ހިތްދަތިކުރުވި ކަމެކެވެ."
މި މުޒާހަރާތައް ހިނގަމުން ދިޔަ ދުވަސްތަކުގައި ޚާމަނައީ ހުންނެވީ އެ ކަމާ ބެހޭގޮތުން ބަސްފުޅެއް ވިދާޅުނުވެއެވެ. މުޒާހިރީން ޚާމަނައީއާ ދެކޮޅަށް ވެސް އަޑު އުފުލިއެވެ. އޭނާގެ ފޮޓޯފުޅާއި ކުރީގެ ޒަޢީމު އާޔަތުﷲ ރޫޙުﷲ ޚުމައިނީގެ ފޮޓޯފުޅުތައް ވީދައި އުކައިލިއެވެ.
މުޒާހަރާތައް ފެށުނީ އަމީނީގެ ޖަނާޒާގެ ތެރޭގައި އީރާނުގެ ކުރުދިސްތާނުގައެވެ. މި މުޒާހަރާތަކުގައި ދީނީ މީހުންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވައިލިއެވެ.
އީރާނުގެ ތަފާތު ހިސާބުހިސާބުގައި މުޒާހަރާތައް އަދިވެސް ކުރިއަށް ދާކަން ފާހަގަ ކުރެވެއެވެ. އިއްޔެ ޠަހަރާނުގެ ޖާމިޢަތު ޝަރީފުލް ކަބީރާ ޔުނިވަރސިޓީގައި ބައެއް ދަރިވަރުން މުޒަހަރާ ބޭއްވިއެވެ. އީރާނުގެ އެތައް ސަހަރުތަކެއްގައި ވެސް މުޒާހަރާތައް ބޭއްވިއެވެ. މުޒާހަރާތައް ބޭއްވެމުންދަނީ ޠަހަރާނާއި ކަރްމަންޝާހާއި ޝީރާޒާއި މަޝްހަދު ފަދަ ބޮޑެތި ސަހަރުތަކުގައެވެ. މުޒާހަރާގެ ބައިވެރީން ޚާމަނައީއަށް މަރު ހުއްޓޭ ކިޔާ އަޑު އުފުލިއެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެތެރެއިން މިހާތަނަށް ބަލާއިރު 133 މީހަކު މަރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކާބެހޭ އީރާނުގެ ޖަމްޢިއްޔާއަކުން ބުންޏެވެ. ސަރުކާރުން ބުނާގޮތުގައި މުޒާހަރާކުރާ މީހުންގެ ޙަމަލާތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.
މިއީ 2019ވަނަ އަހަރުގެ ނޮވެންބަރުގައި ތެލުގެ އަގު މައްޗަށް ދިޔުމާ ވިދިގެން ބޭއްވުނު އިޙްތިޖާޖުތަކަށް ފަހު އީރާނުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ.



advertisment