Support Us

ކޮލަމް ގަލަން: މިއީ ރިބާއަކާ ނުލައި ބޭންކުން ލޯނު ދެވިދާނެ ތިއަރީއެއް

ދަރަންޏަށް ފައިސާ ނެގުމުގެ މުހުތާދާ ގުޅިފައިވާނީ އިންސާނީ ހަޔާތާއެވެ. އަދި ދަރަންޏަށް ފައިސާ ނުނަގާ ފަރުޖެއްސޭނީ ވެސް ވަރަށް މަދު ބަޔަކަށެވެ. ގިނަ ފަހަރަށް ފައިސާ ދަރަންޏަށް ހޯދަން ދާންޖެހެނީ ބޭންކުތަކަށެވެ. ބޭންތަކުގައި ހުންނަނީ އާއްމުންގެ ފައިސާ ކަމަށްވާތީވެ ފައިދާއަކާ ނުލައި އެއިން ފައިސާއެއް ބޭނުންކުރެވޭ ގޮތެއް ނޯވެއެވެ. ބޭންކުތަކުގައި ހުންނަ ފައިސާތައް ބޭނުންކުރެވޭނީ ވިޔަފާރި އުސޫލުން އެކަންޏެވެ. އެހެންކަމުން ބޭންކުތަކުން ފައިސާއެއް ދަރަންޏަށް ދޫކުަރަނީ ނަމަ މިހާރު އަމަލުކުރާ އުސޫލަކީ އެއަށް އިންޓަރެސްޓު ނެގުމެވެ. ނަގުދު ފައިސާއެއް ދަރަންޏަށް ދީފައި އެ ދިން އަދަދުގެ އިތުރަށް އަނބުރާ ދެއްކުމަށް ޝަރުޠުކޮށްފިނަމަ އެވަނީ ރިބާއަކަށެވެ. ރިބާއަކީ މުސްލިމު އުއްމަތަށް ހަރާން އެއްޗެކެވެ. އަދި މުސްލިމު ނޫން އުއްމަތްތައް ވެސް ރިބާގެ ނުރައްކަލާ މެދު ކަންބޮޑުވެއެވެ. އެހެންކަމުން ރިބާއަކާ ނުލައި ލޯނެއް ދެވިދާނެ ގޮތެއް ޝަރުޢީ ގިއުގަނޑުން ބޭރުނުވެ ހޯދިދާނެތޯ ދިރާސާއެއް ކުރުންވަނީ މުހިންމުވެފައެވެ.

އިސްލާމީ ބައެއް ބޭންކުތަކުން ރިބާއަކާ ނުލައި ލޯނުދިނުމަށް މިވަގުތު ބޭނުންކުރަނީ "ތަވައްރުޤު"ގެ އުސޫލެވެ. އޭގެ މިސާލަކީ: ބޭންކުން މީހަކަށް ލޯނެއް ދޭންވެއްޖެ ނަމަ އެ އަދަދަކަށް އޭނާއަށް މަހުން މަހަށް ދައްކާ ގޮތަށް މުދަލެއް ދަރަންޏަށް ވިއްކުމެވެ. މިސާލަކަށް ކަސްޓަމަރަށް 100 ބަސްތާ ހަނޑޫ ދަރަންޏަށް ވިއްކައިލުމެވެ. ދެން އެމީހަކު އެ މުދަލެއް (އެ ހަނޑޫ) އަތުލުމަށްފަހު އެހެން ފަރާތަކަށް އެ ހަނޑޫ ވިއްކާފައި ފައިސާ ބޭނުންކުރުމެވެ. ނަމަވެސް އެ މުއާމަލާތް އޭގެ ހަގީގަތާ އެއްގޮތަކަށް ކޮށްފިނަމަ އެއީ ބުރަ ތަކުލީފެކެވެ. ސަބަބަކީ އަސްލަކީ ބޭންކަކުން މިސާލަކަށް 100 ބަސްތާ ހަނޑޫ މީހަކު ގެންފި ނަމަ އެ މީހަކު ޖެހޭނީ އެ 100 ބަސްތާ ހަނޑޫ ނަގައިގެން އޭނާގެ މިލްކުވެރި ތަނަކަށް ގެންދާށެވެ. އެއީ މުދާތައް ވިއްކުމަށްފަހު އިސްޓޯރުގައި ގިނަ ދުވަހު ބެހެއްޓުމަކީ އާއްމު އުސޫލަކަށްނުވާތީއެވެ. ނުވަތަ މުދާ ގަންނަ މީހާ ޖެހޭނީ ވިއްކި ބަޔަކަށް އިތުރު ފައިސާ ދީގެން ނުވަތަ އެމީހުންގެ ރުހުން ހޯދައިގެން އެތަކެތި ވަކި މުއްދަތަކަށް އެ އިސްޓޯރުގައި ބަހައްޓުވާށެވެ. އެއަށްފަހު އޭނާ ޖެހޭނީ އެމުދާ (އެ ހަނޑޫ) ގަންނާނެ މީހަކު ހޯދައިގެން ވިއްކާށެވެ. އެހިނދު މީހަކު ބޭނުންވާ އަގަކަށް އެ މުދާ (އެ ހަނޑޫ) އެއްފަހަރާ ގަންނާނެ މީހަކު ލިބުމާއި ނުލިބުމުގެ ކަންބޮޑުވުމެއް ވެސް އޮންނާނެވެ.

އެފަދަ ދަތިތައް ދުރުކުރުމަށް ޓަކައި ބައެއް ބޭންކުތަކުން ހުންނަނީ ބައެއް ވިޔަފާރިކުންފުނިތަކާ "ތަވައްރުޤު"ގެ އެއްބަސްވުންތައް ހަދައިފައެވެ. އެހެންކަމުން ކަސްޓަމަރަށް ދަރަންޏަށް ބޭނުންވާ މުދާތައް ވިއްކާ އަދި ދެ ވަނަ ފަރާތަކަށް އެ ތަކެތި ވިއްކައިދެނީ މި ދެންނެވި އެއްބަސްވުންތަކުގެ ދަށުންނެވެ. ގިނަފަހަރަށް ކަސްޓަމަރަކަށް އެވަނީ ކޮން ކަމެއްކަންވެސް ނޭނގެއެވެ. ކަސްޓަމަރު ޖެހޭނީ ބޭންކުން ދައްކާ ލިޔުންތަކުގައި ސޮއިކޮށްލާށެވެ. އިރުކޮޅަކުން ކަސްޓަމަރު އެކައުންޓަށް ވަންނާނީ އޭނާ ބޭނުންވި އަދަދުގެ ނަގުދު ފައިސާއެވެ. އެގޮތަށް އެ މުއާމަލާތް ކުރެވޭތީވެ ބޭންކުތަކުން "ތަވައްރުޤު"ގެ ނަމުން ދަރަނި ނެގުމަށް ވަރަށް ގިނަ އިލްމުވެރީން އިންކާރުކުރައްވައެވެ. ނަމަވެސް "ތަވައްރުޤު"ގެ އަސްލު ހުއްދަވުމާމެދު ދެބަސްވެރިވުމެއް އިލްމުރެރީންގެ މެދުގައި ނުވެއެވެ.

"ތަވައްރުޤުގެ" އަސްލަކީ މީހަކު ދަރަންޏަށް ގަނެފައިވާ މުދަލެއް އޭނާއަށް ބޭނުންތެރިކަމެއް މެދުވެރިވުމުން ދެވަނަ ފަރާތަކަށް ނަގުދު ފައިސާއަށް ވިއްކައިފައި އެ ފައިސާ ބޭނުންކުރުމެވެ. އެއީ ހުއްދަ ކަމެކެވެ. ނަމަވެސް ބޭންކުތަކުން އެ މުޢާމަލާތް ކުރިޔަތް ގެންދާ ގޮތާމެދު ބައެއް އިލްމުވެރީން ކަންބޮޑުވުން ފާޅުކުރެއްވެވީއެވެ. އަދި އެ ފަދަ މުއާމަލަތުގައި ވިޔަފާރީގެ ރުކުންތައް ފުރިހަމަވުމުގައި ޝައްކު އުފެދޭ ކަމަށް ވެސް ބައެއް އިލްމުވެރީން ދެކެއެވެ. އެހެންކަމުން ބޭންކަކުން ދަރަނި ދިނުމަށް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވަރަށް ގިނަ އިލްމުވެރީންނަށް އެއްބަސްނުވެވެއެވެ.

އަނެއްކޮޅުން ވިޔަފާރީގެ އާއްމު އުސޫލަކީ އެ ބަޔަކު އެ ބަޔެއްގެ އުފެއްދުމުން ނުވަތަ ރައުސުލްމާލުން ވިޔަފާރިކުރުމެވެ. އެގޮތުން ބަލައިފި ނަމަ ބޭންކުގެ ރައުސުލްމާލަކީ ނުވަތަ ބޭންކުގެ މުދަލަކީ ނަގުދު ފައިސާއެވެ. އެހެންކަމުން ބޭންކުތަކަށް އެންމެ އެދެވިގެންވަނީ ވެސް ބޭންކުގެ ރައުސުލްމާލުން ނުވަތަ ބޭންކުގެ މުދަލުން ވިޔަފާރިކުރުމެވެ. އަދި ބޭންކުތަކަށް ފަސޭހަވާނީ ވެސް އެގޮތެވެ. ނަމަވެސް ބޭންކުތަކުގައި ހުންނަ އާއްމުންގެ ފައިސާ ދަރަންޏަށް ދޫކުރެވޭނީ ބޭންކަށް ގެއްލުން ނުވާ ގޮތަކަށެވެ. އަދި އެއްވެސް ފައިދާއެއް ހުއްދަ ވިޔަފާރިއަކުން ނޫނީ ބޭންކަކަށް ނުނެގޭނެއެވެ. އެހެންކަމުން ދަރަންޏަށް ފައިސާ ދޫކުރުމުގެ ނިޒާމަށް ހުއްދަ ވިޔަފާރިއެއް ވެއްދިދާނެތޯ ދިރާސާކުރުން މުހިންމުވެއްޖެއެވެ.

ރިބާއަކާ ނުލައި ބޭންކަށް ފައިދާވާ ގޮތަށް ލޯނު ދެވިދާނެ ގޮތެއް އޮތްތޯ ބެލުމަށް އަޅުގަނޑު ދިރާސާއެއް ހެދީމެވެ. ލިބުނު ނަތީޖާއަކީ ބޭންކުތަކުން އަމިއްލަ ކަރަންސީއެއް އުފައްދައިގެން އެއިން ލޯކަލް ބައެއް މާލީ މުއާމަލާތް ކުރަންފަށައިފި ނަމަ ރިބާ ނުހިމެނޭ ގޮތަށް އަދި ބޭންކަށް ގެއްލުމެއް ވެސް ނުވާގޮތަށް ލޯނު ދެވިދާނެ ކަމެވެ.

ރިބާއަކާ ނުލައި ބޭންކަށް ފައިދާވާ ގޮތަށް ލޯނު ދެވިދާނެ ގޮތްތައް

އެކެއް: ފުރަތަމަ ކަމަކީ، ބޭންކުން ބޭންކުގެ ޒާތީ ކަރަންސީއެއް އުފެއްދުމެވެ. އަދި ލޯނު ދިނުމަށާއި އަނބުރާ ލިބިގަތުމަށް ހަމައެކަނި  އެ ކަރަންސީ ބޭނުންކުރުމެވެ. ބޭންކުން ކަރަންސީއެއް އުފެއްދުމާމެދު ހުރި ގޮންޖެހުންތަކާއި އަދި އެ ކަރަންސީން ލޯނު ދިނުމާއި ލިބިގަތުމުގައި ފިގުހުގެ ގޮތުން އިއުތިރާޒުކުރެވޭނެ ޖާގައެއް އޮތްތޯ އާއި އަދި ލޯނު އަނބުރާ ދެއްކުމަށްޓަކައި އެ ކަރަންސީ ލޯކަލް ކަރަންސީއަށް ބަދަލުކުރުމުން ބޭންކަށް ވިޔަފާރި އުސޫލުން ވަންނަ ފައިދާގެ ހުކުން ބަޔާންކޮށް އަރަބި ބަހުން ސައިންޓިފިކު އާޓިކަލެއް ވެސް ލިޔުނީމެވެ. އެ އާޓިކަލް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކު ޔުނިވަރސިޓީގެ ފިގުހުގެ ސައިންޓިފިކު ޖާނަލެއްގައި ޕަބްލިޝްކުރެވިފައެވެ. އެ ޖާނަލަކީ އެ ޔުނިވަރސިޓީގެ ޝަރުޢީ ދާއިރާގެ ފުންނާބު އުސް ޕޮރޮފިސަރުންގެ ބެއްލެވުމުގެ ދަށުން ނެރެވޭ ޖާނަލަކަށްވާތީވެ އެ އާޓިކަލްގައި ހުރި ތިއަރީތައް ޝަރުޢީ ހަމަތަކަށް ފެތޭ ކަމަށް ގަބޫލުކުރެވެއެވެ. އެ އާޓިކަލް އަރަބި ބަހުން ވިދާޅުވެލެއްވުމަށް ތިރީގައި އެވާ ލިންކު ބައްލަވައިލައްވާށެވެ.

https://journals.iium.edu.my/al-fiqh/index.php/al-fiqh/article/view/265/138

އެ ދިރާސާގެ ނަތީޖާ ލިބުނީ ފިގުހުގެ ހަމަތަކުން ބަލާއިރު ބޭންކަށް އަމިއްލަ ކެރެންސީއެއް ނުއުފެއްދޭނެ އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެއީ ފައިސާގެ މާނަ ގޮސް ހުއްޓެނީ އެ އެއްޗެއްގައި އަގެއް ހުރުމާއި އެ ބައެއްގެ އާދަކާދައިގެ ތެރޭގައި އެ އެއްޗަކީ އިތުބާރު ކުރެވޭ އެއްޗަކަށް ވުމުގެ މައްޗަށް ކަމަށްވާތީއެވެ.

އިމާމު މާލިކު ވިދާޅުވިއެވެ. މީސްތަކުން ފައިސާގެ ގޮތުގައި ޖަނަވާރުގެ ހަން ބޭނުންކުރަން ފަށައިފި ކަމުގައި ވިޔަސް އޭގައި ވެސް ރިބާ އެކުލެވޭނެއެވެ. އެބަހީ ވައްތަރު ތަފާތުނުވާ ނަމަ އުނިއިތުރާއެކު ނުވިއްކޭނެއެވެ. އެހެންކަމުން އެ އެއްޗެއްގައި އަގެއް ހުރެފައި އެ ބައެއްގެ އިގުތިސާދީ އާދަކާދައިގެ ތެރޭގައި އިތުބާރު ކުރެވޭ ކޮންމެ އެއްޗަކީ ފައިސާއެކެވެ. އެއީ އިމާމު މާލިކު ވެސް އިޝާރާތް ކުރެއްވިގޮތެވެ. އެހެންކަމުން ބޭންކުން ބޭނުން ސިފައަކަށް އެއީ ކަރުދާހުން ވިޔަސް ނުވަތަ މައުދަނަކުން ވިޔަސް ބޭންކުގެ އަމިއްލަ ފައިސާއެއް އުފެއްދިދާނެއެވެ.

ނަގުދު ފައިސާ އުފެއްދުމާ މެދު ފިޤުހު ޢިލްމުވެރީންގެ ރައުޔުތައް ތަފާތެވެ. އިމާމު މީހާއަށް ނަގުދު ފައިސާ އުފެއްދުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިގެންވާ ކަމަށް ހުރިހާ ފިޤުހު ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވައެވެ.

އިމާމު މީހާ ފިޔަވައި އެހެން މީހުން ފައިސާ އުފެއްދުމާ މެދު ދެ ރައުޔަކަށް ފިޤުހު އިލްމުވެރީން އިޚުތިލާފުކުރައްވާފައި ވެއެވެ.

ފުރަތަމަ ރައުޔަކީ: އިމާމު މީހާ ފިޔަވައި އެހެން މީހުންނަކަށް ފައިސާ އުފެއްދުން ހުއްދަވެގެން ނުވެއެވެ. އެހެން ވިދާޅުވަނީ މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ ޖުމުހޫރު (މެޖޯރަޓީ) ދަންނަބޭކަލުންނެވެ. އަދި ޙަނަފީ މަޒުހަބުގެ ބޭކަލުންގެ ތެރެއިން އަބޫޔޫސުފެވެ. ދަލީލެއްގެ ގޮތުގައި އެ ބޭކަލުން ދެކެލައްވަނީ ފައިސާ އުފެއްދުމަކީ ވެރިޔާގެ ހަމަ އެކަނި ހައްގެއް ކަމަށެވެ. އެހެންކަމުން މީހެއްގެ ހައްގަކަށް އެހެން މީހަކަށް އަރައިގަތުން ހުއްދަ ވެގެން ނުވާތީ އިމާމު މީހާގެ އެ ހައްގަށް ވެސް އަރައިގަތުން ހުއްދަވެގެން ނުވާނެ ކަމަށެވެ.

الإمام النووي ވިދާޅުވިއެވެ. ތިމަންގެ މަޒުހަބުގެ ބޭކަލުން (އެ ބަހީ ޝާފިޢީ މަޒުހަބުގެ ބޭކަލުން) ވިދާޅުވެތެވެ. އިމާމުމީހާ ފިޔަވައި އެހެން މީހުން ދިރުހަމާއި ދީނާރު ޚާލިސްކޮށް (އެ ބަހީ ޚާލިސް ރަނާއި ރިހިން) އުފެއްދުން މަކުރޫހަވެގެންވެއެވެ. ސަބަބަކީ އެއީ އިމާމު މީހާގެ ހައްގަކަށްވާތީއެވެ. އަދި އެ މަސައްކަތުގައި މަކަރާއި ހީލަތް ނަހަދަފާނެކަމުގެ އިތުބާރު ނުލިބޭތީއެވެ. އަދި މާލީ ފަސާދައިގެ ކަންބޮޑުވުން އެ މަސައްކަތުގައި ވާތީއެވެ.

ދެވަނަ ރައުޔަކީ: ރަނާއި ރިހީގެ ނަގުދު ފައިސާ ދައުލަތުން އުފައްދާ ގޮތަށް އެއް ސިފައަކަށް އެއްވަޒަނަކަށް އުފެއްދުން އިމާމު މީހާ ފިޔަވައި އެހެން މީހުންނަށް ވެސް ހުއްދަ ކަމަށެވެ. އެއީ އިމާމު އަބޫހަނީފާއާއި އިމާމު الثوري ދެ ވަޑައިގަންނެވި ގޮތެވެ. އިމާމު އަބޫހަނީފާއާއި އިމާމު الثوري ވިދާޅުވިއެވެ. "އިސްލާންދީނަށާއި މުސްލިމުންނަށް ގެއްލުމެއް ނެތްނަމަ ފައިސާ އުފެއްދުން އެންމެ ރަނގަޅެވެ. (ރެފެރެންސްތައް އަރަބި އާޓިކަލުން ބައްލަވާ!)

        އިމާމު މީހާ ފިޔަވައި އެހެން މީހުންނަކަށް ފައިސާ އުފެއްދުން ހުއްދަވެގެން ނުވާނެ ކަމަށް ވިދާޅުވި ބޭކަލުންގެ ހަމައެކަނި ދަލީލަކީ ފައިސާ އުފެއްދުމަކީ ވެރިޔާގެ ހަމަ އެކަނި ހައްގެއް ކަމަށް ދެކެވަޑައިގެންކަން ފާހަގަވެއެވެ. ތެދެއްމެއެވެ. އިސްލާމީ ތާރީޚުގައި ފައިސާ އުފެއްދުމާއި ފައިސާ ބެލެހެއްޓުމަކީ ހަމައެކަނި އިމާމު މީހާ ކުރައްވަމުން ގެންދެވި މަސައްކަތެކެވެ. އެހެންކަމުން އެ ދުވަސްވަރުގައި އެއީ ހަމައެކަނި އިމާމު މީހާގެ ހައްގެކެވެ. ނަމަވެސް މި ދުވަސްވަރުގައި ފައިސާ އުފައްދައި އޭގެ އަގު ކަނޑައަޅައި ރައްކާކޮށް ބަލަހައްޓަނީ ކޮންމެ ގައުމުގެއްގައި ވެސް ހުންނަ އެ ގައުމެއްގެ މަރުކަޒީ ބޭންކުންނެވެ. އެއީ އިމާމު މީހާގެ ބެލުމުގެ ދަށުގައި ނަމެއްގައި ހުއްޓަސް ވަކި މުސްތަގިއްލު މުއައްސަސާއެކެވެ. މި ދުވަސްވަރު އިމާމު މީހާ ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެ ފައިސާގެ އަގެއް މައްޗެއް ވެސް އަދި ދަށެއްވެސް ނުކުރެވޭނެއެވެ. އަދި މި ދުވަސްވަރު އިމާމު މީހާ ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެންމެ ފައިސާފޮއްޗެއް ވެސް އިތުރަށް އުފެއްދޭނީ މަރުކަޒީ ބޭންކަށް ފެނިގެން އަދި އުފައްދާ ކޮންމެ ފައިސާއަކަށް ބޮޑު އިންޓުރެސްޓެއް ދައްކައިގެންނެވެ.

އެހެންކަމުން މިދުވަސްވަރުގައި ފައިސާ އުފެއްދުމުގެ ހައްގު އިމާމު މީހާއަށް ލިބިގެންވާ މިންވަރާމެދު ސުވާލުއުފެދެއެވެ. ޖަވާބު ލިބިގަތުމަށް ޓަކައި އިމާމު މީހާއާއި މަރުކަޒީ ބޭންކާ ހުރި ގުޅުމަކީ ކޮބައިތޯއާއި މަރުކަޒީ ބޭންކުތަކަކީ ކޮންއެއްޗެއްތޯ އާއި އެއީ ކޮން ކަހަލަ ނެޓުވޯކެއްތޯއާއި އެ ނެޓުވޯކު ގޮސް ހުއްޓެނީ ކޮން ގައުމަކަށްތޯ ދިރާސާއެއް ހެދުމަށް ދަރިވަރުންނަށް އިލްތިމާސުކުރަމެވެ.

އަޅުގަނޑު ދަންނަވަން ބޭނުންވަނީ އިމާމު މީހައަށް ނުވަތަ މަރުކަޒީ ބޭންކުތައް ފިޔަވައި އެހެން ކުންފުނިތަކާއި ބޭންކުތަކަށް ވެސް ނުވަތަ އަމިއްލަ ފަރާތްތަކަށް ވެސް ފައިސާ އުފެއްދުމުގެ މިނިވަންކަން އިމާމު އަބޫހަނީފާއާއި އިމާމު الثوريގެ ނަޒަރުގައި ލިބިފައިވާ ކަމަށެވެ. އެކަމަށް ހުރަސްއެޅޭނެ ޙުއްޖަތެއް ނުވެއެވެ. އެހެންކަމުން ބޭންކުތަކަށް އެ މީހުންގެ އަމިއްލަ ކަރެންސީ އެއް އުފެއްދިދާނެ ކަމަށެވެ.

ދޭއް: ދެވަނަ ތިއަރީއަކީ، ކަސްޓަމަރަށް ބޭނުންވާ ލޯނު ބޭންކު ކަރެންސީން ދޫކުރުމެވެ. އަދި ކަސްޓަމަރު ބޭންކު ކަރެންސީ ލޯކަލް ކަރެންސީއަށް ބަދަލުކުރުމެވެ.

ފައިސާ އުފައްދާއިރު އޭގައި ވަކި ޝަރުތަކެއް ހުންނަންޖެހޭނެ ކަމަކަށް ޝަރީޢަތުގައި ކަނޑައަޅުއްވާފައެއް ނުވެއެވެ. އެހެންކަމުން އެ ކަމުގައި ބެލެވޭނީ އާދަކާދައާއި އިގުތިސާދު ތަންދޭ ގޮތެއްގެ މައްޗަށެވެ. އާދަކާދައާއި އިގުތިސާދުގެ މައްޗަށް ބުރެވެ ފައިސާގައި ހުންނަންޖެހޭނެ ކަމަށް ފިޤުހު ޢިލްމުވެރީން ކަނޑައަޅުއްވާފައިވާ މުހިންމު ތިން ސިފައެއްވެއެވެ.

ފުރަތަމަ ސިފައަކީ: ފައިސާއަކީ މީސްތަކުންގެ ތެރޭގައި ހިނގާ އެއްޗަކަށްވުމެވެ. ފައިސާގައި ހުންނަންޖެހޭ އެއް ސިފައަކީ އެއިން ގަނެވިއްކުމާއި ޚިދުމަތް ލިބިގަތުމާއި ތަކެތި ބަދަލުކުމުގައި ބޭނުންހިފޭ އެއްޗަކަށްވުމެވެ.

އިމާމު ޣަޒާލީ ވިދާޅުވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ދެ ނަގުދު (އެބަހީ: ރަނާއި ރިހި) އުފެއްދެވީ މީސްތަކުންގެ ތެރޭގައި (ވިޔަފާރި އުސޫލުން) ހިނގާ އެއްޗެއްގެ ގޮތުގައެވެ. އަދި މުދާ ބަދަލުކުރުމުގައި އިންސާފުން އެ ތަކެތީގެ އަގު ކަނޑައެޅެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި އެނޫން ވެސް ކިތަންމެ ބޭނުންތަކެއް އެއިން ފުއްދާލެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި އެ ދެ އެއްޗަކީ (ރަނާއި ރިއްސަކީ) އެ ހެނިހެން ތަކެތީގެ އަގު ކަނޑައެޅެވޭ ވަސީލަތެވެ.

އާދެ! ވަރަށް މަދު ފައިސާއެއް ނޫނީ (މިސާލަކަށް ޑޮލަރު ނުވަތަ ޔޫރޯ ފަދަ ފައިސާ ނޫނީ) މުޅި ދުނިޔޭގައި އެނބުރޭ ފައިސާއެއް ނުހުރެވެ. އެއާއެކުވެސް އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ މުޅި ދުނިޔޭގައި ނޭނބުރޭތީ ހަރާމޭ އެއްވެސް މީހަކު ނުބުނެއެވެ. އެހެންކަމުން ބެންކަކުން އުފައްދާ ފައިސާ މަދު ބައެއްގެ ތެރޭގައި އެނބުރޭ އެނބުރުމަކީ މައސަލައެއް ކަމަކަށް ނުބެލެވޭނެއެވެ.

ދެވަނަ ސިފައަކީ: ފައިސާއަކީ ތަކެތީގެ އަގު ކަނޑައެޅުމަށް ޓަކައި ބޭނުން ކުރެވޭ އެއްޗަކަށްވުމެވެ. ފައިސާގައި ހުންނަންޖެހޭ އެއް ސިފައަކީ ކުރެވޭ މާލީ މުޢާމަލާތްތަކުގައި އަގު ދަނެގަތުމަށް ބޭނުން ހިފޭ އެއްޗަކަށްވުމެވެ.

އިމާމު އިބުނު ރުޝްދު ވިދާޅުވިއެވެ. ތަފާތު ތަކެތީގެ މެދުގައި ހުރި އަގުގެ ފަރަގުތައް ބަޔާންކުރުން (ކަނޑައަޅަން) އުނދަގޫވީ ހިނދު ދީނާރާއި ދިރުހަމު އެ ކަމަށް (އެ އަގުގެ ތަފާތު ބަޔާންކޮށްދިނުމަށް) ބޭނުންކުރެވުނީއެވެ. އެހެންކަމުން ބެންކުން އުފައްދާ ފައިސާއެއްގައި އެ ސިފަ ހުރެއްޖެ ނަމަ ބެލެވޭނީ ފައިސާއެއްގެ ގޮތުގައެވެ.

ތިންވަނަ ސިފައަކީ: ފައިސާއަކީ އޭގެ އަގު ރައްކާކުރެވޭ އެއްޗަކަށް ވުމެވެ. ފައިސާގައި ހުންނަންޖެހޭ އެއް ސިފައަކީ އޭގެ އަގާއި އޭގެ މުދާވެރިކަމަކީ ރައްކާކުރެވޭ އެއްޗަކަށްވުމެވެ.

އިމާމު އަލްމާވަރުދީ ވިދާޅުވިއެވެ. ރައްކާކުރެވޭ ފައިސާއެއްގެ ގޮތުގައި ބެލެވޭނީ ނަގުދު ފައިސާއެއް އެއާ އެއްްފަދަ ވަގުފައިސާއެއް ނުއުފެއްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ފައިސާއަކަށެވެ. ތަކެތި ރައްކާކުރުމުގެ އާއްމު މާނައަކީ ބޭނުންވާ ކޮންމެ ވަގުތެއްގައި އެ ނެގޭ ގޮތަކަށް ރައްކާތެރި ތަނެއްގައި ބެހެއްޓުމެވެ. އޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ. ނަމަވެސް ފައިސާ ރައްކާކުރުމުގެ މާނަ އެއަށްވުރެ ފުޅަލެވެ. ފައިސާ ރައްކާކުރުމުގެ މާނައިގައި އޭގެ މައްޗަށް ވަގުންގެ ނުފޫޒު ނުފޯރާ ފަދަ ތަނެއްގައި ރައްކާކުރުމުގެ މާނަ ހިމެނެއެވެ. އަދި އޭގެ ނަކަލު ނުއުފެއްދޭ ފަދަ ފައިސާއަކަށް އެ ފައިސާއެއްވެއްޖެ ނަމަ ބެލެވޭނީ އެއީ ރައްކާކުރެވޭ ފައިސާއެއްގެ ގޮތުގައެވެ. ބޭންކަކުން އުފައްދާ ފައިސާއެއްގައި އިސްވެ ދެންނެވުނު ތިން ސިފަ ހުރެއްޖެ ނަމަ ބެލެވޭނީ ޝަރުޢީ މިންގަނޑަށް ފެތޭ ފައިސާއެއް ކަމަށެވެ.

ތިނެއް: ތިންވަނަ ތިއަރީއަކީ، ދަރަނި ދެއްކުމުގެ މުއްދަތު ހަމަވުމުން ކަސްޓަމަރު ބޭންކަށް ގޮސް ލޯކަލް ކަރެންސީ ދީގެން ބެންކު ކަރަންސީ ގަނެ ބެންކު ކަރަންސީން ލޯނު ދެއްކުމެވެ.

ނަގުދު ފައިސާއިން ދަރަނި ނެގުމާއި އަނބުރާ ދިނުމުގައި ވަނީ ދެ ޝަރުޠެކެވެ.

ފުރަތަމައީ: ދަރަނި ނެގި ވައްތަރެއްގެ ފައިސާއަކުން ދަރަނި ނެގި އަދަކަކަށް އުނިއިތުރަކާނުލައި ދެއްކުމެވެ.

ދެވަނައީ: ދަރަނި ނެގި އަދަދަށްވުރެ އިތުރަށް ދެއްކުމަށް ނުވަތަ އިތުރު އެހެން ފައިދާއެއް ނެގުމަށް ޝަރުޠުނުކުރުމެވެ. އެހެންކަމުން ބޭންކުން އުފެއްދި ފައިސާއިން ނަގާ ލޯނެއް އެ ފައިސާއިން އަނބުރާ ނެގި އަދަދަށް ދެއްކުމުގައި ރިބާ އެކުލެވިގެނެއްނުވެއެވެ.

ހަތަރެއް: ހަތަރު ވަނަ ތިއަރީއަކީ، ކަސްޓަމަރު ލޯނު ދެއްކުމަށްޓަކައި ލޯކަލް ފައިސާ ދީފައި ބޭންކު ފައިސާ ގަތުމުގައި ބޭންކަށް ލިބޭ ފައިދާއަކީ ލޯނުގެ މުއާމަލާތުގައި ނުހިމެނޭ އިތުރު ވިޔަފާރިއަކުން ބޭންކަށް ލިބޭ އާމުދަނީއެކެވެ. އަދި އެއީ ބޭންކު ކަރަންސީން ނެގި ލޯނުގައި ނުހިމެނޭ އިތުރު މާލީ މުއާމަލާތެކެވެ.

އިސްވެ ދެންނެވުނު ތިއަރީ ބޭންކެއްގައި ތަންފީޒުކުރަން ބޭނުންވެއްޖެ ނަމަ އުފެދޭނެ ސުވާލުތަކަށް ފިގުހުގެ އަލީގައި އެ ދިރާސާގައި ޖަވާބުދެވިފައިވެއެވެ. އިސްވެ ދެންނެވުނު ތިއަރީ ވަނީ އިނގިރޭސި ބަހުން ވެސް ޝާއިޢުކުރެވިފައެވެ. ވިދާޅުވެލެއްވުމަށް ތިރީގައި އެވާ ލިންކު ބައްލަވާށެވެ.

http://www.ijaresm.com/uploaded_files/document_file/article_pdfhqMD.pdf

 އަދި އޭގެ އިތުރުން އެ ދިރާސާވަނީ ޕާކިސްތާނުގެ އަލްމިންހާޖު ޔުނިވަރސިޓީން 29-30 ޖެނުއަރީ 2022 ގައި ބޭއްވުނު ފަސް ވަނަ ވޯލްޑު އިސްލާމިކު އެކޮނެމިކުސް އެންޑު ފައިނޭސް ކޮންފަރެންސަށް ގަބޫލުކުރެވިގެން ހުށަހެޅިފައެވެ.

އެހެންކަމުން އިސްވެ ދެންނެވުނު ތިއަރީ ބޭނުންކޮށްގެން ރިބާއަކާ ނުލައި ލޯނު ނެގިދާނެ ގޮތެއް ދިވެހިރާއްޖޭގައި ހެދިދާނެތޯ ވިސްނަންވެއްޖެއެވެ.