Support Us

ކުވައިތުގެ ބަރްލަމާނީ އިންތިޚާބުގައި އިދިކޮޅީންނަށް ބޮޑު ކާމިޔާބީއެއް

ކުވައިތުގައި ބޭއްވި ބަރްލަމާނީ އިންތިޚާބުގައި އިދިކޮޅީން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި އިންތިޚާބުގެ ފުރަތަމަ ނަތީޖާތައް ބުނާގޮތުގައި އިދިކޮޅީންނަށް 60% ގޮނޑި ލިބިފައި ވެއެވެ.

މި އިންތިޚާބުގައި ދެ އަންހެން ބޭފުޅަކު ވެސް ގޮނޑި ކާމިޔާބު ކުރައްވައިފައި ވެއެވެ. މި ދިޔަ އިންތިޚާބުގައި އަންހެނުންނަށް ވަނީ ގޮނޑިއެއް ކާމިޔާބު ނުކުރެވިފައެވެ.

ނުރަސްމީ ފުރަތަމަ ނަތީޖާތައް ބުނާގޮތުގައި 50 މެންބަރުންގެ މި މަޖިލީހުގައި އިދިކޮޅު ބޭފުޅުން 30 ގޮނޑި ކާމިޔާބު ކުރައްވައިފައި ވެއެވެ. ގޮނޑި ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުވައިތުގެ ބަރްލަމާނު (މަޖްލިސުލް އުއްމަތި) ގެ ކުރީގެ ރައީސް އަޙްމަދުއް ސަޢުދޫން ވެއެވެ.

ފުރަތަމަ ނަތީޖާތައް ބުނާގޮތުގައި ޝީޢީންނަށް 10 ގޮނޑި ލިބުނެވެ. އަދި އިސްލާމީންނަށް (ސަލަފީންނާއި އިޚްވާނުން) އަށް ގޮނޑި ލިބުނެވެ.

މި އިންތިޚާބުގައި އެންމެ ޙައިރާންކުރުވި ކަމަކީ ޖަލުގައި ތިއްބެވި ދެ ބޭފުޅަކަށް ބަރްލަމާނުން ގޮނޑި ލިބިވަޑައިގަތުމެވެ. އެއްބޭފުޅަކު ޖަލަށް ލައިފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ދެވަނަ ބޭފުޅާ ޖަލަށް ލައިފައިވަނީ މަސްއަލައެއްގެ ތުހްމަތުގެ ޒިންމާގައެވެ.

ކުވައިތުގެ 50 ގޮނޑީގެ ބަރްލަމާނަށް 305 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ކުވައިތުގައި ޤާނޫނުހަދާ މަޖިލީހެއް (ބަރްލަމާނެއް) ޤާއިމުކުރީ 23 ޖަނަވަރީ 1963ވަނަ އަހަރުގައެވެ. މި މަޖިލީހުން ފާސްކުރާ ޤާނޫނުތައް ޤާނޫނަކަށް ވާނީ ކުވައިތުގެ އަމީރު ތަޞްދީޤު ކުރެއްވީމައެވެ. މި މަޖިލީހުގެ ބާރުތަކުގެ ތެރޭގައި ޤާނޫނުތައް ހެދުމުގެ ބާރާއި ބޮޑުވަޒީރާއި އެހެނިހެން ވަޒީރުންނާ ސުވާލުކޮށް ޖަވާބުދާރީ ކުރުވުމުގެ ބާރާއި ސަރުކާރުގެ އިސް މަސްއޫލުވެރީންގެ އިތުބާރު އޮތްތޯ ބެލުމުގެ ބާރު ވެއެވެ.

ކުވައިތުގައި ރަސްމީ ސިފައެއްގައި ސިޔާސީ ޕާޓީއެއް ނެތެވެ. އެހެނަސް ސަރުކާރުން ސިޔާސީ ޖަމާޢަތްތަކާ މެދު މުޢާމަލާތު ކުރަނީ ސިޔާސީ ޕާޓީއަކާއެކު މުޢާމަލާތު ކުރާ ގޮތަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *