Support Us

ޕޯޗްގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިޔައީ ކީއްވެ؟

ޕޯޗްގީޒުންގެ އިސްޢުމާރީ ބާރުގެ ދަށަށް ގޮސް، ދިވެހިރާއްޖެ އަޅުވެތިވީ ސަބަބުތަކަށް ބަލާނަމަ ތިންކަމެއް އޮޅުންފިލަން ޖެހެއެވެ. ފުރަތަމައީ އޭރުގެ ޕޯޗުގީޒުންނަކީ ކޮންބައެއްކަމާއި އެ މީހުންގެ ބާރާއި ނުފޫޒު ދުނިޔެއާއި މި ސަރަޙައްދުގައި އޮތް މިންވަރެވެ. ދެވަނައީ އެ ދުވަސްވަރު ދިވެހިރާއްޖޭގެ ކަންތައްތައް އޮތްގޮތާއި ހާލަތެވެ. ޚާއްޞަކޮށް ރަސްކަން ކުރަމުންދިޔަ ހިލާލީ ދަރިކޮޅުގެ ތެރޭގައި އޮތް ސިޔާސީ ހަމަނުޖެހުން އޮތް މިންވަރެވެ. ތިންވަނައީ ތަޚުތުގައި އިންނެވި ނުވަވަނަ ޙަސަން ރަސްގެފާނު ދީނާއި ޤައުމަށް ޚިޔާނާތްތެރި ގޮތެވެ.

އޭރުގެ ޕޯޗްގީޒުން

ޔޫރަޕުގެ އޭރުގެ ބާރުތަކުގެ ތެރެއިން ކަނޑުމައްޗަށް އެންމެ ބާރުގަދަ ބަޔަކީ ޕޯޗްގީޒުންނެވެ. ޕޯޗްގީޒުން އެ ދުވަސްވަރު މަޝްހޫރުވެފައި ކަނޑުގެ ބާޒުގެ ނަމުންނެވެ. އެ ބާޒުގެ ފިޔަގަނޑާއި ވަކިތައް ދުނިޔެއަށް ދިޔައީ ފަތުރަމުންނެވެ. ޔޫރަޕާއި އެފްރިކާއާއި އޭޝިއާގެ ބައެއް ޤައުމުތައް ވެސް އޮތީ އެ އިސްތިޢުމާރީ ވަކިތަކުގެ ދަށުލައިފައެވެ.

ޕޯޗްގީޒުންނަކީ އިންޑިއާ ކަނޑަށް އައި ޔޫރަޕުގެ ފުރަތަމަ ބާރެވެ. ޕޯޗްގީޒުންގެ ބަޔަކު އެންމެ ފުރަތަމަ އިންޑިއާ ކަނޑަށް އައީ މީލާދީން 1486 ވަނަ އަހަރުއެވެ. ބަތޮލޮމިޔު ޑަޔަސް ދެކުނު އެފްރިކާ ވަށާލައިފައި ކުރި މި ދަތުރުގައި ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިނެވެ. ޕޯޗްގީޒުން އިންޑިއާގައި ގާއިމުވުމަށް އައީ 1497 ވަނަ އަހަރުއެވެ. އެއީ އެޑްމިރަލް ވަސްކޯ ޑަ ގާމާގެ ވެރިކަމުގައެވެ.

ޕޯޗްގީޒުންގެ ބަޔަކަށް އެންމެ ފުރަތަމަ ދިވެހިރާއްޖެ ފެނުނީ މީލާދީން 1503 ވަނަ އަހަރުއެވެ. އެއީ ޗީފް ކެޕްޓަން ނުވަތަ އެޑްމިރަލް ވަސްކޯ ޑަ ގާމާ އިންޑިއާއަށް ކުރެއްވި ދެވަނަ ދަތުރުފުޅުގައި އެނބުރި ވަޑައިގެންނެވި މަގުމަތީގައެވެ. ހަމަ އެ އަހަރު ދިވެހީންގެ މުދާބަރުކޮށްފައިވާ ހަތަރު ދޯންޏެއް ކަނޑުމަތިން ޕޯޗްގީޒުންނަށް ފެނިގެން އެ ދޯނިތަކާއި މުދާތައް އަތުލައިގަތެވެ. ބައެއް ދޯނިފަހަރު މީހުންނާއެކު ހުޅުޖަހައި އަންދާލިއެވެ.

އިންޑިއާ ކަނޑުގައި ޕޯޗްގީޒުން ގާއިމުވިއިރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނެވެ. އެއީ އެ ރަދުންގެ ދެވަނަ ރަސްކަމުގެ ދުވަސްވަރު (1494-1510) އެވެ.

ޕޯޗްގީޒުން މި ސަރަޙައްދުގެ އެކިއެކި ރަށްތަކާއި ޤައުމުތަކާބެހޭ މަޢުލޫމާތު ހޯދައި ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުވިއެވެ. ދިވެހިރާއްޖެއާ ބެހޭ ގޮތުން ވެސް ރިޕޯޓެއް ތައްޔާރުކޮށް ފޮނުވިއެވެ. އެ މީހުން ދިވެހިރާއްޖެއަށް ނަން ދިނީ "އިލްހާދީވް"ގެ ނަމުންނެވެ. މާނައަކީ ދީވް އޭ ކިޔުނު ޖަޒީރާތަކެވެ.

ދިވެހިރާއްޖޭގެ ހާލަތު

ކަޅު މުޙައްމަދު ރަސްގެފާނު ރާއްޖޭގެ ރަސްކަމަށް ދެވަނަ ފަހަރަށް އިސްވެވަޑައިގަތީ ކަންނަންނޫރު އަލީރާޖާ ނުވަތަ މާމަލޭ މަރައްކާރު (މުޙައްމަދު ޢަލީ)ގެ އެހީތެރިކަމާއެކުގައެވެ. އެއީ އިންޑިއާ ކަނޑުގައި ވިޔަފާރިކޮށް އުޅުނު ދެކުނު އިންޑިއާގެ ސިޔާސީގޮތުން ބާރުގަދަ ވިޔަފާރި ވެރިއެކެވެ. ކަޅު މުޙައްމަދު ރަސްގެފާނަށް ރަސްކަން ހޯދައިދިނުމުން އެ މީހުންނަށް ދައްކަން ޖެހުނު އަގު ބޮޑެވެ. ދިވެހިރާއްޖޭގެ ހުރިހާ ވިޔަފާރިއެއްގެ ކޮންޓްރޯލު މާމަލޭއަށް ދޭން މަޖުބޫރުވިއެވެ. ދިވެހި އުފެއްދުންތައް އޭނާ ނޫން މީހަކަށް ވިއްކޭނެގޮތް ނެތި، އޭނާ ބޭނުން އަގެއްދީ ދިވެހީން އިޤްތިޞާދު އޭނާގެ މިލުކަކަށް ހެދިއެވެ.

އޭރުގެ ދިވެހިރާއްޖެއަކީ ބޭރުގެ ފަރާތްތަކުން ޝައުޤުވެރި އުފެއްދުންތަކެއް ލިބެންހުރި ޤައުމެކެވެ. މި ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި ލިބެންހުރެއެވެ. ދިވެހި ރޯނާއި ހިކި މަހަކީ އަގުބޮޑު އެއްޗެކެވެ. ރާއްޖޭގެ ކަނޑުތަކުން އޭރު ވެސް ހޮވާ މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގުހުރި އެއްޗެކެވެ. މީގެއިތުރުން ދިވެހިރާއްޖެއަކީ ދުނިޔޭގެ ބާޒާރުގައި އަގުބޮޑު ފޭރާން ވިޔާ ޤައުމެއް ވެސް މެއެވެ.

އިންޑިއާ ކަނޑަށް ޕޯޗްގީޒުން އައި ދުވަސްވަރަކީ ސިޔާސީ ގޮތުން ދިވެހިރާއްޖެ ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުން އަވަސްއަވަހަށް ބަދަލުވަމުންދިޔަ ދުވަސްވަރެކެވެ.

ކަޅު މުޙައްމަދު ރަސްގެފާނުގެ ދެވަނަ ފަހަރުގެ ރަސްކަމަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޙަސަން 7 ވަނަ (1510-1511) އެވެ. އެއަށްފަހު މައްކާގެ ބޭފުޅެއްކަމަށްވާ އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ (1511-1512) އަށް ވެސް ރާއްޖޭގެ ރަސްކަން ލިބިވަޑައިގަތެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޢަލީ، 5 ވަނަ (1512-1512) އެވެ. އެއީ ދިވެހި ތާރީޚުގައި މަޝްހޫރު "ދޮންބުޅާ ފާށަނާ"އެވެ.

އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނު ތިންވަނަ ފަހަރަށް ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ ދޮންބުޅާފާށަނާގެ ދައިތާފުޅު ބުރަކިރަނިން އާއި ކަޅު މުޙައްމަދު ރަސްގެފާނާ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުމުގައި ދެ ބޭފުޅުން ގުޅިގެން ޕޯޗްގީޒުންގެ އެހީތެރިކަން ހޯއްދަވައިގެންނެވެ. ދިވެހި ތާރީޚުގައި ބުނަނީ އަނިޔާވެރިގޮތަކަށް ދޮންބުޅާފާށަނާ ޤަތުލުކުރެއްވީ ކަމަށެވެ.

ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގައި ޕޯޗްގީޒުންގެ ވިޔަފާރި މަރުކަޒެއް މީލާދީން 1518 ވަނަ އަހަރު މާލޭގައި ޤާއިމުކުރުމަށް ހުއްދަ ދެއްވިއެވެ. އެ މަރުކަޒު ހެދުމަށް އިންޑިއާގައި ތިބި ޕޯޗްގީޒުންގެ 120 މީހުން ރާއްޖެއައެވެ. މި މަރުކަޒު ހަދައިގެން ޕޯޗްގީޒުންގެ އޮފިސަރުން މާލޭގައި ބައިތިއްބައިގެން ދިވެހިރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރަމުން ގެންދިޔައެވެ. މި ދުވަސްވަރު ދިވެހިރާއްޖޭގައި ރަސްކަމެއް ހިނގަމުން ދިޔައެއް ކަމަކު ޕޯޗްގީޒުން ކަންކުރީ އެ މީހުން ހިތުހުރި ގޮތަކަށެވެ.

"ދިވެހިރާއްޖޭގެ ކެޕްޓަން"ގެ ނަމުން މަޝްހޫރުވި ޕޯޗްގީޒުންގެ ގޯމޭސް ކިޔާ އަނިޔާވެރިޔާ މަރާލާއި ޕޯޗްގީޒުންގެ ބާރު ރާއްޖެއިން އެ ދުވަސްވަރު ކަނޑުވާލީ އިންޑިއާގެ ގުޖުރާތުގެ ހަނގުރާމަވެރިތަކެއް ރާއްޖެ އައިހެވެ. މި ދެބައި ލަޝްކަރު ހަނގުރާމަކުރިއިރު ދިވެހީން މަދަދު ދިނީ ގުޖުރާތީންނަށެވެ.

ކަޅު މުޙައްމަދު ރަސްގެފާނު އަވަހާރަވުމާއެކު ރަސްކަމަށް އިސްވެވަޑައިގަތީ ދަރިކަލުން އައްސުލްޠާން ޙަސަން ޝީރާޒީ (8ވަނަ) (1528-1548) އެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން މުޙައްމަދު (1548-1550) އެވެ. އެ ރަދުންނަށްފަހު ރަސްކަމަށް އިސްވީ އެރަދުންގެ ކޮއްކޯފުޅު އައްސުލްޠާން ޙަސަން، 9ވަނަ (1550-1551) އެވެ. ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ބޭބޭފުޅު އަވަހާރަކޮށްލުމަށްފަހުގައެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ދީނާއި ޤައުމަށްވީ ޚިޔާނާތް

އިންޑިއާ ހުންނެވި ޕޯޗްގީޒުންގެ ގަވަރުނަރު 21 ފެބުރުވަރީ 1550 ގައި ޕޯޗްގީޒު ރަސްގެފާނަށް ލިޔުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. ޙަސަން ރަސްގެފާނުގެ އަނބިކަމަނާ އިންޑިއާއަށް ވަޑައިގެން ގަވަރުނަރާ ބައްދަލުކުރައްވައި ނުވަވަނަ ޙަސަން ރަސްގެފާނުގެ ޝަކުވާ ކުރެއްވިއެވެ. އެ ވާހަކަ ނުވަވަނަ ޙަސަން ރަސްގެފާނަށް ލިޔުއްވަން އުޅުއްވައި އެކަން އަދި ނުވެގެން އުޅެނިކޮށް ނުވަވަނަ ހަސަން ރަސްގެފާނު އިންޑިއާއަށް އަނބިކަމަނާގެ ޝަކުވާއައިގެން ވަޑައިގެންނެވިއެވެ. ރަސްކަމުގައި ކުރިން ހުންނެވި ބޭބޭފުޅުން އަވަހާރަކޮށްލެއްވީ ޙަސަން ރަސްގެފާނު ނޫންކަމަށާއި އަނބިކަމަނާކަމަށް ވިދާޅުވެ އެ ކަމަނާއާއެކު އެ ރަށެއްގައި ނޫޅެވޭނެ ކަމުގެ ޝަކުވާ ކުރެއްވިއެވެ. އޭރު އެ ރަދުންނަކީ 18 ނުވަތަ 20 އަހަރުގެ ޒުވާނެކެވެ.

ދިވެހިތާރީޚުގައިވާ ގޮތުން ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަމުގައި ދެ އަހަރާއި ފަސް މަސްދުވަހު (ބޭރުގެ ލިޔުންތަކުން ބަލާއިރު އެއް އަހަރާއި 10 މަސް ދުވަސް) ވިއެވެ. އެއަށްފަހު ރަސްކަން ދޫކުރައްވައި، ކޮއްޗޭއަށް ވަޑައިގެން ނަސޯރާދީނަށް ވަދެވަޑައިގަތެވެ. އަދި ނަސޯރާ އަންހެނަކާ ކައިވެނިކުރައްވައި ދިވެހީންނަށް ނަސޯރާ ދީނަށް އެނބުރުމަށް ސިޓީ ފޮނުއްވައި ގޮވާލެއްވިއެވެ.

ޕޯޗްގީޒުންނާއި ނުވަވަނަ ޙަސަން ރަސްގެފާނާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ޙަސަން ރަސްގެފާނަށް ރަސްކަން ހޯދައިދިނުމަށް ޕޯޗްގީޒުންގެ ހަނގުރާމަވެރި ގުރާބުތައް ރާއްޖެ ފޮނުވަންފެށިއެވެ. މި އެއްބަސްވުން އެކުލަވާލެއްވީ ރަސްކަން ހޯއްދަވައި ދެއްވައިފިނަމަ ރާއްޖޭގެ އުފެއްދުންތަކުން ޕޯޒްގީޒުންނަށް ދެއްވާނެވަރަކާއި ޕޯޗްގީޒުން ޙަސަން ރަސްގެފާނާއި ޢާއިލާއަށް ކޮށްދެއްވާނެ ކަންތައްތަކާއި ދެއްވާނެ މިންވަރެއްގެ މައްޗަށެވެ.

ޕޯޒްގީޒުން ރާއްޖެ ހިފުމަށް ފޮނުވި ގުރާބުތަކާ ދެކޮޅަށް ދިވެހީން ވަރަށް ވަރުގަދަ ހަނގުރާމަތަކެއްކޮށް ނަޞްރާއި ފަތަޙަ ހޯދިއެވެ. މި ހަނގުރާމަތައް ލީޑްކުރެއްވީ އަބޫބަކުރު ރަސްގެފާނާއި އަލީ ރަސްގެފާނެވެ. ފަހުން އަބޫބަކުރު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ ޢަލީ ރަސްގެފާނެވެ.

ޕޯޗްގީޒުން ރާއްޖެއަށް ގުރާބު ފޮނުވި ތިންވަނަ ފަހަރު ރަސްކަމުގައި އިންނެވި ޢަލީ ރަސްގެފާނާ ހަނގުރާމަކޮށް އެރަދުން ޝަހީދުކޮށް ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. އެއީ 1 ޝަޢުބާން 965 (19 މޭ 1558) އެވެ. ޢަލީ ރަސްގެފާނު ގިނިކަންޏާ ކަހަލަ ގޮތަކަށް ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަތީ ދިފާޢީ ލަޝްކަރުންނާއި ކުރިއަށް ތިއްބެވި ބޭފުޅުން އެ ރަދުންނަށް އެއްބާރުލުން ނުދެއްވުމުގެ ސަބަބުންނެވެ. މިކަމުގެ އަޑީގައި އޮތް މައިގަނޑު ސަބަބަކީ ސިޔާސީ ހަމަނުޖެހުމާއި ފިތުނަވެރިކަމެވެ. ފަނަރަ އަހަރާއި ހަ މަސްދުވަސްފަހު ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވީ ބޮޑުތަކުރުފާނެވެ. ދިވެހިރާއްޖެ ޤައުމީ ބަޠަލެވެ. ސިރީ ސަވާދީއްތަ މަހާރަދުންނެވެ. އެއީ 1 ރަބީޢުލްއައްވަލު 981 (1 ޖުލައި 1573) އެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *