އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢާލިމެއް ކަމުގައިވާ ފަޟީލަތުއް ޝައިޚު ޑރ. ޔޫސުފުލް ޤަރްޟާވީ ޢުމުރުފުޅުން 96 އަހަރުގައި މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުފުޅު ކުރައްވައިފިއެވެ.
ޝައިޚު ޤަރްޟާވީގެ ރަސްމީ ޓްވިޓަރު ޞަފްޙާ ބުނާގޮތުގައި ޝައިޚު ޤަރްޟާވީއަކީ އޭނާގެ ޙަޔާތްޕުޅު އިސްލާމްދީނުގެ ޙުކުންތައް ބަޔާންކޮށް ދެއްވުމަށާއި އިސްލާމީ އުއްމަތުގެ ދުޝްމަނުން އިސްލާންދީނަށް ދެމުންދިޔަ ޙަމަލާތަކުގެ ދިފާޢުގައި ޖިހާދު ކުރެއްވި ޢާލިމެކެވެ. އޭނާ އަކީ މުސްލިމުންގެ ޢިލްމުވެރީންގެ ޢާލަމީ އިއްތިޙާދުގެ މުއްސިސެވެ. މި އިއްތިޙާދުން ޝައިޚު ޤަރްޟާވީއަށް ތަޢުޒިޔާ ކިޔަމުން ނެރުނު ބަޔާނުގައި ޝައިޚަކީ އިސްލާމްދީނާއި މުސްލިމުންގެ ޚިދްމަތަށް އޭނާގެ ޙަޔާތްޕުޅު ވަޤްފު ކުރެއްވި ޢާލިމެކެވެ.
ޑރ. ޤަރްޟާވީ އުފަންވެވަޑައިގަންފައި ވަނީ މިޞްރުގެ އަލް ޣަރްބިއްޔާ ޕްރޮވިންސްގެ އަލްމަޙައްލަތުލް ކުބްރާގެ ރަށްފުށުގެ ރަށެއްގައި 1926 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
ޑރ. ޤަރްޟާވީ އަޒްހަރުގެ މަޢުހަދުން ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު އަޒްހަރު ޔުނިވަރސިޓީއަށް ވަދެވަޑައިގެން އުޞޫލުއްދީން ފެކަލްޓީން ދަސްވެނިވެ ވަޑައިގަތެވެ. އޭނާ 1953ވަނަ އަހަރު އެ ފެކަލްޓީން މާސްޓަރސް ދަރަޖަ ޙާޞިލު ކުރެއްވިއެވެ. އޭގެ އެއް އަހަރު ފަހުން އަޒްހަރުގެ އަރަބިބަހުގެ ފެކަލްޓީގައި ކިޔަވާދިނުމާ ބެހޭގޮތުން ބީއޭ ހެއްދެވިއެވެ. 1958 ވަނަ އަހަރު އަރަބިބަހުގެ މަތީ ތަޢުލީމާ ބެހޭ ދިރާސާތުގެ މަރްކަޒުން ޢަރަބިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޑރ. ޤަރްޟާވީ ޑިޕްލޮމާ ޙާޞިލު ކުރެއްވިއެވެ. އަދި 1960 ވަނަ އަހަރު އޭނާ އަޒްހަރުގެ އުޞޫލުއްދީން ފެކަލްޓީން ޤުރްއާނާއި ސުންނަތުގެ އިލްމުގެ ދާއިރާއިން މާސްޓަރސް ހެއްދެވިއެވެ. ޑރ. ޤަރްޟާވީ ޕީއެޗްޑީ ޙާޞިލު ކުރެއްވީ އެ ފެކަލްޓީން 1973ވަނަ އަހަރުއެވެ. އޭނާގެ ޕީއެޗްޑީ ދިރާސާގެ މައުޟޫޢަކީ "ޒަކާތާއި އިޖްތިމާޢީ މަސްއަލަތައް ޙައްލު ކުރުމުގައި އޭގެ އަސަރެ"ވެ.
ޑރ. ޤަރްޟާވީގެ އިންޓަރނެޓް ޞަފްޙާ ބުނާގޮތުގައި އޭނާ މިޞްރުގެ އައުޤާފު މިނިސްޓްރީގައި އިމާމުން ތަމްރީނު ކުރާ މަރްކަޒުގެ ސުޕަރވައިޒަރުކަން ކުރެއްވިއެވެ. އެއަށްފަހު އޭނާ އަޒްހަރުގައި އިސްލާމީ ސަޤާފަތާ ބެހޭ ޢާންމު އިދާރާގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ޑރ. ޤަރްޟާވީ އަކީ ފިޤްހާއި ދީނަށް ގޮވައިލުމާއި އިސްލާމީ އިޤްތިޞާދާއި އިޖްތިމާޢީ ޢަމަލާއި އިސްލާމްދީނުގެ މެދުމިންކަމާއި އިސްލާމީ ހޭލުންތެރިކަންފަދަ ތަފާތު ވަރަށް ގިނަ ފޮތްތަކާއި ދިރާސާތައް ޝާއިޢު ކުރައްވައިފައިވާ ޢާލިމެކެވެ.
ޑރ. ޤަރްޟާވީ އަކީ މިޞްރުގެ އަލްއިޚްވާނުލް މުސްލިމީން ޙަރަކާތުގެ ތާރީޚުގައި މުހިއްމު ދައުރުތަކެއް އަދާކުރައްވައިފައިވާ ބޭފުޅުކެވެ. މިކަމާ ހެދި އޭނާ މިޞްރު ދޫކުރައްވާ ވަޑައިގެން ވަޒަންވެރިވެ ވަޑައިގަތީ ޤަޠަރުގައެވެ. އޭނާއަކީ ޤަޠަރު މީހުން ވަރަށް ލޯބިވާ ޢިލްމުވެރިއެކެވެ. ޤަޠަރުގައި އޭނާ އެ ޤައުމުގެ ޔުނިވަރސިޓީ ބިނާކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.
ޑރ. ޤަރްޟާވީ އަކީ ޒަމާނީ ފިކްރުގެ ސަލަފީއެކެވެ.



advertisment