Support Us

ތައިވާނާއެކު ޗައިނާގެ އެއްބައެއްވަންތަކަން ޤާއިމުކުރުމަށް ހުރަސްއެޅުމަކީ ތާރީޚުގެ ފުރޮޅުތަކުން ޗިސްޗިސްކޮށްލައިފައިވާ ކަމެއް: ޗައިނާ

ތައިވާނާއެކު އެއްބައެއްވަންތަކަން ޤާއިމު ކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ތާރީޚުގެ ފުރޮޅުތަކުން ޗިސްޗިސްކޮށްލައިފައިވާ ކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެއެވެ. އޭނާ މި ގޮތަށް ވިދާޅުވީ އދގެ ޢާންމު ޖަމްޢިއްޔާގެ 77ވަނަ ދައުރުގައި ނިވްޔޯރކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވާންގް ޔީގެ ވާހަކަފުޅުގައި "އެއް ޗައިނާ"ގެ އުޞޫލު ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ތައިވާނަކީ ޗައިނާއާ ވަކިކޮށް ނުލެވޭނެ އެ ޤައުމުގެ ބައެކެވެ. އެއް ޗައިނާގެ އުޞޫލާ ޚިލާފަށް ޙަރަކާތްތެރިވާ ކޮންމެ ޙަރަކާތެއްގެ މައްޗަށް ތާރީޚުގެ ފުރޮޅުތަކުން އަރައި ޗިސްޗިސްކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިވާން ވަކިވުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ

ޗައިނާގެ ޚާރިޖީ ވަޒީރު ޔާންގް ޔީ އިތުރަށް ވިދާޅުވިއެވެ. "ތައިވާން ޗައިނާއާ ވަކިކޮށްލުމަށް ޓަކައި ޙަރަކާތްތެރިވާ ކޮންމެ ބާރަކާ ދެކޮޅަށް ޗައިނާ ރައްޔިތުން ތެދުވާނެއެވެ. އެއީ ޤައުމީ ވާޖިބެއް ކަމުގައި ދެކޭނެއެވެ." އޭނާ ވިދާޅުވިއެވެ. "ޗައިނާގެ ދާޚިލީ ކަންތައްތަކާ ބެހުމަށް ރޭވޭ ކޮންމެ ރޭވުމަކާ ދެކޮޅަށް ޗައިނާ ތެދުވާނެއެވެ."

ތައިވާނުން އަމިއްލަ ދިދައަކާއި ފައިސާއެއް ބޭނުން ކުރިއަސް އެއީ މިނިވަން ޤައުމެއް ކަމަށް އދ ޤަބޫލެއް ނުކުރެއެވެ. ބޭޖިންގުން އިންޒާރުދޭ ގޮތުގައި ތައިބޭއިން މިނިވަންކަން އިޢުލާނުކޮށްފިނަމަ ނުވަތަ ބޭރުގެ ބާރަކުން ތައިވާން ޙިމާޔަތް ކުރުމަށް މަސައްކަތްކޮށްފިނަމަ އެ ބާރަކާ ދެކޮޅަށް ޗައިނާއިން ކުރިމަތިލާނެއެވެ.

އދ ގެ ޢާންމު ޖަމްޢިއްޔާގެ ހަވާސާ މަތީގައި ރޭ އެމެރިކާގެ ޚާރިޖީ ވަޒީރާއި ޗައިނާގެ ޚާރިޖީ ވަޒީރު 90 މިނެޓްގެ ދިގު ބައްދަލުކުރެއްވުމެއް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި ތައިވާނުގެ އަމަންއަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސައިނޯ އެމެރިކާ ވާހަކަދެއްކުންތައް

އެމެރިކާގެ އިސް މަސްއޫލުވެރިއަކު ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ބްލިންކެން – ވާންގް ޔީ ގެ ބައްދަލުކުރެއްވުމުގެ އަސާސީ ނާރެހަކީ ތައިވާނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ކަށަވެތިވެފައިވާ އެއް ޗައިނާގެ ސިޔާސަތަށް ބަދަލެއް ނާދެއެވެ. މި ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ތައިވާން ކަނޑުއޮޅީގައި ސުލްޙަމަސަލަސްކަން ދެމެހެއްޓުމާއި ހަމަޖެހުން ޤާއިމު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ބައްދަލު ކުރެއްވުމާ ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި އެމެރިކާއިން ތައިވާނާ ބެހޭގޮތުން މި ފޮނުވާ މެސެޖަކީ "ވަރަށް ނުރައްކާތެރި ކުށް އިޝާރާތްތަކެކެވެ."

ޗައިނާގެ ޚާރިޖީ ވަޒީރާ ޙަވާލާދީ މި ބަޔާން ބުންޏެވެ. "ތައިވާނުގެ މަސްއަލައަކީ ޗައިނާގެ ދާޚިލީ މަސއަލައެކެވެ. މި މަސްއަލަ ޙައްލު ކުރާނެ ގޮތް ކިޔާދިނުމަށް ޓަކައި އެމެރިކާއަށް އެ މަސްއަލައިގެ ތެރެއަށް ވަނުމުގެ ޙައްޤު ލިބިގެން ނުވެއެވެ."

ތައިވާނު ދިފާޢު ކުރުން

މި ދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އެމެރިކާގެ ރައީސް ބައިޑްނާ ދާދިވަރުކޮށް ބައްދަލު ކުރެއްވިއިރު ތައިވާނުގެ މަސްއަލައާ ބެހޭގޮތުން އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "އަލިފާނާ ކުޅެންޏާ ފިހިދާނެއެވެ."

އެމެރިކާގެ ބަރްލަމާނުގެ ތިރިގޭގެ ރައީސާ ޕެލޫސީ ތައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ވިދިގެން އެމެރިކާ – ޗައިނާ ގުޅުމާއި ޗައިނާ- ތައިވާން ގުޅުން ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. އެ ހިސާބުން ވަނީ ޗައިނާގެ ޢަސްކަރީ ބާރުތައް އާދަޔާ ޚިލާފު މިންވަރަކަށް ބޮޑަށް ފަތުރައިފައެވެ. އެމެރިކާ ބުނާގޮތުގައި ޚާރިޖީ ވަޒީރު ބްލިންކެން ޗައިނާގެ ވަޒީރާ ބައްދަލު ކުރެއްވީ "އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ހުޅުވައިފައިވާ ބޭއްވުމަށް ޓަކައެވެ. އަދި ޒިންމާދާރުކަމާއެކު ވާދަވެރިކަން ދެމެހެއްޓުމަށް ޓަކައެވެ."

ބައިނަލްއަޤްވާމީ މުހިއްމު މަސްއަލަތަކުގައި ޗައިނާއާއެކު އެއްބާރުލުން ދަމަހައްޓަން ބޭނުންވާ ކަން ބްލިންކެން ހާމަ ކުރެއްވިއެވެ. އެމެރިކާއިން ޗައިނާއަށް އިންޒާރު ކުރި ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ޗައިނާއިން ރަޝިޔާއަށް ވާގިވެރިވެއްޖެނަމަ އެކަމުގެ ނަތީޖާ "ރަނގަޅެއް" ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *