Support Us

އިސްރާއީލުން ވަނީ އޮސްލޯ އެއްބަސްވުން ހަލާކުކޮށް ނައްތާލައިފައި: އައްބާސް

އިސްރާއީލުން ވަނީ "އޮސްލޯ އެއްބަސްވުން ހަލާކުކޮށް ނައްތާލައިފައި" ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

އދގެ ޢާންމު ޖަމްޢިއްޔާގެ 77 ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުން ޢައްބާސް ވިދާޅުވިއެވެ. "ބިންތައް ހިފައިގެން އޮތް ފަރާތުން އަހުރެމެންގެ ދައުލަތް ޤާއިމު ކުރާނެ ބިންކޮޅެއް ދީފައެއް ނުވެއެވެ. އިސްރާއީލުން މަސައްކަތް ކުރަނީ ދެ ދައުލަތުގެ ޙައްލު ފުނޑުނފުޑުކޮށް ހަލާކުކޮށްލާށެވެ."

ޢައްބާސް އަދިވެސް ވިދާޅުވިއެވެ. "ދެ ދައުލަތުގެ ޙައްލާ ބެހޭގޮތުން ވާހަކަދައްކާނެ ބައިވެރިއަކު މިހާރަކު ނެތެވެ."

ޢައްބާސްގެ ވާހަކަފުޅުގައި އިސްރާއީލަކީ ބައެއްގެ ބިންތަކެއް ހިފައިގެން އޮތް ދައުލަތެއް ކަމަށް ބެލުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ.

ޢައްބާސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސުލްޙަމަސަލަސްކަން ޤާއިމުކުރުމާ ބެހޭގޮތުން އޮތް އިތުބާރު އިސްރާއީލުގެ ސިޔާސަތުގެ ސަބަބުން ދަނީ ކަންފަތިވަމުންނެވެ. އެމީހުން މަސައްކަތްކުރަމުން ގޮސްފައި ވަނީ އަދި މިހާރު ވެސް މަސައްކަތް ކުރަނީ ދެ ދައުލަތުގެ ޙައްލު ނައްތައިލުމަށެވެ. އިސްރާއީލު ސުލްޙަމަސަލަސް ކަން ޤަބޫލެއް ނުކުރެއެވެ. އެމީހުން މަސައްކަތް ކުރަމުން ދަނީ ގަދަބާރާއި ޢުދްވާނުން މިހާރުގެ ޙާލަތު ޙަޤީޤަތަކަށް ހެދުމަށެވެ."

ޢައްބާސް ސާފުބަހުން ވިދާޅުވިއެވެ. "ފަލަސްޠީނުގެ ދައުލަތާއި އިސްރާއީލާ ދެމެދުގައިވާ ގުޅުމަކީ ބައެއްގެ ބިން ހިފާފައިވާ ދައުލަތަކާ އެ ޢުދްވާނުގެ ދަށުގައި ތިބި ރައްޔިތަކާ ދެމެދުގައިވާ ގުޅުމެކެވެ."

ޢައްބާސް ފަސްއެނބުރި ބައްލަވާލައްވަމުން ވިދާޅުވިއެވެ. "އަހުރެމެން އިސްރާއީލާއެކު މުޢާމަލާތު ކުރާނީ މި އުޞޫލުގެ ދަށުންނެވެ. އަހުރެމެން ބައިނަލް އަޤްވާމީ މުޖްތަމަޢަށް ވެސް މި ގޮވައިލަނީ މި އަސާސުގެ ދަށުން އިސްރާއީލާއެކު މުޢާމަލާތު ކުރުމަށެވެ."

ފަލަސްޠީނުން ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ހުއްޓާ ނުލައި އާބާދީތައް ހަދަމުންދާތީއާއި ދެ ދައުލަތުގެ ޙައްލަށް ފުރަގަސްދީފައިވާތީ 2014 އިން ފެށިގެން ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ވަނީ ހުއްޓިފައެވެ.

އިސްރާއީލު ސަމާސާއެއް ނުކަނޑާ

އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑް އދ ގެ ޢާންމު ޖަމްޢިއްޔާގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ދެ ދައުލަތުގެ ޙައްލަށް އޭނާ ތާއީދު ކުރައްވައެވެ. ލެޕިޑް ވިދާޅުވިއެވެ. "އިސްރާއީލުގެ އަމްނަށާއި އިސްރާއީލުގެ އިޤްތިޞާދަށާއި އިސްރާއީލުގެ ދަރީންގެ ކުރިމަގަށް ޓަކައި އޮތް ރަނގަޅު މަގަކީ ދެ ދައުލަތުގެ ޙައްލުގެ ތަރަހައިގެ މަތީގައި ފަލަސްޠީނީންނާއެކު އެއްބަސްވުމެވެ." އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ މި ދައުލަތަކީ އިސްރާއީލަށް ބިރުހުރި ދައުލަތަކަށް ވެގެން ނުވާނެއެވެ."

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް 2009 ގައި ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރައްވާ ވާހަކަ ވިދާޅުވެފައި ވެއެވެ. އެހެނަސް 2017 ން ފެށިގެން މި ޙައްލަށް ތާއީދު ކުރައްވާ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.

އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ބޮޑުވަޒީރު ލެޕިޑް ފަލަސްޠީނުގެ ރައީސް ޢައްބާސާ ބައްދަލު ކުރައްވާކަށް އަދި ގަސްތެއް ނުކުރައްވައެވެ. އެއީ އެކަމުގައި މަންފާއެއް ނެތީމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *