އިސްރާއީލުގައި ހުންނަ އިނގިރޭސިވިލާތުގެ އެންބެސީ ތައްލު އަބީބުން ޤުދްސަށް ބަދަލުކުރުމުގެ މަސްއަލަ އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް މުރާޖާ ކުރައްވަން ނިންމަވައިފި ކަމަށް އޭނާގެ އޮފީހުގެ ތަރްޖަމާނު ރޭ ހާމަކުރައްވައިފިއެވެ. ބޮޑުވަޒީރު ޓްރަސްގެ މި ނިންމެވުން އޭނާ އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑަށް ދަންނަވައިފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އިނގިރޭސި ބޮޑުވަޒީރު މި ކަން ހާމަކުރެއްވީ އދގެ ޢާންމު ޖަމްޢިއްޔާގެ 77ވަނަ ދައުރުގެ ހަވާސާމަތީގައި އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑާ ބައްދަލުކުރައްވަމުންނެވެ.
ލެޕިޑް މިކަމަށް ޝުކްރު އަދާކުރައްވާ އޭނާގެ ޓްވިޓަރުގައި ވިދާޅުވިގޮތުގައި އިނގިރޭސި ބޮޑުވަޒީރަކީ ޙަޤީޤީ ތެދުވެރި ރަޙްމަތްތެރިއެކެވެ. ލެޕިޑް ވިދާޅުވިގޮތުގައި އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދުގައިވާ ގުޅުންތައް ޓްރަސްގެ ވެރިކަމުގައި އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ޓެލެގްރާފު ދުވަހު ނޫސް ބުނާގޮތުގައި އިނގިރޭސި އެންބެސީ ތައްލު އަބީބުން ޤުދްސަށް ބަދަލުކުރުމުގެ މަސްއަލަ ޓްރަސް މުރާޖާ ކުރައްވަން ފައްޓަވާނެއެވެ. އޭނާ ޚާރިޖީ ވަޒީރުކަމުގައި ހުންނެވިއިރު އެ މަސްއަލަ މުރާޖާކުރައްވާނެކަމުގެ ކަށަވަރުކަން ވަނީ ދެއްވައިފައެވެ. އޭނާ އެކަން ހާމަކުރައްވައިފައި ވަނީ ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓިގައި ތިބި އިސްރާއީލުގެ ރަޙްމަތްތެރީންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މިއީ ބޮޑުވަޒީރުކަމުގެ މަޤާމަށް ވާދަކުރެއްވިއިރު އޭނާ ވެވަޑައިގެންނެވި ވަޢުދެކެވެ.
އިނގިރޭސިވިލާތުގެ މި "އައު ވަޢުދާ" ބެހޭގޮތުން ކޮމެންޓް ކުރައްވަމުން ފަތުޙު ޖަމާޢަތުގެ މަރްކަޒީ ކޮމެޓީގެ އަމީން ސިއްރުގެ ނައިބު ޞަބްރީ ޞައިދަމު ސިފަކުރެއްވި ގޮތުގައި މިއީ މުޞީބަތެކެވެ. ޞައިދަމުގެ ބަޔާނުގައި އިނގިރޭސި ބޮޑުވަޒީރު މިކަމާމެދު ރަނގަޅަށް ވިސްނެވުމަށާއި ޤަރާރު ކަނޑައެޅުއްވުމުގައި އަވަސް އަރުވައި ނުގެންނެވުމަށް ގޮވައިލެއްވިއެވެ. އޭނާ ބީބީސީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ، "މަސްއަލައަކީ ޤައުމެއްގެ ރައްޔިތެއްގެ ކުރިމަގާ ގުޅިފައިވާ މަސްއަލައެކެވެ. މިއީ އަވަސް އަރުވައިލައިގެން އަޅަން ޖެހިފައިވާ ސިޔާސީ ފިޔަވަޅެއް ނޫނެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "ބެލްފޯރ ވަޢުދުގެ ސަބަބުން އަހުރެމެން މި ދަނީ ބޮޑެތި މުޞީބާތްތަކެއް ތަޙައްމުލު ކުރަމުންނެވެ. މި ވަޢުދުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިވެފައިވާ މުޞީބާތްތައް ވަރަށް ގިނައެވެ."
އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ރައްޔިތުން އިންތިޒާރުކުރަމުންދަނީ މި ތާރީޚީ ކުށް ފިޔަވަޅު ރަނގަޅު ކުރުމަށް އިނގިރޭސީން އަޅާނެ ފިޔަވަޅަކަށެވެ. އެންމެ ކުޑަވެގެން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމެވެ. އދ ގައި މި ދައުލަތަށް ފުރިހަމަ މެންބަރުކަން ދިނުމެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު އަދި ލިބެމުންދާ މާނަވީ އަދި މާއްދީ ގެއްލުންތަކަށް ސަމާސާ ކަނޑައިލައިފާ ބަދަލުދިނުމާމެދު ވިސްނުމަށެވެ."
ފަތުޙު ޖަމާޢަތުގެ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އިނގިރޭސި ވިލާތުގެ އެންބެސީ ތައްލު އަބީބުން ޤުދްސަށް ބަދަލުކުރުމަކީ ބެލްފޯރގެ ދެވަނަ ވަޢުދެވެ. މކަން ވެގެންދާނީ ޖަމަލުގެ ގުދާރު ބިންދައިލި އިސްތަށްޓަށެވެ.



advertisment