އިނގިރޭސި އިސްތިޢުމާރުގެ އާސާރުތައް ފުހެލުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އިންޑިޔާ ސަރުކާރުން ނިންމައިފި އެވެ.
އިނގިރޭސި ނޫހެއް ކަމުގައިވާ ދަ ޓައިމްސް އިން ފާހަގަކުރާ ގޮތުގައި އިންޑިޔާ ސަރުކާރުން މި ވަގުތު އެންމެ އިސްކަންދޭނީ އެ ޤައުމުގެ ޢަސްކަރިއްޔާގެ ތެރެއަށް ވަދެފައި ހުރި އިނގިރޭސި ޕްރޮޓޮކޯލްތަކާއި ޝިޢާރުތައް ނައްތައިލުމަށެވެ.
މި ނޫހުން އިއްޔެ ޝާއިޢު ކުރި ޚަބަރެއް ބުނާގޮތުގައި އިންޑިޔާގެ ލަޝްކަރު "އިންޑިޔާވަންތަ ކުރުމަށް" ޓަކައި އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިފައިންގެ ޔުނިފޯމުތަކާއި ޢަސްކަރީ ފައުޖުތަކުގެ އާލަތްތަކާއި ފައުޖުތަކަށް ކިޔާ ނަންނަމާއި ސިފައިންގެ ޢިމާރާތްތަކާއި ސިފައިންގެ ކައިބޮއެ ހެދުމާއި އުޅުމުގެ ގޮތްތަކަށް (މެސް) ބަދަލު ގެނައުން ހިމެނެއެވެ. މި ގޮތުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސިފައިންގެ ބޭންޑްގައި ގެންގުޅޭ ދުންމާރިއަށް ވެސް ބަދަލު ގެނެވޭނެއެވެ.
ތުރާސް ދިރުވުން
މި ގޮތަށް ސަރުކާރުން ނިންމީ ބޮޑުވަޒީރު މޯދީ ތަކްރާރުކޮށް އެކަމަށް ގޮވައިލައްވަމުން ގެންދަވާތީ އެ ކަމަށް އިޖާބަ ދިނުމަށް ޓަކައެވެ. މޯދީ ގޮވައިލައްވަނީ އިސްތިޢުމާރީ ހުރިހާ މީރާސަކުން އިންޑިޔާ ޠާހިރުކުރުމަށެވެ. އޭގެ ބަދަލުގައި އިސްތިޢުމާރުގެ ކުރީގެ ޤައުމީ ތުރާސް ދިރުވުމަށް އޭނާ ގޮވައިލެއްވިއެވެ.
މި ހުސްވި މަހު ބޮޑުވަޒީރު މޯދީ ވަނީ ސިފައިންނަށް ފަސް ކަމަކަށް ޢަހްދު ކަށަވަރުވުމަށް ގޮވައިލައްވައިފިއެވެ. އޭގެތެރޭގައި އަޅުވެތިކަން މުޅިން ނައްތައިލުމާއި ވިސްނުން ބަދަލުކޮށް ޒަމާނީ ކުރުމާއި ޤައުމުގެ ތުރާސާމެދު ފަޚްރުވެރިވުން ހިމެނެއެވެ.
އިންޑިޔާގެ ލަޝްކަރީން ބުނާގޮތުގައި އިސްތިޢުމާރީ ޒަމާނުގެ އާދަކާދަތައް ބަދަލުކުރާން ވަނީ ޖެހިފައެވެ. މި ކަމުގެ ސަބަބުން އިންޑިޔާ ސިފައިންގެ ޔުނިފޯމުތަކަށާއި ލަޝްކަރުގެ ބައެއް ފައުޖުތަކަށް މިހާރު ދެވިފައިވާ އިނގިރޭސި ނަންނަމަށާއި ބައެއް ޢިމާރާތްތަކަށާއި ޕާކުތަކަށް ކިޔާ ނަންތަކަށް ބަދަލު އަންނާނެއެވެ. އަދި ޢަސްކަރިއްޔާގައި ބޭނުންކުރާ ބައެއް ޤަވާޢިދުތަކަށާއި ޤާނޫނުތަކަށް ވެސް އިޞްލާހުތައް ގެނެވޭނެއެވެ.
އިންޑިޔާގެ ކަނޑުގެ ބާރުތައް
ވަރަށް ފަހަކާ ޖެހެނދެން އިންޑިޔާގެ ކަނޑުގެ ސިފައިން އެމީހުންގެ ޝިޢާރެއް ކަމުގައި ބޭނުންކުރަމުން ގޮސްފައިވަނީ ސޭންޓް ޖޯރޖްގެ ރަތް ޞަލީބެވެ. 2 ސެޕްޓެންބަރުން ފެށިގެން އިންޑިޔާގެ ރަމްޒެއް ހިމެނޭ ދިދައެއް ވަނީ ބޭނުންކުރަން ފަށައިފައެވެ. މޯދީ އެ ދުވަހު ވިދާޅުވިއެވެ. "މިއަދާ ޖެހެންދެން އިންޑިޔާގެ ކަނޑުގެ ބާރުގެ ދިދައަކީ އަޅުވެތިކަމުގެ ރަމްޒެކެވެ. މިއަދުން ފެށިގެން ކަނޑުގައްޔާއި ޖައްވުގައި ވިހުރުވޭނީ މި އައު ދިދައެވެ."



advertisment