Support Us

ސޮވިއެޓް ޔުނިއަންގެ އެންމެ ފަހު ރައީސް ގަރްބަޗޯފް އަވަހާރަވެއްޖެ

ސޮވިއެޓް ޔުނިއަންގެ އެންމެ ފަހު ރައީސް މީޚާއީލް ސަރގީ ގަރްބަޗޯފް ޢުމުރުފުޅުން 91 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ. ރޫސީވިލާތުގެ ރިޔާސީ ގަނޑުވަރަށް ތަބާވާ މަރްކަޒީ ހަސްފަތާލުން ނެރުނު ބަޔާނެއް ބުނިގޮތުގައި ގަރްބަޗޯފް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.

ޔުކްރޭންގެ ދަނޑުވެރި ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ގަރްބަޗޯފް އުފަންވެ ވަޑައިގަތީ 1931ވަނަ އަހަރު އެވެ. އަދި 1985ވަނަ އަހަރު އޭނާ ކޮމްޔުނިސްޓް ޕާޓީގެ މަރްކަޒީ ކޮމެޓީގެ އަމީން ޢާންމު ކަމުގެ މަޤާމަށް އިސްކުރެވުނެވެ. ޕެރަސްޓްރޮއިކާގެ ނަމުގައި އޭނާ ސޮވިއެޓް ޔުނިއަނަށް ސިޔާސީ އަދި އިޤްތިޞާދީ ވަރަށް ބޮޑު އިޞްލާޙުތަކެއް ގެންނެވިއެވެ.  ގަރްބަޗޯފް ސޮވިއެޓް ޔުނިއަންގެ ރައީސްކަމަށް އިސްކުރެވުނީ 1990 ވަނަ އަހަރުއެވެ.

އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަނާއެކު ރައީސް ގަރްބަޗޯފް ވާހަކަފުޅު ދައްކަވައިގެން ފިނިހަނގުރާމަ ނިމުމަކަށް ގެންނެވިއެވެ. މި ކަމުގެ ސަބަބުން އެ އަހަރުގެ ޞުލްޙައިގެ ނޮބެލް އިނާމު ގަރްބަޗޯފަށް ލިބިވަޑައިގަތެވެ. އަދި 1991ވަނަ އަހަރު ސޮވިއެޓް ޔުނިއަން ރޫޅި އުވިގެން ދިޔުމުގައި ގަރްބަޗޯފްގެ ޙިއްޞާ ވަރަށް ބޮޑެވެ.

ސޮވިއެޓް ޔުނިއަންގެ ފޭލިގެ ތެރޭގައި ހިމެނޭ އިރުމަތީ ޔޫރަޕްގެ ޤައުމުތައް 1989 ގައި ދީމުޤްރާޠީ ނިޒާމަށް ތާއީދުކޮށް މުޒާހަރާތަކާއި އިޙްތިޖާޖުތައް ފެށުމުން ކްރެމްލިންގެ އެހެން ޒަޢީމުންނާ ޚިލާފަށް ގަރްބަޗޯފް މި ޤައުމުތަކާ ދެކޮޅަށް ބާރުގެ ބޭނުމެއް ނުކުރައްވައެވެ. މިގޮތުން 1956 ގައި ހަންގެރީއަށް އަދި 1968ގައި ޗެކޮސްލޭވޭކިޔާއަށް ސޮވިއެޓް ޔުނިއަންގެ ޓޭންކްތައް އަރައި އެ ޤައުމުތަކުގެ އިންތިފާޟާތައް ގަދަބާރުން ނައްތައިލައި ކްރެމްލިންގެ ބާރުގެ ދަށަށް އެ ޤައުމުތައް އަނބުރާ ގެނައި ގޮތަށް މި އިޙްތިޖާޖުތައް ނައްތައިލުމަށް ޓަކައި ގަރްބަޗޯފް ބާރުގެ ބޭނުމެއް ނުކުރައްވައެވެ.

މި ކަމާ ވިދިގެން ސޮވިއެޓް ޔުނިއަންގައި ހިމެނޭ 15 ޖުމްހޫރިއްޔާއަކުން ދާޚިލީ އަމިއްލަ ވެރިކަމަށް އެދި ގޮވައިލާ މުޒާހަރާތަކާއި ގަޑުބަޑުތައް ޢާންމުވެގެން ދިޔައެވެ. އޭގެ ދެ އަހަރުފަހުން މި ޤައުމުތަކުގައި ގަޑުބަޑުތައް ޢާންމުވެ ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ. ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔަ ނުދެއްވުމަށް ޓަކައި ގަރްބަޗޯފް ފިޔަވަޅުތަކެއް އެޅުއްވޭތޯ މަސައްކަތް ކުރެއްވިއެވެ. ހުޅަނގުގެ އެހީއާއި މަދަދު އެ ޤައުމުތަކަށް ލިބިގެންދިޔުމުގެ ސަބަބުން ގަރްބަޗޯފް ކުރެއްވި މަސައްކަތްޕުޅުތައް ވަނީ ނާކާމިޔާބުވެ ފޭލްވެފައެވެ. އެންމެ ފަހުން 25 ޑިސެންބަރު 1991ގައި ގަރްބަޗޯފަށް އިސްތިޢުފާ ދެއްވަން މަޖްބޫރުވެ ވަޑައިގެން ވެރިކަމުން ވަކިވެވަޑައިގަތެވެ.

 ތަޢުޒިޔާތަކާއި ތާރީފުގެ ބަސްތައް

ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި ގަރްބަޗޯފް އަވަހާރަވުމުން ރައީސް ޕޫޓިން އެކަމާ ހިތާމަ ކުރައްވާ ތަޢުޒިޔާ ވިދާޅުވިއެވެ. އެހެނަސް ހުޅަނގުގެ ޒަޢީމުން ފަދައިން ތާރީފުގެ ބަސްފުޅުތައް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ގަރްބަޗޯފަކީ "ވަރަށް ނާދިރު ޒަޢިމު" އެކެވެ. އޭނާ "ދުނިޔެ އަމާން ތަނަކަށް ހެއްދެވުމުގައި" ޙިއްސާތަކެއް އަދާކުރެއްވިއެވެ.

ފަރަންސޭސި ރައީސް މެކަރޯން ގަރްބަޗޯފް އަވަހާރަވުމުން އެކަމާމެދު ހިތާމަކުރައްވާ ވިދާޅުވި ގޮތުގައި އޭނާއަކީ "ސުލްޙައިގެ މީހެ"ކެވެ. އޭނާ "ޔޫރަޕަށް ސުލްޙަ ގެންނެވުމަށް ކަށަވެތިވެ ވަޑައިގަތެވެ." މެކަރޯން ވިދާޅުވިއެވެ. އޭނާ "ރޫސީންގެ ކުރިމަތީގައި މިނިވަންކަމުގެ މަގު ތަނަވަސްކޮށް ދެއްވިއެވެ. އޭނާ ޔޫރަޕްގެ ޞުލްޙައަށް ޓަކައި ކަށަވެތިވެ ވަޑައިގަތުމުގެ ސަބަބުން ގުޅިފައިވާ ތާރީޚުގެ މިސްރާބު ހެޔޮ އަތަށް ބަދަލު ކުރެއްވިއެވެ."

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ސިފަކުރެއްވި ގޮތުގައި ގަރްބަޗޯފަކީ "ހިތްވަރުގަދަ ނަޒާހަތްތެރި" ޒަޢީމެކެވެ.

އދ ގެ އަމީން ޢާންމު ގުޓަރެޝް ކުރީގެ ސޮވިއެޓް ޒަޢީމު އަވަހާރަވުމުން އެކަމާމެދު ވަރަށް ފުންކޮށް ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ގަރްބަޗޯފަކީ "ތާރީޚުގެ ރާސްތާ ބަދަލުކޮށްލެއްވި ނާދިރު ސިޔާސީކާރެކެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *