ކެރީބީ ސަރަޙައްދަށް ބަލާއިރު އެއީ ވަރަށް އާބާދީ ކުޑަ ސަރަޙައްދެކެވެ. މި ސަރަޙައްދަށް 50 ބިލިއަން ޑޮލަރު ދޭން ޖެހޭނަމަ އެފްރިކާގެ މުޅި ބައްރުގެ ޤައުމުތަކަށް ޓްރިލިއަނުން ޓްރިލިއަނުން ބަދަލު ދޭންޖެހޭނެއެވެ. އިންޑިޔާ ފަދަ މީސްގިނަ، މުއްސަނދިކަން ބޮޑު ޤައުމަކަށް ދޭންޖެހޭ ބަދަލު އިނގިރޭސިވިލާތަށް ދެވޭނެ ބާވައެވެ! އެތައް ސައްތަ އަހަރެއްވާންދެން އިނގިރޭސީން ވަނީ އިންޑިޔާގެ މުއްސަނދިކަން ދަވަމުންގޮސްފައެވެ. އިންޑިޔާއަށް ބަލާއިރު ކުޑަކުޑަ ޤައުމެއް ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ބާރުގަދަ ޤައުމުތަކުން ޤައުމަކަށް މިއަދު ވެފައި މިވަނީ އިންޑިޔާގެ މުއްސަނދިކަމާއި އިންޑިޔާގެ އަޅުމަސައްކަތުގެ ސަބަބުންނެވެ.
ހޮލެންޑަށް ބަލާއިރު ސޯޅަވަނަ ސައްތައިގައި އިންޑޮނޭޝިޔާ އިސްތިޢުމާރުކޮށް އެއީ ހޮލެންޑްގެ އިރުމަތީ އިންޑިޔާކަމަށް ބުނި ދުވަސްވަރު ހޮލެންޑްގެ އާބާދީއަކީ ދިހަވަރަކަށް މިލިއަން މީހުންނެވެ. އިންޑޮނޭޝިޔާއަކީ ހަވާދުގެ ބާވަތްތަކުގެ މުއްސަނދިކަން އެންމެ ބޮޑަށް އޮތް މީސްގިނަ ޤައުމެކެވެ. އިންޑޮނޭޝިޔާއިން ފޭރެމުންދިޔަ ހަވާދުތަކުގެ ސަބަބުން އެންމެ މުއްސަނދި ކުންފުނިކަމުގައި ހޮލެންޑްގެ އިރުމަތީ އިންޑިޔާ ކުންފުނި ވެގެންދިޔައެވެ.
ޑރ. ޕިކްލިޒް ވިދާޅުވާ ގޮތުގައި ކެރީބިއަން ސަރަޙައްދުގައި ދުއިސައްތަ އަހަރުވާންދެން ކުރުވާފައިވާ އަޅުމަސައްކަތަށް އެކަނިވެސް 8.22 ޓްރިލިއަން ޑޮލަރު ދޭންޖެހޭނެއެވެ.
ހުޅަނގުގެ މުއްސަނދިކަމަކީ އެމީހުންގެ މުއްސަނދިކަމެއް ނޫން
އިސްތިޢުމާރުންގެ ސަބަބުން ދުނިޔޭގެ "ނިކަމެތި" ޤައުމުތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލުދިނުމާ ބެހޭގޮތުން އދ ގެ ހިޔާވަހިކަމުގެ ދަށުގައި ބަޙުސްކުރެވުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެކުނު އެފްރިކާގައި 2001ވަނަ އަހަރު ބޭއްވުނު ބައްދަލުވުމަކީ މި ނާރެހުގެ ތެރޭގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުންތަކަށް ޑިޕްލޮމެޓިކް ބަރުދަނެއް ވަނީ ލިބިފައެވެ. މި މަސްއަލައަކީ ވަރަށް އޮޅުންބޮޅުންކަން ބޮޑު ތައުގީދު މަސްއަލައެކެވެ. މާރޓެނީކް ޖަޒީރާގެ މުފައްކިރެއް ކަމުގައިވާ ފްރާންޒް ފާނޫން 1961ވަނަ އަހަރު ވިދާޅުވެފައިވެއެވެ. "އަހުރެމެންގެ ބިންތަކުން އިސްތިޢުމާރު ފޭބުމުން ދަރަނިތައް އަދާކުރިކަމަކަށް ނުވާނެއެވެ. އިސްތިޢުމާރީ ޤައުމުތަކުގެ މުއްސަނދިކަމަކީ އަހުރެމެންގެ މުއްސަނދިކަމެކެވެ. ޒަމާނީ ޔޫރަޕަކީ ތިންވަނަ ދުނިޔޭގެ އުފެއްދުމެކެވެ."
ފަރަންސޭސީން ހެއިޓީގެ ބޮލުގައި އަޅުވައިފައިވާ ދަރަނީގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ދަނީ ބަނގުރޫޓުވަމުން
އިޤްތިޞާދީ މައިދާނުގައި ނޮބެލް އިނާމު ލިބިވަޑައިގެންފައިވާ ސޭން ލޫސިޔާގެ ވިލިއަމް އާރތަރ ލުވިސް ވިދާޅުވެފައިވާ ގޮތުގައި މި ދިޔަ ސައްތައިގެ ތިރީހުގެ އަހަރުތަކުގެ ތެރޭގައި އިސްތިޢުމާރީ ޤައުމުތަކުން ވަނީ އިސްތިޢުމާރު ކުރި ޤައުމުތަކުގެ ހުރިހާ ޚައިރާތުތަކެއް ދަވާލައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި "އެހެންކަމުން ބަދަލުދިނުމަކުން ނުފުދޭނެއެވެ. އެ ޤައުމުތައް އާރާސްތުކޮށް ބިނާކޮށްދޭން ވެސް ޖެހޭނެއެވެ."
މިސާލެއްގެ ގޮތުގައި ހެއިޓީ ނަގަމާ ހިނގާށެވެ! މިއަދު އެ ޤައުމަކީ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި އޮތް އެއް ޤައުމެވެ. އެ ޤައުމަށް ނަގަން މަޖްބޫރު ކުރުވި ދަރަނީގެ ސަބަބުން އެ ޤައުމު ވަނީ އެތައް ބިލިއަން ޑޮލަރަކަށް ދަރައިފައެވެ. އެހެނަސް އެ ޤައުމަކީ އަށާރަވަނަ ސައްތައިގެ ފަހުކޮޅުގައި އެންޓީލް ޖަޒީރާތަކުގެ ރަންމުތެވެ. ދުނިޔޭގައި އުފެއްދާ ހަކުރާއި ކޮފީގެ ދެބައިކުޅަ އެއްބައި އުފައްދައިފައި ވަނީ މި ޤައުމުންނެވެ. ފަރަންސޭސިވިލާތުގެ ބޭރުގެ ވިޔަފާރީގެ 40% ތަމްސީލުކޮށްފައި ވަނީ ހެއިޓީންނެވެ.
ފަރަންސޭސިވިލާތުގެ މި މުއްސަނދިކަމުގެ މަޞްދަރަކީ އަށް ހާސް ދަނޑުބިމުގައި މަސައްކަތް ކުރި 500 ހާސް "އަޅުން"ނެވެ.
ހޮލޮކޯސްޓްގެ ސަބަބުން ޝިކާރަވެގެން ދިޔަ ޔަހޫދީންނަށް ބަދަލު ދެވުނު ގޮތަށް އެފްރިކާ މީހުންނަށް ބަދަލު ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ އިންޑިޔާއިން އިނގިރޭސިވިލާތަށް އަޅުމަސައްކަތް ކުރުވާން ގެންދެވުނު މީހުންނަށް ބަދަލު ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާނުންނެއް ނޫން ހެއްޔެވެ؟ އެމީހުންނަކީ މަޒްލޫމުންނެއް ނޫންހެއްޔެވެ؟ އެފްރިކާގައި 1993ވަނަ އަހަރު ބޭއްވުނު މަހާސިންތާއެއްގައި މި ސުވާލުތައް ކުރެވުނެވެ. ބަދަލުދިނުމަށް ގޮވައިލެވުނެވެ. ނަމަވެސް މި އަޑު އިވުނު "ދޮން" މީހަކު ނެތެވެ.
ބަދަލުދިނުމަށް ގޮވައިލާ މީހުން މިއަދު މަސައްކަތް ކުރަނީ ޔޫރަޕްގެ ޢާންމު ރައުޔު ކައްކުވައިގެންނެވެ. އަދި މީގެއިތުރަށް ޔޫރަޕްގެ ކޯޓުތަކަށް މަސްއަލަ ހުށައަޅައިގެންނެވެ.
މި ދިޔަ ސައްތައިގެ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސީން ކެންޔާގައި ހިންގައިފައިވާ ލާއިންސާނީ ޢަމަލުތަކަށް ބަދަލު ހޯދުމަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން އިނގިރޭސި ކޯޓުތަކުން ވަނީ 30 މިލިއަން ޑޮލަރު ދިނުމަށް ނިޔާ އިއްވައިފައެވެ. ދެހާސް ތޭރަ ވަނަ އަހަރު ކޯޓުން މި ނިންމި ނިންމުމާ ވިދިގެން ފާޅުގައި ވަނީ އިނގިރޭސި ސަރުކާރުން މާފަށް އެދިފައެވެ. އެއީ ކުރު ބަޔާނެއް ނަމަވެސް އެއީ ކާމިޔާބީއެކެވެ.
ޖަރްމަނުގައި ފިތުންތައް ބޮޑުވެގެން ޖަރްމަނުގެ ބަރްލަމާނުން 2015ގައި ވަނީ ނެމީބިޔާއާއެކު ބަދަލުދިނުމާ ބެހޭގޮތުން ރަސްމީ ވާހަކަދެއްކުންތައް ފަށައިފައެވެ.
(ނުނިމޭ)



advertisment