އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާއާ ކުރިމަތިލުމަށް ޓަކައި ޕާކިސްތާނަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިސްލާމްއާބާދުން ގޮވައިލައިފިއެވެ.
މި ކާރިސާގެ ސަބަބުން ޕާކިސްތާނުގެ ބްލޫޚިސްތާނު ސަރަޙައްދު ވަނީ އެހެން ސަރަޙައްދުތަކާ މުޅިން ގުޅުން ކެނޑިފައެވެ. މި ކާރިސާގައި ހާހަކަށް ވުރެ ގިނަ ބަޔަކު މަރުވެ 30 މިލިއަން މީހުންނަށް ވަނީ ގެއްލުން ލިބިފައެވެ.
ޕާކިސްތާނުގެ ޚާރިޖީވަޒީރު ބިލަވާލު ބުއްޓޫ ޒަރްދާރީ ރޭ ހާމަކުރެއްވި ގޮތުގައި މި ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ މުޅި ސަރަޙައްދުގެ ދެބައި ކުޅަ އެއްބަޔަށް ވަނީ ގެއްލުން ލިބިފައެވެ. މި ޙާލަތާ ކުރިމަތިލުމަށް ޓަކައި އެ ޤައުމަށް ފައިސާގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި އައިއެމްއެފް ފަދަ މާލީ މުއައްސަސާތަކުން ޚާއްޞަ ޢިނާޔަތެއް ދޭނެކަމަށް އުންމީދު ކުރައްވާ ކަމަށް" އޭނާ ވިދާޅުވިއެވެ.
މި މަސްއަލައާ ބެހޭގޮތުން ޕާކިސްތާނުގެ ރައީސް ޢާރިފު ޢަލަވީ ޕާކިސްތާނުގެ ރައްޔިތުންނަށާއި ބައިނަލް އަޤްވާމީ މުޖްތަމައަށް މި ކާރިސާގައި ޝިކާރަވެފައިވާ މީހުންނަށް އެހީވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި ބޯހިޔާވަހިކަން ދިނުމަށާއި އަލުން ގެދޮރުވެރިކުރުވުމަށް ޓަކައި އެހީއަށް ވަނީ ބޭނުންވެފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ވިދާޅުވިއެވެ. "ކާރިސާގެ ބޮޑުކަން ނިމުތުކުރެވުނު ވަރަށްވުރެ މާބޮޑެވެ. ގެއްލުން މާ އިތުރެވެ."
ރޮއެޓަރސް ބުނާގޮތުގައި މޫސުމީ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ އުތުރާއި ދެކުނުގައި ވަނީ ފެންބޮޑުވެފައެވެ. މި ކަމުގެ ސަބަބުން ތިރީހަކަށް މިލިއަނަށްވުރެ ގިނަ ބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ. ހާހަކަށް ވުރެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. މިލިއަނަކަށްވުރެ ގިނަ ގެ ވަނީ ވެއްޓި ހަލާކުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ދަޑު ބިންތަކުގެ ތެރެއިން 80 ހާސް ހެކްޓަރުގެ ބިން ވަނީ ހަލާކުވެފައެވެ. އަދި 800 ހާސް ނަޢަމުސޫފި މަރުވެ، 3،400 ކީލޯގެ މަގު ވަނީ ހަލާކުވެފައެވެ. އަދި 149 ފާލަމާއި ދާލަން ވަނީ ވެއްޓި ހަލާކުވެފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބުއްޓޫ ވިދާޅުވިއެވެ. "އަޅުގަނޑުގެ ޙަޔާތުގައި މި ފަދަ ބޮޑު ގެއްލުންތަކެއް ޕާކިސްތާނަށް ލިބިފައެއް ނުވެއެވެ. އެއީ ސިފަކުރާން ދަތި ބޮޑު ހަލާކެކެވެ. ފެންބޮޑުވުމުގެ ސަބަބުން އެތައް ލައްކަ ބައެއްގެ ރިޒްޤުކަމުގައި ހިމެނޭ ގޮވާންތައް ވަނީ ހަލާކުވެފައެވެ. މި ކަމުގެ ނުބައި އަސަރު މުޅި ޤައުމުގެ އިޤްތިޞާދަށް ކުރާނެތެވެ."
ޕާކިސްތާނާ ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ޓަކައި އައިއެމްއެފުން ދަނީ 1.2 ބިލިއަން ދިނުމާމެދު ބަހުސްކުރަމުންނެވެ. އައިއެމްއެފްގެ އިދާރި މަޖިލީހުން މިކަމާ ބެހޭގޮތުން މި ހަފުތާގައި ގޮތެއް ނިންމާނެއެވެ. މިއީ 2019ގައި ޕާކިސްތާނުން އެދިފައިވާ ދަރަންޏެކެވެ. ބުއްޓޫ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ އުންމީދަކީ މި ދަރަނި އަވަހަށް ލިބުމެވެ.



advertisment