އީޖާ ކަނޑާއި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދުގައި ތުރްކީގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ގްރީކުގެ އެސް-300 މަރުކާގެ ދިފާޢީ ނިޒާމުން ފޮށިފައިވާކަމަށް ތުރްކީގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މި ވުޒާރާއިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުގައި މި ޙަދިސާ ހިނގައިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އީޖާ ކަނޑާއި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދުގައި ބައިނަލްއަޤްވާމީ ވައިގެ ސަރަޙައްދުގެ ތެރޭގައި އުދުހުމެއްގައި އުޅެނިކޮށްނެވެ.
ތުރްކީން ބުނާގޮތގައި އެ ޤައުމުގެ އެފް-16 މަރުކާގެ މަތިންދާބޯޓުތަކާ ފޮށިފައި ވަނީ ކްރީޓް ޖަޒީރާގައި ބަހައްޓާފައި ހުރި އެސް-300 މަރުކާގެ ދިފާޢީ ސިސްޓަމުގެ ރާޑަރުންނެވެ. ގްރީކުން މި ބޯޓުތަކާ ފޮށުނު ނަމަވެސް މި ބޯޓުތައް ސަލާމަތުން އެ ބޯޓުތަކުގެ ބޭހަށް އަނބުރާ އައިކަމަށް ތުރްކީން ބުންޏެވެ.
ތުރުކީން ބުނާގޮތުގައި މި ނިޒާމުގެ ރާޑަރުން ތުރުކީގެ ބޯޓުތަކުގެ ފަހަތުން ގޮސް މިސައިލްތައް ތުރުކީގެ ބޯޓުތަކަށް އަމާޒު ކުރިއެވެ. މިއިން އެނގެނީ ގްރީކުން މި ނިޒާމުގެ ބެޓެރީތައް ހިންގާ ޙަމަލާދިނުމަށް ތައްޔާރުވި ކަމެވެ.
ތުރުކީން ބުނާގޮތުގައި ނޭޓޯގެ ޤައުމަކުން ނޭޓޯގެ މެންބަރު ޤައުމަކާ ދެކޮޅަށް މިފަދަ ޢަމަލެއް ހިންގުމަކީ "ޢުދްވާނީ ޢަމަލެކެވެ." ގްރީކުގެ މި ޢަމަލަކީ ނޭޓޯގެ ބައިވެރީންގެ މެދުގައި އޮންނާން ޖެހޭ "އެކުވެރިކަމުގެ ރޫޙާ" ޚިލާފު ކަމެއްކަމަށް ވެސް ތުރުކީން ބުންޏެވެ.
ތުރުކީގެ ބަޔާން ބުނާގޮތުގައި އެ ޤައުމުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ޓަކައި ރަޝިޔާ އަތުން އެސް 400 ނިޒާމު ގަތުމުން އެމެރިކާއާއި ނޭޓޯގެ ބައެއް ޤައުމުތަކުން އެކަން ކުށްވެރި ކުރިއިރު ރަޝިޔާ އަތުން ގްރީކުން އެސް 300 ނިޒާމު ގަތުމުން އެފަދަ ފިޔަވަޅެއް ނާޅައެވެ.
ތުރުކީން ބުނާގޮތގައި ގްރީކުން ތުރުކީގެ ބޯޓުތަކާ ފޮށުނީ އެ ބޯޓުތައް ނޭޓޯގެ މަސައްކަތެއްގައި އުޅެނިކޮށްނެވެ. މިކަމާ ވިދިގެން ތުރްކީގައި ހުންނަވާ ގްރީކުގެ ޢަސްކަރީ އެޓާޝޭ ތުރުކީގެ ދިފާޢީ ވުޒާރާއަށް ގެންގޮސް އެކަން ކުށްވެރިކުރިއެވެ.



advertisment