އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން އެއްބަސްވެވޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގައި ސޮއިކުރުމަކީ އިސްރާއީލަށް ހުރި އިސްތިރާތީޖީ ކާރިސާއެއް ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު) ގެ ރައީސް ޑޭވިޑް ބާރު ނިޔާޢު ރޭ ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތުގައި އައިސްފައިވާ ގޮތުގައި ބާރު ނިޔާޢު ވިދާޅުވިއެވެ. "އީރާނާއެކު އެއްބަސްވެވޭ ނިޔުކްލިއަރ އެއްބަސްވުމުގެ ސަބަބުން އިސްތިރާތީޖީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެއީ އެކަމުގެ ސަބަބުން ނިޔުކްލިއަރ ބޮމެއް ހޯދުމަށް އީރާނުން ކުރަމުން އައި މަސައްކަތަށް މަގުފަހިވެގެން ދާނެތީއެވެ."
ޢިބްރީ ބަހުން ނުކުންނަ މި ނޫސް ބުނާގޮތުގައި މޯސާދުގެ ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑާ ބައްދަލު ކުރައްވާ ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު މި އެއްބަސްވުމުގެ ސަބަބުން އީރާނަށް އެތައް ބިލޔަން ޑޮލަރުތަކެއް އެއް ފަހަރާ ލިބިގެންދާނެއެވެ. މި ކަމުގެ ސަބަބުން ލުބްނާނުގެ ޙިޒްބުﷲ އަށާއި ޙަމާސް ޖަމާޢަތަށާއި ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތަށާއި އީރާނުގެ އެހެން އޭޖެންޓުންތަކަށް މާލީ ތަނަވަސްކަން ލިބިގެންދާނެއެވެ. މިއީ އެމެރިކާއަށާއި އިސްރާއީލަށް ކުރިމަތިލާން ޖެހޭނެ ގޮންޖެހުންތަކެކެވެ. އީރާނަށް ލިބިގެން މިދާ ފައިސާތަކަކީ އެމެރިކާގެ ބޭންކުތަކުގައި ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާތަކެވެ. އެއީ އެމެރިކާއިން ދޭ އެހީއެއް ނޫނެވެ.
2015 އަށް ވުރެ ނުބައި ޑީލެއް
މި ނޫސް ބުނާގޮތުގައި ބާރު ނިޔާޢު ސިފަކުރައްވާ ގޮތުގައި މިއީ 2015ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ ނުބައި ޑީލެކެވެ. މިއަދު އީރާނުގެ ޢަސްކަރީ ޤާބިލުކަމާއި ބާރުވެރިކަން އިސްރާއީލަށް ރަނގަޅަށް އެނގެއެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސް ވިދާޅުވާ ގޮތުގައި މި ހުރިހާ ކަމެއް އެމެރިކާއަށް އެނގޭއިރުގައި ވެސް އެމެރިކާއިން ކުރިއަށް އެ ދަނީ މި އެއްބަސްވުމުގައި އީރާނާއެކު ސޮއިކުރުމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އީރާނުން ބައިނަލްއަޤްވާމީ ޒައްރީ ހަކަތަޔާ ބެހޭ އޭޖެންސީގެ ސުވާލުތަކަށް ޖަވާބު ދިނުމާ ދެކޮޅު ހަދައެވެ. އަދި އީރާނުން ނިޔުކްލިއަރ ހަތިޔާރު ނޫފައްދާނޭ ކަމަށް ބުންޏަސް އެއީ ދޮގެއްކަން އިސްރާއީލަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މި ނޫސް ބުނާގޮތުގައި މި އައު އެއްބަސްވުމުގެ ސަބަބުން އީރާނުން އުފައްދަމުން ގެންދާ ބިމުން ބިމަށް ފޮނުވާ މިސައިލް އުފެއްދުން ހުއްޓާލާކަށް ނުޖެހޭނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ލިބޭ ތިން މަސް ދުވަހުގެ ތެރޭގައި އީރާނަށް ނިޔުކްލިއަރ އޮޅިގަނޑާ ހަމައަށް ދެވޭނެއެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސް ވިދާޅުވާ ގޮތުގައި "އެއްބަސްވުމެއް އޮތަސް ނެތަސް އިސްރާއީލުން އެތާނގެ ސިޔާސަތައިގެން ކުރިއަށް ދާނެއެވެ." މީގެ މާނައަކީ އިސްރާއީލުން މި އެއްބަސްވުމަށް އިޙްތިރާމެއް ނުކުރާނެއެވެ. އިސްރާއީލުގެ "އަމިއްލަ ނަފްސުގެ ދިފާޢޭ" ކިޔައިފައި އީރާނަށް ޙަމަލާއެއް ދީފާނެއެވެ.
އިސްރާއީލު ސިފަކުރާ ގޮތުގައި މި އެއްބަސްވުމަކީ އެމީހުންނަށް "ނުބައި" އެއްބަސްވުމެކެވެ. އީރާނާއެކު އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ޓަކައި ވޮޝިންގްޓަނުން ދޫތަކެއް ދީފާނެތީ އިސްރާއީލު ކަންބޮޑުވެއެވެ.
މި މަސއަލައާ ބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރީންނާއެކު އިތުރަށް މަޝްވަރާކުރެއްވުމަށް ޓަކައި އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އިޔާލް ހޯލާތާ ވަނީ އެމެރިކާއަށް ވަޑައިގަންނަވައިފައެވެ.
އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރާ މަސައްކަތާ އިސްރާއީލުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. އިސްރާއީލު ބުނާގޮތުގައި އެއިން އެނގެނީ އެމެރިކާގެ "ބަލިކަށިކަމެވެ." އެމެރިކާ ބުނާގޮތުގައި އީރާނުން މިހާރު ވަނީ ވަރަށް ގިނަގުނަ ލުއިތަކެއް ދީފައެވެ.



advertisment