މިޞްރުގެ ޢަލަމައިނި ސަހަރުގައި އިއްޔެ ބޭއްވި މިޞްރު، އިމާރާތު, އުރްދުން، ބަޙްރައިން، ޢިރާޤު ސަމިޓަކީ މިޞްރުން ސިފަކުރާ ގޮތުގައި ޚާއްޞަ އަޚަވީ ބައްދަލުވުމެކެވެ. މި ސަމިޓްގެ ބައިވެރީންނަކީ އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (ދެ ވަނަ) އާއި އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާނާއި ބަޙްރައިނުގެ ރަސްގެފާނ ޙަމަދު ބިން ޢީސާއާއި އާލު ޚަލީފާއާއި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޡިމީއެވެ. ޢިރާޤުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުތަކާ ހެދި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޡިމީ މި ސަމިޓްގެ މެދުތެރެއިން ވަކިވެވަޑައިގެންނެވިއެވެ.
މިޞްރުގެ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު ބައްސާމު ރާޟީ ހާމަކުރެއްވި ގޮތުގައި މި އަޚަވީ ބައްދަލުވުމުގައި ބަޙުސްކުރެއްވީ އެ ޤައުމުތަކުގެ މެދުގައި ތަފާތު މައިދާންތަކުގައި ގުޅުންތައް ބަދަހި ކުރުމާ ބެހޭގޮތުންނާއި އެއްބާރުލުމަށް ފަހިވެފައިވާ ހުރިހާ މައިދާންތަކެއްގައި ނަމޫނާ އެއްބާރުލުމެއް ޤާއިމު ކުރުމާ ބެހޭގޮތުންނެވެ.
މި ސަމިޓްގެ ބައިވެރީންނަކީ މި ދިޔަ އަހަރު ބޭއްވުނު ޢަޤަބާ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ޒަޢީމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒަޢީމުންނެވެ. މީގެ ކުރީން މިޞްރާއި އުރްދުނާއި ޢިރާޤުގެ ޒަޢީމުން ވަނީ އެތައް ފަހަރަކު ބައްދަލު ކުރައްވައިފައެވެ. އެހެންކަމުން ދާރިސުން ވިދާޅުވާ ގޮތުގައި ޢަލަމައިނި ސަމިޓަކީ މި ސަމިޓްތަކުގެ ރާސްތާއަށް އައި ހެޔޮ ބަދަލެކެވެ.
މިޞްރުގެ އައްސޭރި ސަހަރެއް ކަމުގައިވާ ޢަލަމައިނި ސަހަރުގައި މި ބޭއްވުނު ސަމިޓަކީ މިޞްރުގައި މި ސަހަރުގައި ބޭއްވި ފުރަތަމަ ސަމިޓެވެ. ޢާންމު ގޮތެއްގައި މިޞްރުގައި ސަމިޓްތައް ބޭއްވިފައި ވަނީ ވެރިރަށް ޤާހިރާގައްޔާއި ރަތްކަނޑުގެ ރެޒޯޓް ރަށެއް ކަމުގައިވާ ޝަރަމުއްޝައިޚުގައެވެ.
ސީއެންއެން ބުނާގޮތުގައި ޢަލަމައިނި ސަހަރަކީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި ތަރައްޤީކުރެވެމުންދާ ފަތުރުވެރިކަމާއި ވުނަކުރުމުގެ އައު މަންޒިލެކެވެ. އިމާރާތުން މި ސަރަޙައްދުގައި ވަނީ ވުނަކުރުމުގެ އެތައް މަޝްރޫޢުތަކެއް ފަށައިފައެވެ.
މުޙައްލިލުން ސިފަކުރައްވާ ގޮތުގައި ޢަލައިނިއަކީ މިޞްރުގެ ހޫނު މޫސުމުގެ ވެރިރަށެވެ. އެ ސަހަރުގައި ސަރުކާރުގެ ގަނޑުވަރުތަކާއި ބިނާތައް ދަނީ ޤާއިމު ކުރަމުންނެވެ. ފަހަކަށް އައިސް ސަރުކާރުގެ މުހިއްމު ބައެއް ބައްދަލުވުންތައް ވެސް މި ސަހަރުގައި ވަނީ ބާއްވައިފައެވެ.
މިޞްރުގެ ރައީސް ސީސީ މި ފަސް ޒަޢީމުންނަށް މަރްޙަބާ ދަންނަވަމުން ވިދާޅުވި ގޮތުގައި މި ޤައުމުތަކަކީ މިޞްރުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބިފައިވާ ތާރީޚީ ގުޅުންތަކަކުން ބެދެވިފައިވާ އެއްބަނޑުއެއްބަފައި ޤައުމުތަކެކެވެ.
ރިޕޯޓަރުން ބުނާގޮތުގައި ހޯމަދުވަހުގެ ސަމިޓްގައި މި ފަސް ޒަޢީމުން ބަހުސް ކުރެއްވީ ސަރަޙައްދީ މަސްއަލަތަކާ ބެހޭގޮތުންނާއި އެ ޤައުމުތަކުގެ މެދުގައި ހުރިހާ މައިދާންތަކެއްގައި ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުންނާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ގުޅިފައިވާ ސިޔާސަތެއް ކަނޑައެޅުމާ ބެހޭގޮތުންނެވެ. މީގެ އިތުރަށް މި އަންނަ ނޮވެންބަރު މަހު ޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ސަމިޓާ ބެހޭގޮތުންނާއި ރަޝިޔާ- ޔުކްރޭން ހަނގުރާމައިގެ ހަވާސަރުތަކާއި އިޤްތިޞާދީ ފައިލްތަކާ ބެހޭގޮތުންނެވެ.
މި ސަމިޓްގެ މަހެއްހާ ދުވަސްކުރިން އެމެރިކާ އަރަބި ސަމިޓެއް ބޭއްވިފައިވާކަން ފާހަގަކުރާން ޖެހެއެވެ. ޖިއްދާގައި ބޭއްވުނު މި ސަމިޓްގައި މި ފަސް ޤައުމު ބައިވެރިވެފައިވެއެވެ. އެ ސަމިޓުން ވަނީ އެމެރިކާއިން ޙާޞިލުކުރާން އުޅުނު މަޤްޞަދުތައް ޙާޞިލު ނުކުރެވިފައެވެ. ތެޔޮ އުފެއްދުން އިތުރު ކުރުމާ ދެކޮޅު ހެދުމުގެ އިތުރަށް ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާ ކުށްވެރިކުރުމާ ވެސް ވަނީ ދެކޮޅު ހަދައިފައެވެ.
ޢަލަމައިނި ސަމިޓްގެ ބިންގާ
މިޞްރުގައި މި ބޭއްވުނު ސަމިޓަކީ 2019ގައި ފެށުނު ތިން ޤައުމުގެ ސަމިޓްގެ ފުޅައުވުމެކެވެ.
މާރިޗް 24, 2019ގައި މިޞްރުގެ ރައީސް ސީސީއާއި އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (2 ވަނަ) އާއި ޢިރާޤުގެ އޭރުގެ ބޮޑުވަޒީރު ޢާދިލް ޢަބްދުލް މަހްދީގެ ސަމިޓެއް ޤާހިރާގައި ބޭއްވުނެވެ. މި ސަމިޓްގައި ހަކަތައާއި ބިނާކުރުމާއި ބިނާރުތައް ޤާއިމު ކުރުމާއި ޞިނާޢީ މައިދާނުގައި އެއްބާރުލުމާއި ތިން ޤައުމުގެ މެދުގައި ހުރިހާ މަސްއަލަތަކެއްގައި ވިލަރެސް ކުރުމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ.
އެއަށްފަހު މި ތިން ޤައުމުގެ ސަމިޓެއް 22 ސެޕްޓެންބަރު 2019ގައި އދ ގެ ޢާންމު ޖަމްޢިއްޔާގެ ހަވާސާމަތީގައި ބޭއްވުނެވެ.
އޮގަސްޓް 21, 2020ގައި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޡިމީ ވޯޝިންގްޓަން ޕޯސްޓަށް ހާމަކުރެއްވި ގޮތުގައި ޔޫރަޕާ އެއްބީދައިން ޝާމުކަރައިގެ އައު މަޝްރޫޢުގެ ނަމުގައި އިއްތިޙާދެއް ޤާއިމު ކުރުމުގެ ޚިޔާލު މިޞްރަށާއި އުރްދުނަށް ހުށައަޅުއްވާނެއެވެ. މި ޚިޔާލު ވުޖޫދުވީ މި ހިސާބުންނެވެ.
އެއަށްފަހު 25 އޮގަސްޓްގައި ޢައްމާނުގައި މި ތިން ޤައުމުގެ ސަމިޓެއް ބޭއްވުނެވެ. މި ސަމިޓްގައި ހަކަތައާއި ކަރަންޓާއި ކާބޯތަކެއްޗާއި ބިނާކުރުމުގެ ދާއިރާގައި އެއްބާރުލުން ޤާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެއްވިއެވެ.
މި ސަމިޓަށްފަހު މި ތިން ޤައުމުގެ ކަމާބެހޭ ވަޒީރުން ތަފާތު ބައްދަލުވުންތައް ބާއްވަވާ ސަމިޓްގެ ނިންމުންތައް ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެއްވިއެވެ.
އެއަށްފަހު 27 ޖޫން 2021ގައި ބަޣްދާދުގައި މި ތިން ޤައުމުގެ ސަމިޓެއް ބޭއްވުނެވެ. މިއީ ޢިރާޤުން ކުވައިތަށް 1990ގައި އެރިފަހުން މިޞްރުގެ ރައީސަކު ޢިރާޤަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ބަޣްދާދު ސަމިޓް
މި ތިން ޤައުމުގެ އެއްބާރުލުމުގެ ތެރެއަށް އިމާރާތް ވަނީ 25 މާރިޗު 2022 ގައި ބޭއްވުނު ސަމިޓްގައި އިމާރާތުގެ އޭރުގެ ވަލީޢހްދު މުޙައްމަދު ބިން ޒާއިދު ބައިވެރިވެ ވަޑައިގަތުމުންނެވެ.
މި ސަމިޓަށް ފަހު ދެ މަސްފަހުން 29 މޭ 2022 ގައި މިޞްރާއި އިމާރާތާއި އުރްދުން ގުޅިގެން ޞިނާޢީ ބައިވެރުވުމެއް ޤާއިމު ކުރިއެވެ. އަދި 25 ޖުލައި ގައި ބަޙްރައިން މި މަޝްރޫޢުގައި ބައިވެރިވިއެވެ. މިއީ ބަޙްރައިން މި ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.



advertisment