Support Us

ޢަރަބި ފަސް ޤައުމެއްގެ ކުއްލި ސަމިޓެއް މިޞްރުގައި ބާއްވަނީ

ޢަރަބި ފަސް ޤައުމެއްގެ ކުއްލި ސަމިޓެއް މިޞްރުގައި ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އުރްދުންގެ ރަސްގެފާނުގެ މި ޢަރބި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޢާއްމާނުގެ ރަސްމީ ޓީވީ ބުންޏެވެ. އެ ޓީވީ ބުނި ގޮތުގައި މި ސަމިޓްގައި ޢިރާޤާއި އިމާރާތާއި ބަޙްރައިނާއި އުރްދުން ބައިވެރިވާނެއެވެ.

އުރްދުންގެ މި ޚަބަރުގައި މި ސަމިޓާ ބެހޭގޮތުން އިތުރު ތަފްޞީލުތަކެއް ދީފައެއް ނުވެއެވެ. މިޞްރުން ބުނާގޮތުގައި މި ސަމިޓް ބޭއްވޭނީ މާދަމާ މިޞްރުގެ މަރްސާ މަޠުރޫޙު ސަރަޙައްދުގެ ޢަލަމައިނި ސަހަރުގައެވެ.

ޢައްމާނުން ބުނާގޮތުގައި ޢަބްދުﷲ (2ވަނަ) މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީގެ ޚާއްޞަ ދަޢުވަތަކަށެވެ. މި ސަމިޓްގެ ޚާއްޞަ ނާރެހަކަށް ވާނީ ފަލަސްޠީނުގެ މަސްއަލައާއި ސަރަޙައްދީ މަސްއަލަތަކެވެ.

މީގެ މަހެއްހާ ދުވަސްކުރީން މި ޤައުމުތަކާއި ގަލްފްގެ އެހެނިހެން ޤައުމުތަކާއި އެމެރިކާ ބައިވެރިވި ސަމިޓެއް ވަނީ ބޭއްވިފައެވެ.

މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒައިދު އާލު ނަހަޔާން މިއަދު ވަނީ މިޞްރަށް ވަޑައިގެންފައެވެ. އިމާރާތުގެ ރައީސާއި މިޞްރުގެ ރައީސާ ދެމެދުގައި މިއަދު ޚާއްޞަ ބައްދަލުވުމެއް ބޭއްވުނެވެ. ޢަރަބި ސަރަޙައްދާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ޢަރަބީންގެ ސަފުތައް އެކަތިގަނޑަކަށް ހަދަން ޖެހިފައިވާ ކަމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

މިޞްރުން ޚަބަރުދޭ ގޮތުގައި ދެ ރައީސުންގެ ބައްދަލުވުން އޮތީ ޢަލަމައިނި ސަހަރުގައެވެ. ދެ ރައީސުން އެއްބަސްވެވަޑައިގަންނެވި ގޮތުގައި މަސްއަލަތަކާއި ދެބަސްވުންތައް ޙައްލު ކުރެވޭނީ ސިޔާސީ ވަސީލަތްތަކުގެ ޒަރީޢާއިން ވާހަކަ ދައްކައިގެންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *