...

Support Us

ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް (ކ) އާއި ސަރބިޔާގެ ރައީސް އެލެކްޒަންޑަރ ވުޗީޗު ބައްދަލުކުރައްވަނީ

ކޮސޯވޯގެ ހަމަޖެހުން ނުރައްކަލަށް ހާސާވެއްޖެނަމަ އެކަމުގެ ތެރެއަށް ވަންނާން ނޭޓޯ އޮތީ ތައްޔާރަށް

މަސްރަޙު އިތުރަށް ހޫނުކުރުމާ ދުރުހެލިވުމަށް ސަރބިޔާއަށާއި ކޮސޯވޯއަށް ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ގޮވައިލައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮސޯވޯގައި އޮތް ސުލްޙަ ބަލަހައްޓާ ބާރު ވަރުގަދަ ކުރެވޭނެއެވެ. އަމީން ޢާންމު އިތުރަށް ވިދާޅުވި ގޮތުގައި ކޮސޯވޯގެ ހަމަޖެހުން ނުރައްކަލަށް ހާސާވެއްޖެނަމަ ނޭޓޯ އޮތީ އެ ކަމުގެ ތެރެއަށް ތަދައްޚުލުވުމަށް ތައްޔާރުވެގެންނެވެ.

4 ހާސް ސިފައިން ތިބީ ތައްޔާރަށް

ދެބަސްވުންތައް ޙައްލު ކުރުމަށް ޓަކައި ވާހަކަދެއްކުންތައް ފެށުމަށް ސަރބިޔާއަށާއި ކޮސޯވޯއަށް ނޭޓޯގެ އަމީން ޢާންމު ގޮވައިލެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ވާހަކަ ދެއްކުންތައް ބޭއްވުމަށް ޔޫރަޕްގެ އިއްތިޙާދުން ވާގިވެރިވާނެއެވެ.

ބްރަސަލްސްގައި ސަރބިޔާގެ ރައީސް އެލެކްޒަންޑަރ ވުޗީޗާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވި ގޮތުގައި ކޮސޯވޯގައި ހަތަރު ހާސް ސިފައިންގެ ޢަސްކަރީ ބާރެއް ބޭއްވޭނެއެވެ.

ނޭޓޯގެ ވެރިޔާ ވިދާޅުވިއެވެ. "މިހާރު އަހުރެމެން ވާނީ އުތުރުގައި އަހުރެމެންގެ ވުޖޫދު ވަރގަދަކޮށްފައެވެ. ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި ބޭނުންޖެހޭ ކޮންމެ ތާކަށް އަހުރެމެން ދާނަމެވެ. އިތުރު ފިޔަވަޅުތައް އަޅާން މި ތިބީ ތައްޔާރަށެވެ."

ޔެންސް ސްޓޮލްޓެންބަރގް ވާހަކަފުޅު ކުރިއަށް ގެންދަވަމުން "ކެތްތެރިވުމަށާއި ހަރުކަށި ޢަމަލުތަކާ ދުރުހެލިވުމަށް" ދެ ފަރާތަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްރަޙު އަންނަނީ "ރަނގަޅުވަމުންނެވެ."

ޔޫރަޕްގެ އިއްތިޙާދުން ބެލްގްރޭޑާއި ޕްރިޝްޓީނާއާ ދެމެދުގައި ބާއްވަމުންދާ ވާހަކަދެއްކުންތަކަށް ނޭޓޯއިން ވާގިވެރިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވާހަކަދެއްކުން ވަރަށް އުނދަގޫވާނެ ކަމަށް ސަރބިޔާގެ ރައީސް އެލެކްޒަންޑަރ ވުޗީޗް ވިދާޅުވިއެވެ. "އެއްވެސް އަރާރުމެއް ހިނގުމަކީ އެދޭ ކަމެއްނޫނެވެ. ބޭނުންވަނީ މަސްރަޙު ހޫނުކުރުމާ ދުރަށް ދިޔުމެވެ." އޭނާ ވިދާޅުވި ގޮތުގައި ކޮސޯވޯގައި ނޭޓޯ އަދާކުރާ ދައުރަށް ސަރބިޔާއިން އިޙްތިރާމު ކުރެއެވެ. އެ ޤައުމުން މި ކަމުގައި އެއްބާރުލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަސް ވުޗީޗު ވިދާޅުވި ގޮތުގައި މާދަމާ ފެށޭ ވާހަކަދެއްކުންތައް ވަރަށް ދަތިވާނެއެވެ. މި ކަމުގެ ސަބަބަކީ "ހުރިހާ ކަމެއްގައި ދެ ފަރާތުގެ ރައުޔު ތަފާތުކަން" ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަޙައްދީ ނުތަނަވަސްކަން

ސަރބިޔާއާ ކޮސޯވޯއާ ދެމެދުގައި އަރާރުންތައް އުފެދުނީ ކޮސޯވޯ ސަރުކާރުން ކަނޑައެޅި ޤަރާރަކާ ހެދިއެވެ. މި ޤާނޫނު ބުނާގޮތުގައި ސަރބިޔާއިން ކޮސޯވޯއަށް އަންނަ އުޅަނދުތަކުގެ ނަންބަރު ޕްލޭޓްތައް ކޮސޯވޯއިން ދީފައިވާ ނަންބަރު ޕްލޭޓްތަކަކަށް ވާން ޖެހޭނެއެވެ. އަދި ކޮސޯވޯގައި ދިރިއުޅޭ އެންމެންގެ އަތުގައި އޮންނާން ޖެހޭނީ އެ ޤައުމުގެ އައިޑީ ކާޑެވެ. ކޮސޯވޯގައި އުޅޭ ސަރބިޔާގެ އެތައް މިލިއަން ބަޔަކު މިއަދުވެސް ގެންގުޅެނީ ސަރބިޔާގެ ރައްޔިތުވަންތަކަމުގެ ކާޑެވެ. އެމެރިކާއާއި ޔުރަޕްގެ އިއްތިޙާދުގެ އެދުމުގެ މަތީން މިހާރު ވަނީ އުޅަނދުތަކުގެ ނަންބަރު ޕްލޭޓްތައް ބަދަލުކުރުން މި އަންނަ މަހަހުގެ އެއްވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.

ކޮސޯވޯގެ ގިނަ މީހުންނަކީ އަޞްލު އަލްބާނީންނެވެ. ކޮސޯވޯ، ސަރބިޔާއިން ވަކިވީ 1999ވަނަ އަހަރުއެވެ. މި ޤައުމު މިނިވަން ޤައުމަކަށް ވީ 2008 ގައެވެ. ސަރބިޔާ ދެކޭގޮތުގައި ކޮސޯވޯއަކީ އެ ޤައުމުގެ ބައެކެވެ. އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް 2013ވަނަ އަހަރު ޠަބީޢީ ކުރެވި އެއް ޤައުމުން ވަނީ އަނެއް ޤައުމު ބަލައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *