...

Support Us

ގިނަ ދަރީން ހޯދަން ޗައިނާއިން ހިތްވަރުދޭން ފަށައިފި

ޗައިނާގެ އާބާދީ މުސްކުޅިވަމުންދާތީ ޗައިނާގެ ޢާއިލާތަކަށް ދަރީން ހޯދުން އިތުރު ކުރުމަށް ހިތްވަރުދިނުމަށް ޓަކައި ޗައިނާ ސަރުކާރުން އިޖްރާއާތުތަކެއް އިޢުލާން ކޮށްފިއެވެ.

ޗައިނާއިން ބުނާގޮތުގައި އާބާދީ މުސްކުޅިވަމުން ދިޔުމަކީ މަސައްކަތް ކުރާ އަތްތައް މަދުވަމުންދާ ކަމެކެވެ. ދެހާސް ފަންސަވީހުން ފެށިގެން ޗައިނާގެ އާބާދީ މަދުވާން ފަށާނެކަމަށް ޗައިނާއިން ބުނެއެވެ.

ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމާ އާބާދީގެ ގޮތުން މަސްއަލަތަކަކާ ކުރިމަތިވަމުންދާތާ ދަހަރުތަކެއް ވެއްޖެއެވެ. މިކަމުގެ ސަބަބުން ޗައިނާއާ ކުރިމަތިވަމުންދާ މަސްއަލަތަކުގެ ތެރޭގައި  އާބާދީ މުސްކުޅިވުމާއި އާބާދީ އިތުރުވުން މަދުވުމާއި އިޤްތިޞާދީ ހެދިބޮޑުވުމުގެ ދުވެލި މަޑުޖެހުން ވެއެވެ.

ޗައިނާއިން 2016 ވަނަ އަހަރު ވަނީ ކޮންމެ ޢާއިލާއަކަށް ހޯދޭނީ އެންމެ ކުއްޖެއްކަން އިޢުލާންކޮށް އެ ޢާއިލާއިން ހޯދާ އިތުރު ދަރީންނަށް ސަރުކާރުން ދޭ ޢިނާޔަތް ދިނުން ހުއްޓައިލައިފައެވެ. އެއަށްފަހު ޒުވާން އާބާދީ އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ ކޮންމެ ޢާއިލާއަކަށް ތިން ކުދީން ހޯދުމުގެ ހުއްދަ ދީފައެވެ. އެހެން ނަމަވެސް  ޗައިނާގައި ވިހާ ކުދީންގެ ޢަދަދު ދިޔައީ މަދުވަމުންނެވެ.

ޗައިނާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ވަނީ މަރްކަޒީ ގޮތުންނާއި ސަރަޙައްދީ ގޮތުން ކުޑަކުދީން ބެލެހެއްޓުމަށާއި ވިޔަނިވަރީ ޞިއްޙަތު ހަރުދަނާ ކުރުމަށް ޓަކައި ކުރާ ހޭދަ އިތުރުކުރާނެކަން އިޢުލާންކޮށްފައެވެ.

ޗައިނާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާގޮތުގައި ޗައިނާގެ އަންހެނުން ދަރިމައިކުރުވުން ވަރުގަދަކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅޭނެއެވެ. އަލަށް އުފަންވާ ކުދީންނަށް ދެވޭ ޞިއްޙީ ތައުމީނު ރަނގަޅުކުރުމަށާއި އެފަދަ ޢާއިލާތަކަށް ދެވޭ އެހީތައް އިތުރު ކުރުމަށާއި ނެގޭ ޓެކްސް ކުޑަކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރީން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދީންނަށް ބޭނުންވާ "ކުދީން ބަލަހައްޓާ ޚާނާތައް" އިތުރު ކުރުމަށާއި ޢާއިލާތަކަށް ދޭން ޖެހޭ ތަޢުލީމު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދިޔަ އަހަރުގެ ވިހާމަރުވާއަށް ބަލާއިރު ޗައިނާގައި  އުފަންވާ ކުދީންގެ ޢަދަދު ވަނީ ހާހަކުން 7.52 އަށް ދަށަށް ގޮސްފައެވެ. މިއީ 1949ގައި ޗައިނާގައި މިހާރުގެ ވެރިކަމުގެ ނިޒާމު ޤާއިމު ކުރެވުނު ފަހުން ވިހޭ ކުދީންގެ ޢަދަދު އެންމެ ދަށަށް ދިޔަ މިންވަރެވެ. ޗައިނާގައި ޢާއިލާގެ މެންބަރުންގެ ޢަދަދު މަދުވާން ފެށީ ދިރިއުޅުމުގެ ފެންވަރު މައްޗަށް ދިޔުމާއި  ކުދި ޢާއިލާތަކަށް  ސަރުކާރުން ހިތްވަރު  ދޭން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *