Support Us

މިޞްރުގެ ފައްޅިއެއްގައި އަލިފާން ރޯވެ 41 މީހަކު މަރުވެ ފަންސާހަކަށް މީހުން ޒަޚަމުވެއްޖެ

މިޞްރުގެ ޤީބްޠީ ފައްޅިއެއްގައި ހިނގި ކަރަންޓްގެ ހާދިސާއެއްގައި 41 މީހަކު މަރުވެ ފަންސާހަކަށް މީހުން ޒަޚަމުވެއްޖެއެވެ. އަލިފާނުގެ މި ޙާދިސާ ހިނގީ ބޮޑު ޤާހިރާގެ ސަރަޙައްދު ތެރޭގައި ހިމެނޭ އިމްބާބާ އަވަށުގައި ހުންނަ ސައިފީން ފައްޅީގައެވެ.

މިޞްރުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރްޖަމާނު ޑރ. ޙުސާމު ޢަބްދުލް ޣައްފާރު އޭނާގެ ޓްވީޓްތަކުގައި ވިދާޅުވާ ގޮތުގައި މި ޙަދިސާގައި ޒަޚަމުވި އެތައް ބަޔަކު މިހާރު ވަނީ ޤާހިރާގެ ތަފާތު ހަސްފަތާލުތަކަށް ގެންދެވިފައެވެ. ޒަޚަމުވި މީހުން ހަސްފަތާލުތަކަށް ގެންދިޔުމަށް ޓަކައި ތިރީހަކަށް އެމްބިއުލެންސް ފޮނުވުނު ކަމަށް އޭނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ޒަޚަމުވި މީހުންތައް ގެންދެވުނީ ޖީޒާ ސަރަޙައްދުގެ ޢަގޫޒާ ހަސްފަތާލަށާއި އިމްބާބާގެ ޢާންމު ހަސްފަތާލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިޞްރުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި ފައްޅީގައި ރޯވީ އެތާނގެ އެއަރކޯނެއްގައި ރޯވުމުގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން ވަރަށް ބޮޑަށް ރޯވެ މުޅި ފައްޅިތެރެއަށް ބޯކޮށް ދުން ފެތުރިގަތީއެވެ. މިހާ ގިނަ ބަޔަކު މަރުވެ ޒަޚަމުވީ ސަލާމަތްވާން ވެގެން މީހުންތައް ދުއްވައިގަތުމުގެ ސަބަބުން ވެއްޓި ފައިދަށުވެގެންނެވެ. އާދިއްތަ ދުވަހުގެ އަޅުކަމަށް ޓަކައި ފައްޅިއަށް ފަސް ހާސް މީހުން ގޮސް ތިބި ކަމަށް ލަފާކުރެވެއެވެ.

މިޞްރުގެ ރައީސް ސީސީ ވިދާޅުވާ ގޮތުގައި އޭނާ ދަނީ މި ހާދިސާ ހިނގި ގޮތް ވަރަށް ގާތުން ބައްލަވަމުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ހިތާމަވެރި މޮޅިވެރި ޙާދިސާއެކެވެ. އޭނާ ވަނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް އަމުރު ކުރައްވައިފައެވެ.

ރައީސް ސީސީ މިޞްރުގެ ފައްޅިތަކުގެ ވެރިޔާ ޕޯޕް ތަވާޟުރޫސާ ފޯނުން ގުޅުއްވާ ތަޢުޒިޔާ ވިދާޅުވިއެވެ. ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މި ޙާދިސާއާއެކު މުޢާމަލާތު ކުރަމުން އެބަ ދާ ކަމަށް ރައީސް ސީސީ މިޞްރުގެ ޕޯޕަށް ހާމަކުރެއްވިއެވެ.

މި ފައްޅި ހުންނަ އިމްބާބާ އަވަށަކީ ވަރަށް މީސް ބޯ ސަރަޙައްދެކެވެ. މިކަމުގެ ސަބަބުން އެންބިއުލެންސްތަކަށް އެ ސަރަޙައްދަށް ވަދެ ނުކުތުމަށް ވަނީ ދަތިވެފައެވެ. މިޞްރުގެ އާބާދީގެ 103 މިލިއަން މީހުންގެ ތެރެއިން 10 މިލިއަން މީހުންނަކީ ނަޞާރާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *