Support Us

އެމެރިކާއަށް ވަނީ "ތާރީޚީ ހަނދާން ގެއްލުމުގެ ބަލި" ޖެހިފައި

އެމެރިކާއަށް މިއަދު ވަނީ "ތާރީޚީ ހަނދާން ގެއްލުމުގެ ބަލި" ޖެހިފައި ކަމަށް އެމެރިކާގެ "The Hill" ދުވަހު ނޫހުގައި ހާލަން އުލްމަން ވިދާޅުވެއްޖެއެވެ. އުލްމަނަކީ ސަރުކާރުތަކުގެ ޒަޢީމުންނަށާއި މަހުޖަނުންނަށް މަޝްވަރާދޭ ކިލޮވެން ޖަމާޢަތުގެ ރައީސެވެ.

އުލްވަން މި މަޒުމޫނުގައި ލިޔުއްވައިފައިވާ ގޮތުގައި އެމެރިކާއަށް ޖެހިފައިވާ ބައްޔަކީ އެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ޑީއެންއޭގައި ހުރި "ގަބުކަމުގެ ޖީން"ގެ ސަބަބުން ޖެހިފައިވާ ފަސޭހަވުމެއް ނެތް ނުރައްކާތެރި ވަބާއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ޤާތިލު އެތައް ބަލިތަކެއް އެބަ އުޅެއެވެ. އެހެނަސް މި ވަރުގެ ނުރައްކާތެރި ބައްޔެއް ނެތެވެ. މި ބައްޔަށް ޝިފާއެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ބަލި އެމެރިކާގެ އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުން އެކަކު ގައިން އަނެކަކު ގަޔަށް އަރަމުން ފެތުރެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިއެވެ. "މީގެ 58 އަހަރު ކުރީން ޓޮންކިން ބޭއާ ބެހޭގޮތުން އެމެރިކާގެ ކޮންގްރެހުން ފާސްކުރި ޤާރާރުގެ ސަބަބުން ވިއެޓްނާމު ހަނގުރާމައަށް ވަންނާން ޖެހުނެވެ. މި ކަމަށް ބަހަނާ ދައްކާންވެގެން ރަސްމީ ރިވާޔަތުގައި ބުނެފައިވަނީ ޓޮންކިން ބޭގައި އެމެރިކާގެ ޑިސްޓްރޯޔަރ މަނަވަރެއް ދަތުރުކުރަމުން ދަނިކޮށް އުތުރު ވިއެޓްނާމުގެ ހަނގުރާމަމަތީ އެތައް ލޯންޗުތަކަކުން އެ މަނަވަރަށް ޙަމަލާދިން ކަމަށެވެ. މި ޙަމަލާގެ ސަބަބުން އެ މަނަވަރަށް އަދި އެ މަނަވަރުގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ލިޔުންތެރިޔާ މި ލިޔުން ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ކޮންގްރެހުގެ ރައްދު ވަރަށް އަވަހެވެ. އެ ދުވަސްވަރަކީ ފިނި ހަނގުރާމައިގެ ސަބަބުން ޖައްވު ވަރަށް ނުތަނަވަސްވެފައިވާ ދުވަސްވަރެކެވެ. މި ހާދިސާގެ ދެ އަހަރެއްހާ ދުވަސްކުރިން ހިނގި ކިޔުބާގެ މިސައިލް ގަޑުބަޑުގެ ސަބަބުން އެމެރިކާ ވަނީ އެމެރިކާގެ ބާރުގަދަކަން ދައްކަން ޖެހިފައެވެ. ޓޮންކިން ބޭ ގައި ހިނގިކަމަށް އެ ބުނި ހާދިސާއާ ކުރިމަތިވި އެމެރިކާގެ ޑިސްޓްރޯޔަރ މަނަވަރުގެ ތައްޓުމަތީގައި ހުރި ޓެކްޓިކަލް ކޮމާންޑިންގ އޮފިސަރަށް އެނގޭގޮތުގައި އުތުރު ވިއެޓްނާމުން ޙަމަލާއެއް ދިންކަމަށް ބުނާބުނުމަކީ "ޝައްކު އުފެދިފައިވާ" ބުނުމެކެވެ.

އޭގެ 39 އަހަރު ފަހުން ޖޯޖް ބުޝް ހިންގަވައިފައިވަނީ ހަމަ އެފަދަ "ކަތި" މަގަކުންނެވެ. ޢިރާޤުގެ ޒަޢީމު ޞައްދާމު ޙުސައިނުގެ ވެރިކަން ނައްތައިލާންވެގެން އޭނާ ނުރައްކާތެރިކަން ޝާމިލު ހަތިޔާރު އުފައްދަވަމުން ގެންދަވާކަމަށް ތުހްމަތު ކުރައްވާ އެ ތަކެތި ނައްތައިލާންވެގެން އެމެރިކާ ސިފައިން ޢިރާޤަށް އެރިއެވެ. އެހެނަސް އެމެރިކާ ސިފައިންނަށް ޢިރާޤުން އެ ހަތިޔާރެއް ނުފެނުނެވެ.

އުލްމަން ވިދާޅުވާ ގޮތުގައި މިއަދު ވެސް އެމެރިކާއިން ތަބާވަމުން މި ދަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ނަމޫނާއަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި "ޚުދްމުޚްތާރުކަމާ ދެކޮޅަށް ދިމުޤްރާޠިއްޔަތު" ބޭނުންކުރާން އުޅުނަސް "އިންދިރާސްވެފައިވާ" މި ސިޔާސަތު މިއަދަކު ނުހިނގާނެއެވެ. މި ސިޔާސަތުގައި "ނިފާޤުކަން" ވަރަށް ބޮޑެވެ. މިސާލަކަށް ގަލްފު ސަރަޙައްދުގައި "ތިއްބެވި" އެމެރިކާގެ ރަޙްމަތްތެރީންނަކީ "ރަސްގެފާނު" ނުވަތަ "ވަލީޢަހްދު"ގެ ލަޤަބުގައި ތިއްބެވި ބޭފުޅުންތަކެކެވެ. ނޭޓޯގައި ވެސް "ލިބަރަލް ދީމުޤްރާޠިއްޔަތު"ގެ މަފްހޫމާ ވަރަށް ދުރުގައި ވާ ދެ ޤައުމެއް އެބަ އޮތެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ މަފްހޫމާ އެއްގޮތަށް ޤާއިމު ކުރެވިފައިވާ ޢާލަމީ ނިޒާމު މިހާރު ވަނީ ކަފާސްވެފައެވެ. އެމެރިކާއިން ބުނާ ޤަވާޢިދާ އެއްގޮތަށް ކުޅުމާ ދެކޮޅު ހަދާ ޤައުމުތައް މިއަދު ދަނީ އިތުރުވަމުންނެވެ. ޗައިނާއާއި ރަޝިޔާ ވަނީ މި ޤަވާޢިދަށް ގޮންޖަހައިފައެވެ. އެ ދެ ޤައުމުން ބުނާގޮތުގައި ހުޅަނގުގެ ޤަވާޢިދުތަކަކީ އިންސާފުވެރި ޤަވާޢިދުތަކެއް ނޫނެވެ.

އެމެރިކާއާ ވާދަކުރާ އިތުރު ބާރުތައް އުފެދުމާއެކު ބައިނަލްއަޤްވާމީ ގުޅުންތަކަށް އައު ނިޒާމެއް ވަނީ ބޭނުންވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *