Support Us

ފަތުޙު ޖަމާޢަތުގެ ތިން އިސްވާރަކު އިސްރާއީލުން އަވަހާރަކޮށްލައިފި

އިސްރާއީލު ސިފައިން ނާބްލުސްގެ ބައު ސަހަރަށް މިއަދު ހެނދުނު އަރައި ފަލަސްޠީނުގެ ފަތުޙު ޖަމާޢަތުގެ ޝުހަދާއުލް އަޤްޞާ ފައުޖުގެ ތިން އިސްވާރަކު އަވަހާރަކޮށްލައިފިއެވެ. މި ތިން ބޭފުޅުންނަކީ އިބްރާހީމުއް ނާބްލަސީއާއި އިސްލާމް ޞަބޫޙާއި ޙުސައިން ޠާހާ އެވެ.

އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނާގޮތުގައި ނާބްލަސީއަށް އިސްރާއީލު ސިފައިން ޙަމަލާ ދިނީ އޭނާ ގޭގައި އުޅުއްވަނިކޮށް އެތައް ގަޑިއިރެއް ވަންދެން އެ ގެ ޙިޞާރު ކުރުމަށްފަހު ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ޙަމަލާތަކެއްގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި އިސްރާއީލުގެ ޢުދްވާނީ ޙަމަލާތަކުގައި މިއަހަރު ފަލަސްޠީނުގެ 129 މީހަކު ޝަހީދުވެފައި ވެއެވެ.

އިސްރާއީލުން މިއަދު ޝަހީދުކޮށްލި ނާބްލަސީއަކީ އިސްރާއީލުން ބޭނުންވެފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލުމަށް ޓަކައި އިސްރާއީލުން ދީފައިވާ ހުރިހާ ޙަމަލާތަކަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް އޭނާ ވަނީ އެތައް ޙަމަލާތަކެއް ދީފައެވެ. އޭނާގެ ގެއިން ގޮވާ އެއްޗެހި ފެނިފައިވާ ކަމަށް ވެސް އިސްރާއީލު ރޭޑިއޯ ބުންޏެވެ. ނާބްލަސީއާއި އިބްރާހީމު ޞަބޫޙު އަވަހާރަކޮށްލައިފައިވަނީ ނާބްލުސްގެ ބައު ސަހަރުގެ އިރުމަތީ  އަވަށުގައި ހުންނަ މި ބޭފުޅުންގެ ގެ ޙިޞާރު ކުރުމަށް ފަހު އިސްރާއީލު ސިފައިން އެ ގެއަށް ދިން ޚާއްޞަ ޙަމަލާއެއްގައެވެ. އިސްރާއީލު ސިފައިން ބުނިގޮތުގައި ނާބްލަސީ އަވަހާރަވީ ކޮޑުމަތީގައި އުފުލާ ރޮކެޓަކުން އެ ގެއަށް ދިން ވަރުގަދަ ޙަމަލާގައެވެ. އިސްރާއީލުން ބުނިގޮތުގައި ނާބްލަސީއާއެކު އިތުރު މީހަކު ވެސް މަރުވިއެވެ.

ސިފައިންނާ ކުރިމަތިލުން

އިސްރާއީލު ސިފައިން މިއަދު ހެނދުނު ނާބްލުސަށް އެރުމުން ފަލަސްޠީނު މީހުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. ފަލަސްޠީނު މީހުން މައިތިރިކުރުމަށް ޓަކައި އިސްރާއީލު ސިފައިން ޙަޤީޤީ ވަޒަން ބޭނުން ކުރިއެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ. ގިނަ ބަޔަކު ޒަޚަމުވެފައި ވަނީ ބުރަކަށީންނާއި އަތާއި ފައިންނެވެ.

އިސްރާއީލު ދާޚިލީ ވަޒީރު ބަރްލީފު މިއަދުގެ ޙަމަލާއަށް ކޮމެންޓް ކުރައްވަމުން ވިދާޅުވިއެވެ. "އަހުރެމެން ޣައްޒާއާއި ނާބްލުސްގައި ޢަމަލު ކުރި ގޮތަށް ހުރިހައި ވަގުތެއްގައި ވެސް އަދި ހުރިހައި ތަނެއްގައި ވެސް ޢަމަލު ކުރާނަމެވެ." އޭނާ ވިދާޅުވިއެވެ. "ހުރިހައި ނިރުބަވެރީންނާއެކު އަހުރެމެން މުޢާމަލާތު ކުރާނީ އެއްވެސް އޯގާވެރިކަމަކާ ނުލައެވެ. އަހުރެމެންނާ ދެކޮޅަށް ޙަމަލާތައް ރާވާ މީހުންނާ ދެކޮޅަށް އަހުރެމެން ފިޔަވަޅު އެޅުމަށް އަވަސްވެގަންނާނަމެވެ."

އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުން ރޭ ފަލަސްޠީނުގެ ހަތަރު މީހަކު ހައްޔަރު ކުރެވުނެވެ. އަދި އެމީހުން އުޅޭ ތަންތަނުން ވަނީ ހަތިޔާރުތައް އަތުލައިގަނެވިފައެވެ.

އިސްރާއީލުގެ މި ޙަމަލާއާ ދެކޮޅަށް ފާޑު ކިޔަމުން ޙަމާސުން ބުންޏެވެ. "އަހުރެމެން މިހާރު މިވަނީ ޞިހްޔޫނީ ދުޝްމަނުންނާއެކު އައު ފިޔަވައްސަކަށް ވަދެވިފައެވެ."

ފަތަޙު ޖަމާޢަތުން އިސްރާއީލުގެ ޢުދްވާނު ކުށްވެރިކުރަމުން ބުނިގޮތުގައި "އިސްރާއީލުން ފަލަސްޠީނުގެ އިސްވާރުން އަވަހާރަކޮށްލުމަށް ހިންގާ ޖަރީމަތަކުގެ ސަބަބުން އަހުރެމެންގެ ޢަޒްމު ދާނީ ވަރުގަދަވަމުންނެވެ."

ފަލަސްޠީނުގެ އަލްޖަބްހަތުއްޝާޢުބިއްޔާ ޖަމާޢަތުން އިސްރާއީލަށް އިންޒާރު ދެމުން ބުންޏެވެ. "ޝަހީދުންގެ ލޭ ބޭކާރުވެގެން ނުދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *