Support Us

އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ކުއްލި ޢުދްވާނު ލަނޑުދަނޑިތަކަކީ ކޮބާ؟

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހުކުރު ވިލޭރޭ ފެށި ޢަސްކަރީ ކުއްލި ޢުދްވާން ފެށީ ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ އަސްކަރީ ފިޔަ ކަމުގައިވާ ސަރާޔާ އަލްޤުދްސުގެ އިރުމަތީ މައިދާނުގެ އިސްވާރު ތައިސީރުލް ޖަޢުބަރީ އަވަހާރަކޮށްލައިފައެވެ. އޭނާ ދިރިއުޅުއްވާ ފްލެޓަށް ދިން ޙަމަލާގެ ސަބަބުން އެ ޢިމާރާތުގައި ދިރިއުޅޭ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އޭގެތެރޭގައި ފަސް އަހަރު އަދި ނުފުރޭ އާލާއު ވެސް ވެއެވެ. އިސްރާއީލުގެ ޢަސްކަރިއްޔާގެ ތަރްޖަމާނު ބުނާގޮތުގައި "އަލްފަޖްރުއް ޞާދިޤު"ގެ ނަމުގައި މި ފެށި ޢުދްވާނު ހަފުތާއަކަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ. އޭނާ ބުނިގޮތުގައި އަލްޖަޢުބަރީއަކީ އިސްރާއީލުގެ އެންމެ ފަހު އަމާޒެއް ނޫނެވެ.

އިސްރާއީލުގެ މި ޢަސްކަރީ ޢަމަލުގެ ފަރުދާގެ އަނެއް ފަރާތުގައި އޮތީ ކޮން ލަނޑުދަޑިތަކެއް ހެއްޔެވެ؟ މި ޙަމަލާތައް ރާވާ ހިންގަނީ ކޮން ބައެއް ހެއްޔެވެ؟ މި ޙަމަލާ ދިނުމަށް އިޚްތިޔާރު ކުރި ވަގުތަކީ ކޮން ވަގުތެއް ހެއްޔެވެ؟

އިސްލާމީ ޖިހާދު މައިތިރިކުރުން

އިސްރާއީލުން ދޭން މި ފެށި ޢުދްވާނަށް ބަލާއިރު އެއީ އިސްލާމީ ޖިހާދު ޖަމާޢަތުގެ ކިބައިން "ބަދަލު ހިފުމަށް" އިސްރާއީލުން ދޭން ފެށި ޢުދްވާނެއް ކަމަށް ދާރިސުން ވިދާޅުވެއެވެ. އެއީ ޣައްޒާއާ އިންވެގެން ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ މީހުންނާ ދެކޮޅަށް މި ޖަމާޢަތުން ޙަމަލާތައް އިތުރުކުރާނެކަމުގެ އިންޒާރުތައް ދިނުމުން މި އާބާދީތަކުގެ ވަޒަންވެރީންނަށް ބޭރަށް ނުކުމެއުޅުމަށް ދަތިވުމުން އިސްރާއީލުން މި ކަން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އަޅަން ނިންމީއެވެ. އިސްލާމީ ޖިހާދުން ޔަހޫދީ އާބާދީތަކާ ދެކޮޅަށް އިންޒާރުދީ ފިޔަވަޅުތައް އަޅަން ފެށީ ހުޅަނގު އައްސޭރިއަށް ޚާއްޞަކޮށް ޖަނީނު ސަހަރަށާއި ނާބްލުސް ސަހަރަށް އިސްރާއީލު ސިފައިން ވަދެ ފަލަސްޠީނު މީހުން ހައްޔަރުކުރާން ފެށުމުންނެވެ. އަދި އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސުގެ އިސްވާރުން ހައްޔަރުކޮށް އަވަހާރަކުރާން ފެށުމުންނެވެ.

މި ދިޔަ ހޯމަ ދުވަހު އިސްރާއީލު ސިފައިން ޖަނީނު ސަހަރަށް އަރައި އިސްލާމީ ޖިހާދު ޖަމާޢަތުގެ އިސްވާރެއް ކަމުގައިވާ ބައްސާމުއް ސަޢުދީއާއި އޭނާގެ އުޚްތުގެ ދަރިކަލުން އަޝްރަފުލް ޖަދަޢު ހައްޔަރު ކުރުމުން އެއީ ރަތްރޮނގު ހުރަސްކުރުން ކަމަށް އިސްލާމީ ޖިހާދުން އިޢުލާން ކުރިއެވެ. އިސްރާއީލުގެ މި ނޭންގާނި ޢަމަލާ ވިދިގެން ހުޅަނގު އައްސޭރިއާއި ޣައްޒާގައި އެ ޙަރަކާތުން ވަނީ ތައްޔާރީ ޙާލަތު އިޢުލާން ކޮށްފައެވެ. މިކަމާ ވިދިގެން ޖިހާދު ޖަމާޢަތުން ބަދަލުހިފުމުގެ ޢަމަލެއް ހިންގަފާނެތީ އިސްރާއީލުން ވަނީ ޣައްޒާއާ އިންވެފައިވާ އިސްރާއީލުގެ ސަރަޙައްދުތަކުގައި ތައްޔާރީ ޙާލަތު އިޢުލާން ކޮށްފައެވެ.

ޖިހާދުގެ ކިބައިން ބަދަލުހިފުން

އެ ހިސާބުން ފެށިގެން އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑާއި ދިފާޢީ ވަޒީރު ގެންޓްސްއާއި އިސްރާއީލުގެ ސިފައިންނާއި ޖާސޫސީ އިދާރާގެ ވެރީން ކޮންމެ ދުވަހަކު ބައްދަލު ކުރައްވާ އިންޒާރުތައް ދެއްވާން ފެށްޓެވިއެވެ. މި ބޭފުޅުން މީޑިޔާތަކުގައި ވިދާޅުވަމުން ވަޑައިގެންފައި ވަނީ ޖިހާދު ޖަމާޢަތުން ބަދަލުހިފުމުގެ ޢަމަލެއް ހިންގާން ތައްޔާރުވަމުންދާކަން އިސްރާއީލަށް އެނގިއްޖެއެވެ. އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސުގެ ވެރިޔާ ތައިސީރުލް ޖަޢުބަރީ އަވަހާރަކޮށްލާން ނިންމީ މި "ދޮގު" މަޢުލޫމާތުތައް މީޑިޔާގައި ފަތުރައި ޢާންމުންނަށް އޮޅުވައިލުމަށް ފަހުގައެވެ. އަލް ޖަޢުބަރީ އަވަހާރަކޮށްލީ ޣައްޒާގެ އައްޝުހަދާއު މަގުގައި ހުންނަ ބުރުޖު ފަލަސްޠީނުގައި ހުންނަ އޭނާގެ ފްލެޓްގައި އުޅުއްވަނިކޮށް އެ ތަނަށް ދިން ރޮކެޓް ހަމާލަތަކަކުންނެވެ. އަލް ޖަޢުބަރީއަށް ސަރާޔާ އަލްޤުދްސުގެ އިސް ކޮމާންޑަރުކަން ލިބިވަޑައިގަތީ 2019ގައި އިސްރާއީލުން މި ޖަމާޢަތުގެ ކޮމާންޑަރު ބަހާއު އަބުލް ޢަޠާ އަވަހާރަކޮށްލުމުންނެވެ.

މި ފަދަ ބަހަނާތަކެއް ދެއްކި ނަމަވެސް އިސްރާއީލުން މިއަދު ފަށައިފައިވާ ޢުދްވާނުގެ ފަހަތުގައި އެހެން މަޤްޞަދުތަކެއް ވާކަން ކަށަވަރެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑް

އިސްރާއީލުގެ ދާޚިލީ ގަޑުބަޑުތައް

އިސްރާއީލުގެ ދުވަހު ނޫސް ހާއާރްޓިޒް ބުނާގޮތުގައި ބޮޑުވަޒީރު ލެޕިޑް ޣައްޒާގައި ފަށްޓަވައިފައިވާ މި ޙަމަލާއަކީ މި އަންނަ ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބާ ގުޅިފައިވާ ކަމެކެވެ. މިފަދަ ހަނގުރާމައެއް ކޮށް ކާމިޔާބީއެއް ހޯއްދަވައިގެން މެނުވީ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ ބަލިކޮށެއް ނުލެއްވޭނެއެވެ.

ލެޕިޑްގެ "ބަލިކަށި" އަޣްލަބިއްޔަތުނެތް ސަރުކާރަށް ނަތަންޔާހޫއާއި އޭނާގެ ޙައްދުފަހަނަޅައިފައިވާ އެކުވެރީން ބަލި ކުރެވޭނީ ނަތަންޔާހޫގެ ދަޢުވާތަކަށް ރައްދު ދެވިގެންނެވެ. ނަތަންޔާހޫ އަބަދުވެސް ވިދާޅުވާ ގޮތުގައި އިސްރާއީލު އަމާންތަނަކަށް ހަދައިދެވޭނީ އޭނާގެ ސަރުކާރަކަށެވެ. އެއީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޙަމަލާތައް ހުއްޓުވައިގެންނެވެ.

ދެވަނަ ސަބަކަށް ފާހަގަ ކުރެވެނީ ލެޕިޑްގެ ސަރުކާރުގެ ތެރޭގައި ޒަޢާމަތަށް ޓަކައި އުފެދިފައިވާ ވާދަވެރިކަމެވެ. ބޮޑުވަޒީރު ލެޕިޑާއި ދިފާޢީ ވަޒީރު ގެންޓްސް އާ ދެމެދުގައިވާ ވާދަވެރިކަމަކީ ދުވަސްދުވަސްކޮޅުން ފަޅަފަޅައިގެން ދާ ހުޅުގަނޑެކެވެ. ޕާޓީގެ ސިޔާސީ މަސްރަޙުގައި ދެ ބޭފުޅުންނަށް ލިބިފައިވާ މަޤާމުގެ ދަރަޖަ ވަރަށް އެއްވަރެވެ.

ހާއާރްޓިޒް ދުވަހު ނޫސް ބުނާގޮތުގައި ލެޕިޑް ބޮޑުވަޒީރުކަމުގެ މަޤާމުގައި އޮފީހުގައި އިންނަވާ ކޮންމެ ދުވަހަކީ އޭނާއަށް އަރަނި ނުކުތާތަކެއް ލިބިވަޑައިގަންނަވާނޭ ކަމެކެވެ. މި ކަމުގެ ސަބަބުން ޢާންމުންގެ ކުރިމަތީގައި އޭނާގެ މަޤްބޫލުކަން އިތުރުވެ ނަތަންޔާހޫއާ ވާދަކުރެއްވޭނެ ހިސާބަކަށް ވަނީ ވަޑައިގެންނެވިފައެވެ.

އެހެނަސް އިސްރާއީލުގައި ބޮޑުވަޒީރުކަމަށް ބޭފުޅުން އިސްކުރެވެނީ އިސްރާއީލާ ކުރިމަތިވާ ގަޑުބަޑުތައް ޙައްލު ކުރެއްވުމުގައި އެބޭފުޅުން އަދާކުރައްވާ ދައުރަށް ބަލައިގެންނެވެ. މިއަދު ކުރިމަތިވެފައިވާ މަސްއަލައަކީ ލެޕިޑްގެ ސިޔާސީ ޙަޔާތް މަރުވެގެން ހިނގައިދާނެ ކަމެކެވެ. އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އީހޫދު އޮލްމަރޓަށް ސިޔާސީ މަސްރަޙާ ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ 2006ވަނަ އަހަރުގެ ހޫނު މޫސުމުގައި ޣައްޒާއިން އޭނާއަށް ލިބިވަޑައިގަތް ނާކާމިޔާބީގެ ސަބަބުންނެވެ.

އީރާނުގެ ބިރުދެއްކުންތަކާއި އުތުރު މައިދާން ރޯވެދާނެކަމުގެ ބިރު

ޣައްޒާ ނުތަނަވަސްކޮށްލުމަކީ ޙިޒްބުﷲ ދަންތުރައެއްގައި ޖެއްސުމަށް އިސްރާއީލުން ފެށި ކަމެއް ކަމުގައި ވެސް ވެދާނެއެވެ. ލުބްނާނު– އިސްރާއީލު ސަރަޙައްދީ ރޮނގު ކުރެހުމުގެ މަސްއަލައިގައި ލުބްނާނުގެ ފަރާތުން އެންމެ އަޑު ކުރާ ސިޔާސީ ޕާޓީއަކީ ޙިޒްބުﷲއެވެ. ލުބްނާނުގެ އައްސޭރި ފަށުގައި ހުރި ގޭސް ދަނޑުތަކަށް އިސްރާއީލުން ޤަވާޢިދާ ޚިލާފަށް ވަދެއްޖެނަމަ އިސްރާއީލުގެ ދުރު ހިސާބުތައް ޝާމިލުވާފަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޙިޒްބުﷲއިން ވަނީ ދީފައެވެ.

ތިންވަނަ ކަމަކަށް ފާހަގަ ކުރެވެނީ އީރާނުން ދެމުންދާ އިންޒާރުތަކެވެ. އުތުރު މައިދާނާއި ދެކުނު މައިދާނުގައި އީރާނާއެކު ކުރިމަތިލާން ޖެހިދާނެކަމަށް އިސްރާއީލުން ނިމުތު ކުރެއެވެ. އިސްލާމީ ޖިހާދު ޖަމާޢަތަކީ ޠަހަރާނުން މަދަދުދޭ ޖަމާޢަތެކެވެ. އިސްރާއީލުން ޖިހާދުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ތައިސީރުލް ޖަޢުބަރީ އަވަހާރަކޮށްލިއިރު ޖިހާދުގެ ވެރިޔާ ހުންނެވި ޠަހަރާނުގައެވެ. އެހެންކަމުން އިސްރާއީލުން އިސްވެގަތީ އެންމެ ބާރުދެރަ އަމާޒަށް ޙަމަލާއެއް ދީ ސަމާލުކަން އެ ދިމާއާށް އަނބުރައިލުމަށެވެ.

ނަޞްރެއް ލިބުނު ކަމުގެ ތަޞްވީރެއް ކުރެހުން

ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުންދާ ޢުދްވާނުގެ ބޭނުމަކީ އިސްރާއިލު ސިފައިން އެމީހުންގެ ލަޝްކަރަކީ އެންމެ ވަރުގަދަ ލަޝްކަރުކަން ދެއްކުމަށް ކުރާ މަސައްކަތެއް ކަމުގައި ވެދާނެއެވެ. މޭ 2021ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދިން ޢުދްވާނު "ފާރުތަކުގެ ފާރަވެރިޔާ" އަކީ "ވަރަށް ފުރިހަމަ ނަޞްރެއް" ކަމަށް އިސްރާއީލު ސިފައިން ސިފަކުރިޔަސް އެތާނގެ ޢާންމު ރައްޔިތުން މި ނަޞްރު ޤަބޫލެއް ނުކުރެއެވެ.

ޙަމާސް ވަނުމަށް އިސްރާއީލުން ނޭދޭ

އިސްރާއީލުން މި ފަހަރު ފަށައިފައިވާ ޢުދްވާނު ފުޅައު ކުރާން ގަސްތު ނުކުރާކަމަށް އިސްރާއީލުން ބުނެއެވެ. މި ޢުދްވާނުގެ ތެރެއަށް ޙަމާސް ވަނުމަކީ އިސްރާއީލު އެދޭ ކަމެއްނޫނެވެ. މިއީ ހަމައެކަނި އިސްލާމީ ޖިހާދު ޖަމާޢަތާ ދެކޮޅަށް ދޭ ޢުދްވާނެއް ކަމަށް ވެސް ބުންޏެވެ. މުޙައްލިލުންގެ ކޮމެންޓުތަކުން ދޭހަވާ ގޮތުގައި މިއީ ފަލަސްޠީނުގެ ޖިހާދީ ޖަމާއަތްތައް ޖައްސުވާން ވެގެން ކުރާ ކަމެކެވެ. އިސްރާއީލުން ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ތައިސީރުލް ޖަޢުބަރީ އަވަހާރަކޮށްލުމުން ޙަމާސުން އެ ކަން ކުށްވެރި ކުރިއެވެ. ޙަމާސުން ބުނިގޮތުގައި ފަލަސްޠީނުގެ އެންމެން ތިބީ އިސްރާއީލާ ދެކޮޅަށް އެކަތިގަނޑަކަށް ވެގެންނެވެ. ޙަމާސުގެ ތަރްޖަމާނު ފައުޒީ ބުރްހޫމު ވިދާޅުވި ގޮތުގައި ޙަމާސުން އެ ޖަމާޢަތުގެ ބަސް ބާރުވެރިކަމާއެކު ބުނާނެއެވެ. އަލްޤައްސާމު ބްރިގޭޑުން ބުނާގޮތުގައި "އިސްރާއީލުގެ މި ޢުދްވާނު ސަހުލުގޮތަކަށް ނުދާނެއެވެ. ފިދާއީންގެ ޙަމަލާތައް އަންނާނީ އެ ޖަމާޢަތްތަކުން ބޭނުންވާ ގޮތަކަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *