Support Us

އިސްލާމީ ޖިހާދުގެ ކޮމާންޑަރެއް އަނެއްކާވެސް އަވަހާރަކޮށްލައިފި

އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނު ސަރަޙައްދެއް ކަމުގައިވާ ރަފަޙަށް ރޭ ވަދެ އިސްލާމީ ޖިހާދު ޖަމާޢަތުގެ އިސް ބޭފުޅެއް ކަމުގައިވާ ޚާލިދު މަންޞޫރު އަވަހާރަކޮށްލައިފައެވެ. މިއީ ދެ ދުވަހުގެ ތެރޭގައި އިސްރާއީލުން އަވަހާރަކޮށްލި އިސްލާމީ ޖިހާދު ޖަމާޢަތުގެ ދެވަނަ އިސްވާރެވެ. ޚާލިދު މަންޞޫރު (ފޮޓޯގެ ކަނާތް ފަރާތުގައި) އަކީ އިސްލާމީ ޖިހާދު ޖަމާޢާތުގެ ދެކުނު ސަރަޙައްދުގެ ކޮމާންޑަރެވެ.

މި ދިޔަ ހުކުރު ދުވަހު އިސްރާއީލު ސިފައިން ވަނީ ސަރާޔާ އަލްޤުދްސު ޙަރަކާތުގެ އުތުރު ސަރަޙައްދުގެ ކޮމާންޑަރު ތައިސީރުލް ޖަޢުބަރީ އަވަހާރަކޮށްލައިފައެވެ.

އިސްރާއީލުގެ ބޯޓުތަކުންނާއި ރޮކެޓުން އިއްޔެއާއި ރޭ ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ރަފަޙުގެ ޝުޢޫތު ފޭލިގެ އަވަށަށެވެ. މި ޙަމަލާތަކުގެ ސަބަބުން އެ އަވަށާ ކައިރީގައި ހުރި އެތައް ޢިމާރާތްތަކެއް ވެސް ވެއްޓުނެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ބަޔާން ބުނާގޮތުގައި އިސްރާއީލުން ރެއާ މިއަދު ދީފައިވާ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 32 މީހަކު މަރުވެ 215 މީހަކު ޒަޚަމުވެފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ހަ ކުޑަ ކުދީން ހިމެނެއެވެ.

އިސްރާއީލުން މި ދިޔަ ހުކުރު ދުވަހު ވަނީ އަލްފަޖްރުއްޞާދިޤުގެ ނަމުގައި ޣައްޒާއަށް ޢުދްވާނީ ޙަމަލާއެއް ދޭން ފަށައިފައެވެ. އިސްރާއީލުން ބުނާގޮތުގައި މި ޙަމަލާގެ އަމާޒަކީ ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތެވެ.

އިސްރާއީލުގެ މި ޢުދްވާނާ ގުޅިގެން އިސްރާއީލުން ވަނީ ޙަމާސް ޖަމާޢަތަށް އިންޒާރެއް ދީފައެވެ. މި ޙަމަލާއަށް ރައްދު ދިނުމަށް ޓަކައި ޖިހާދާއެކު ހަނގުރާމައިގައި ބައިވެރިނުވެ މަޑުން އޮތުމަށް އިސްރާއީލުން ޙަމާސަށް އެންގިއެވެ.

އިސްރާއީލުގެ ޗީފް އޮފް ސްޓާފް އަފީފު ކޯޚާފީ ވިދާޅުވި ގޮތުގައި އިސްރާއީލުގެ އަމާޒަކީ އިސްރާއީލުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކައުތެރިކަން ހޯދާ ދިނުމެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ޖިހާދު ޖަމާޢަތް ނައްތައިލުމުގެ ވަގުތު އަތުވެއްޖެއެވެ.

މި ކަމާ ވިދިގެން އިސްލާމީ ޖިހާދު ޖަމާޢަތް ވަނީ ޖިހާދު އިޢުލާންކޮށްފިއެވެ. މި ޖަމާޢަތުން ފެށި ރައްދު ޙަމަލާގެ ނަމަކީ  "މައިދާނުގެ އެއްބައިވަންތަކަން" އެވެ. ޖިހާދު ޖަމާޢަތާއެކު ފަލަސްޠީނުގެ ފިދާއީ ހުރިހާ ޖަމާޢާތްތަކެއް އެކަތިގަނޑަކަށް ވެފައިވާ ކަމަށް ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *