އިސްރާއީލުގެ ބަރްލަމާން ކަނީސަތުގެ ހައްދުފަހަނަޅައިފައިވާ މެންބަރެއް ކަމުގައިވާ އީތަމާރު ބިން ޣަފީރު ޔަހޫދީ އެތައް ވަޒަންވެރީންތަކެއް ގޮވައިގެން ރޭ އަޤްޞާ މިސްކިތަށް ވަދެ އެ މާތް މިސްކިތުގެ ޙުރްމަތް ކަނޑައިފިއެވެ. މި ބައިމީހުން އަޤްޞާއަށް ވަނީ "އަލް ޤައްޠާނީ ދޮރުކޮޅު" ސަރަޙައްދުންނެވެ.
ތުރްކީގެ އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި މި ބައިމީހުން މި މިސްކިތަށް ވަނީ އިސްރާއީލުގެ ދިދަ ހިފައިގެންނެވެ. މިއީ ޔަހޫދީން އެމީހުންގެ ޚާއްޞަ އަޅުކަމެއް މި މިސްކިތުގައި މިއަދު ޤާއިމު ކުރުމަށް ޓަކައި އެ މިސްކިތަށް ވަދެގަތުމަށް މަގުފަހި ކުރުމުގެ ގޮތުން ކުރި ކަމެކެވެ.
ޔަހޫދީން މިއަދު އަޤްޞާ މިސްކިތަށް ވަދެގަތުމަށް ގޮވައިލީ މިއަދަކީ އެމީހުން ބުނާގޮތުގައި އެމީހުންގެ ފައްޅި "ހައިކަލް" ޚަރާބުކޮށްލި ދުވަހެވެ.
މިކަމާ ވިދިގެން ޙަމާސް ޖަމާޢަތުން އެކަން ހުއްޓުވުމަށް ރޭ ގޮވައިލިއެވެ. ޙަމާސް ޖަމާޢަތުގެ ޒަޢީމު އިސްމާޢީލު ހަނިއްޔާ ހާމަކުރެއްވި ގޮތުގައި އޭނާ މިޞްރަށާއި ޤަޠަރަށާއި އދ އަށް ޔަހޫދީންގެ މި ނުބައި ރޭވުންތައް ހުއްޓުވުމަށް ރޭ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްލިމުންގެ މުޤައްދަސް މިސްކިތެއްގެ ޙުރްމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިއީ އިސްރާއީލުން ޣައއްޒާއަށް އަރައި ޢުދްވާނީ ޙަމަލާތައް ދެމުންދާ ވަގުތެއްގައި މަސްރަޙު އިތުރަށް ހޫނުވެގެންދާނެ ކަމެއް ކަމަށް ހަނިއްޔާ ވިދާޅުވިއެވެ.



advertisment