ޣައްޒާއާ ދެކޮޅަށް ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ޢުދްވާނީ ޙަމަލާއެއް އިސްރާއީލުން ފަށައިފި ކަމަށް އިސްރާއީލުން މިއަދު ބުނެފިއެވެ.
އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ރާން ކޯޚާފް ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އިސްރާއީލުން މިކަމާ ބެހޭގޮތުން އެއްވެސް ފަރާތަކާއެކު ވާހަކަ ދައްކަމަކުން ނުދެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އިއްޔެ އަވަހާރަކޮށްލި އިސްލާމީ ޖިހާދު ޖަމާޢަތުގެ އިސްވާރު ތައިސީރުލް ޖަޢުބަރީއަކީ އަކީ އިސްރާއީލުގެ އެންމެ ފަހު ލަޑުދަޑިއެއް ނޫނެވެ.
އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ޙަމަލާގައި ޖަޢުބަރީގެ އިތުރަށް ފަލަސްޠީނުގެ 10 މީހަކު ޝަހީދުވިއެވެ. އަދި ފަންސާހަކަށް މީހުން ޒަޚަމުވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަހަރު ނުފުރޭ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.
ކޯޚާފު ހާމަކުރެއްވި ގޮތުގައި އިސްރާއީލުން އިސްލާމީ ޖިހާދު ޖަމާޢަތުގެ 40 އަމާޒަކަށް 30 ޙަމަލާ ދިނެވެ. މި ޙަމަލާތަކުގައި 55 ރޮކެޓް ބޭނުންކުރިއެވެ.
އިސްރާއީލުގެ ކާން ޗެނެލް ބުނާގޮތުގައި އިސްރާއީލުން ޣައްޒާގެ ވަރަށް ފުނަށް ދިޔައެވެ. އަދި ސަރަޙައްދީ ސަރަޙައްދުތަކަށް ވެސް ޙަމަލާ ދިނެވެ. މި ޗެނެލް ބުނިގޮތުގައި ޣައްޒާއިން ފޮނުވައިލި ރޮކެޓްތަކުގެ ތެރެއިން 55 ރޮކެޓަށް އިސްރާއީލުގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބުން ހުރަސްއަޅައި ވައްޓައިލިއެވެ.
އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ ސަރާޔާ އަލް ޤުދްސު އިޢުލާން ކުރިގޮތުގައި އެ ޖަމާޢަތުން އިސްރާއީލުގެ ސަހަރުތަކަށާއި ރަށްތަކަށް 100 ރޮކެޓް ފޮނުވައިލިއެވެ. މި ޙަމަލާތައް ދިން ރަށްތަކުގެ ތެރޭގައި ތައްލު އަބީބު ވެސް ހިމެނެއެވެ.
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ޣައްޒާއަށް ޙަމަލާދިނުމުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޢަސްކަރީ 50 ޑްރޯން ބައިވެރިވިއެވެ. މި ޙަމަލާތަކުގައި ޣައްޒާއަށް 16 ޓަނުގެ ގޮވާ އެއްޗެހި އޮއްސައިލިއެވެ.
އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި ޖަޢުބަރީ އުފަންވެ ވަޑައިގެންފައި ވަނީ 1972 ވަނަ އަހަރުއެވެ. އޭނާ އަވަހާރަކޮށްލުމަށް ޓަކައި އިސްރާއީލުން 2012 ގައްޔާއި 2014ގައި މަސައްކަތްކޮށްފައި ވެއެވެ.



advertisment