Support Us

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަ ދެއްކުންތައް ހަތަރުމަސް ފަހުން އަލުން ފަށައިފި

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އީރާނާ އެމެރިކާއާ ދެމެދުގައި ބޭއްވެމުންދިޔަ ވާހަކަދެއްކުންތައް ހަތަރުމަސް ވާންދެން ހުއްޓިފައި އޮތުމަށްފަހު އެ ވާހަކަ ދެއްކުންތައް އަލުން އިއްޔެ ފަށައިފި ކަމަށް ވައިޓްހައުސް އިން ރޭ ބުނެފިއެވެ.

އީރާނުގެ ކަމާބެހޭ އިސް މަސްއޫލުވެރިޔާ ޢަލީ ބާޤިރީ ޔޫރަޕްގެ އިއްތިޙާދުގެ ވިލަރެސްވެރިޔާ އެންރީކޭ މޮރާއާ ވިއެނާގައި ރޭ ބައްދަލު ކުރައްވާ 2015ގެ އެއްބަސްވުން މަރުން ސަލާމަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވައިޓްހައުސް ބުނެއެވެ

ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ތަރްޖަމާނު ޖޯން ކަރބީ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި "ނިޔުކްލިއަރ އެއްބަސްވުން މިހާރު އޮތީ ގާތްގަނޑަކަށް ފުރިހަމަވެފައެވެ. " އެހެނަސް އޭނާ އިޝާރާތް ކުރެއްވި ގޮތުގައި ވަގުތު ދަނީ "ހުސްވަމުންނެވެ."

މިހާރު މޭޒުމަތީގައި އޮތް އެއްބަސްވުން އަވަހަށް ޤަބޫލު ކުރުމަށް ކަރބީ އީރާނަށް ގޮވައިލެއްވިއެވެ.އޭނާ މޭޒުމަތީގައި އޮތް އެއްބަސްވުމާ ބެހޭ އެއްވެސް ތަފްޞިލެއް ނުދެއްވައެވެ.

ނުސީދާ ވާހަކަދެއްކުންތައް ފެށުން

ދެހާސް ފަނަރައިގެ އެއްބަސްވުން ދިރުވޭތޯ އީރާނާ އެމެރިކާއާ ދެމެދުގައި ނުސީދާ ވާހަދެއްކުންތައް މި ދިޔަ މާރިޗު މަހުގައި ވަނީ ފެށިފައެވެ. ވިއެނާގައި އީރާނާ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ޖަރްމަނުގެ މެދުގައި ވާހަކަދެއްކުންތައް ބޭއްވެމުންދަނީ އީރާނުން ނިޔުކްލިއަރ އެއްބަސްވުމަށް ޢަމަލުކުރާން އަލުން ފެށުމާ  ބެހޭގޮތުންނެވެ. އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާން ޖެހޭނެކަމަށް ޠަހަރާނުން ޝަރްޠު ކުރެއެވެ.

މި މަސްއަލައިގައި ކުރިމަތިވެފައިވާ ދަތިތައް ގިރާކުރުމަށް ޓަކައި ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބު ބޮރިލް މި ދިޔަ ޖުލައި މަހު ހުށައެޅުންތަކެއް ހުށައެޅުއްވިއެވެ. އީރާނުގެ މަސްއޫލުވެރިޔާ ރޮއިޓަރޒަށް ވިދާޅުވި ގޮތގައި އީރާނުން މިހާރު ވާނީ އިތުރު ދޫތަކެއް ދީފައެވެ. އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ބާރު އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން އުނިކުރުމަށް އެދޭއެދުން އީރާނުން ދޫކޮށްލައިފިކަމަށް ޚަބަރު ލިބެއެވެ. އެމެރިކާގެ ކިބައިން އީރާނުން އެދޭ ދެވަނަ ކަމަކީ އެމެރިކާ މި އެއްބަސްވުމުން ވަކިނުވާނެކަމުގެ ޖާމިނުވުން އީރާނަށް ދިނުމެވެ. އެމެރިކާ ބުނަގޮތުގައި މިއީ އެމެރިކާގެ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއްނޫނެވެ. ސަބަބަކީ 2015ގެ އެއްބަސްވުމަކީ ސިޔާސީ އެއްބަސްވުމަކަށް ވާ ކަމެވެ. އެއީ ޤާނޫނީ އެއްބަސްވުމަކަށް ނުވާތީ އެއަށް ޢަމަލު ކުރުން ލާޒިމެއް ނުވާނެއެވެ. އީރާނުން މިކަމަށް އެދެނީ ރައީސް ޓްރަމްޕް އެ މުޢާހަދާ އުވާލެއްވި ގޮތަށް ދެން ވަޑައިގަންނަވާ ރައީސަކު ވެސް އެ މަގުން ހިންގަވާފާނެތީއެވެ.

އީރާނު ބުނާގޮތުގައި މި އެއްބަސްވުން އަލުން ދިރުވަން ބޭނުންނަމަ އީރާނަށް އިޤްތިޞާދީ ފައިދާތަކެއް ލިބެން ޖެހޭނެއެވެ. މި ފައިދާތައް އެމެރިކާގެ އައު ސަރުކާރުތަކާއެކު ދެމިގެންދާން ޖެހޭނެއެވެ. ބައިޑްންގެ ވެރިކަން ނިމުމުން އެ ފައިދާތައް ލިބުން ހުއްޓިގެން ނުވާނެއެވެ.

އީރާނުން ޝަރްޠުކުރާ ގޮތުގައި ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން އީރާނާ ބެހޭގޮތުން ނެރެފައިވާ ރިޕޯޓްގައި ދޮގު މަޢުލޫމާތު ހިމަނާފައިވާތީ އެ ރިޕޯޓް ވެސް އުވާލެވެން ޖެހޭނެއެވެ. އަދި މި ރިޕޯޓް މުރާޖާކޮށް އައު ރިޕޯޓެއް ނެރެން ޖެހޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *