Support Us

ޕެލޫސީގެ ދަތުރުފުޅާ ވިދިގެން ތައިވާން ކަނޑުއޮޅި ހޫނުވާން ފަށައިފި

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕެލޫސީ އިންޑިޔާކަނޑާއި ޕެސިފިކް ކަނޑުގެ ސަރަޙައްދުގެ ބައެއް ޤައުމުތަކަށް އާދީއްތަ ފެށްޓެވި ދަތުރުފުޅާ ވިދިގެން ދެކުނު ޗައިނާ ކަނޑު ހޫނުވާން ފަށައިފިއެވެ. މިކަމާ ވިދިގެން ޗައިނާ ބުނާގޮތުގައި އެ ޤައުމުގެ އަމްނާއި ބިމުގެ ވަޙްދަތު ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ޗައިނާއިން އަޅައިނެއެވެ.

އެމެރިކާގެ މި މަސްއޫލުވެރިޔާ ތައިވާނަށް ޒިޔާރަތް ކުރައްވައިފާނެތީ އެ ދަތުރުފުޅު ނުކުރެއްވުމަށް ޗައިނާއިން ވަނީ އިންޒާރުކޮށްފައެވެ. ޗައިނާއިން އިންޒާރު ކުރާ ގޮތުގައި އޭނާ އެ ދަތުރުފުޅު ކުރައްވައިފިނަމަ ޗައިނާއިން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.
ޗައިނާގެ ވައިގެ ބާރުތަކުން ނެރުނު ރަސްމީ ބަޔާނެއް ބުނާގޮތުގައި ޗައިނާއިން އެ ޤައުމުގެ "ޤައުމީ ސިޔާދަތާއި ބިމުގެ ސަލާމަތް ދެމަހައްޓާނެއެވެ."

ޗައިނާގެ ވައިގެ ބާރުތަކުގެ ދައްކައިލުމެއްގެ ތެރޭގައި އެ ބާރުތަކުގެ ތަރްޖަމާނު ވިދާޅުވިއެވެ. "ޗައިނާގެ ވައިގެ ޖައްވުގެ ބާރުތަކުގައި ވަރަށް ގިނަ ބާވަތްބާވަތުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ހިމެނެއެވެ. މާދަރީ ވަޠަނުގެ އަގު ބޮޑު ޖަޒީރާގެ ވަށައިގެން އޭއްޗެއްސަށް އުދުހުމުގެ ބާރު ލިބިފައި ވެއެވެ."

ޗައިނާއިން ބާއްވަމުން ގެންދާ ޢަސްކަރީ ތަމްރީނުތައް ބާއްވަމުން ދަނީ ދެކުނު ޗައިނާ ކަނޑުގައެވެ. މި ތަމްރީނުތަކުގައި ޙަޤީޤީ ވަޒަން ބޭނުންކުރަމުންދާކަމަށް ވެސް ޗައިނާއިން ބުންޏެވެ. އެހެނަސް ޗައިނާއިން މި ތަމްރީނުތަކެއް މުއްދަތެއް ހާމައެއް ނުކުރެއެވެ.

ޗައިނާއިން މި ތަމްރީނުތައް ފެށީ މަތިންދާބޯޓު އުފުލާ އެމެރިކާގެ ރޮނަލްޑް ރޭގަން މަނަވަރާއި އެމެރިކާގެ ޢަސްކަރީ މަނަވަރުތަކެއް ދެކުނު ޗައިނާ ކަނޑަށް ވަނުމުންނެވެ.

ސީއެންއެން ބުނާގޮތުގައި ޗައިނާއިން ހަމަ ދެންމެއަކު އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ މިސައިލެއް ދެކުނު ޗައިނާ ކަނޑުގެ ވައިގެ ޖައްވުގެ ތެރެއަށް ފޮނުވައިލައިފިއެވެ.

މީގެ އިތުރަށް ތައިވާން ބުނާގޮތުގައި ޗައިނާގެ ޢަސްކަރީ ހަތަރު ބޯޓެއް އެ ޤައުމުގެ ވައިގެ ދިފާޢީ ސަރަޙައްދު ތެރެއަށް މިއަދު ވަދެއްޖެއެވެ.

ރައީސް ބައިޑްނާއި ރައީސް ޝީއާ ދެމެދުގައި ބޭއްވި ދެ ގަޑިއިރުގެ ފޯނު ކޯލުގައި ރައީސް ޝީ ވަނީ ތައިވާނުގެ މަސްއަލައިގައި އެމެރިކާއިން "އެއް ޗައިނާގެ ސިޔާސަތަށް" ތަބާވުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި "އެއް ޗައިނާގެ ސިޔާސަތަށް އެމެރިކާއިން އިޙްތިރާމު ކުރާންވާނެއެވެ."

މި ކަންކަމާ ވިދިގެން ތައިވާނުން ވެސް މިއަދު ވަނީ ޢަސްކަރީ ތަމްރީނުތަކެއް ފަށައިފައެވެ. މި ތަމްރީނުތައް ބާއްވަމުން ދަނީ ތައިވާނުގެ އިރުމަތީ އައްސޭރި ފަށުގައި ޗައިނާއާ ދިމާގައެވެ. މި ތަމްރީނުތަކުގައި ތައިވާނުގެ ވައިގެ ބަރުތަކާއި ކަނޑުގެ ބާރުތައް ބައިވެރި ވެއެވެ. ތައިވާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިއީ އިރުމަތީ ފަރާތުން އަތުވެދާނެ ޙަމަލާއަކުން ދިފާޢުވުމަށް ޓަކައި އަޅާ ފިޔަވަޅެކެވެ. އިރުމަތީ ފަރާތޭ މި ބުނަނީ ޗައިނާއަށެވެ. މިއީ ތައިވާނުން ޢަސްކަރީ ތަމްރީނުތައް ނުބާއްވާތާ އެތައް އަހަރުތަކެއް ފަހުން ބާއްވާ ތަމްރީނުތަކެކެވެ.

ނެންސީ ޕެލޫސީގެ އަރިހުގައި ކޮންގްރެސްގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އޭނާ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ޤައުމުތަކަކީ ސިންގަޕޫރާއި މެލޭޝިޔާއާއި ދެކުނު ކޮރެއާއާއި ޖަޕާނެވެ. ތައިވާނަށް ވަޑައިގަންނަވާ ވާހަކަ ހާމައެއް ނުކުރައްވައެވެ. އެހެނަސް މީޑިއާ ބުނާގޮތުގައ ޕެލޫސީ މި ދަތުރުފުޅުގައި ތައިޕޭއަށް ވަޑައިގަންނަވާނެއެވެ. މިއީ އެމެރިކާގެ ހައުސްގެ ރައީސަކު 25 އަހަރުތެރޭގައި ތައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *