އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވެސް ރައީސާ ނެންސީ ޕެލޫސީ މާދަމާ ތައިވާނަށް ވަޑައިގެންފިނަމަ ޗައިނާ ސިފައިން ދެ އަތް އުރާލައިގެން ނުތިބޭނެ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން މިކަމާ ބެހޭގޮތުން ބުނާގޮތުގައި މި ޙާލަތުގައި ޗައިނާއިން "ވަރަށް ކުރުންތެރި ޢަމަލީ ފިޔަވަޅު" އަޅާނެއެވެ. މިއަދު ނޫސްވެރީންނާ ބައްދަލު ކުރައްވާ ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިއެވެ. "ނެންސީ ޕެލޫސީ ތައިވާނަށް ޒިޔާރަތް ކުރައްވައިފިނަމަ އެ ކަން ވާނީ ޗައިނާގެ ދާޚިލީ ކަމެއްގެ ތެރެއަށް ފާޅުކަން ބޮޑު ގޮތެއްގައި ގަސްތުގައި ވަން ވަނުމަކަށެވެ. އެކަމުގެ ނަތީޖާ ވަރަށް ނުބައިވާނެއެވެ."
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ނެންސީ ޕެލޫސީގެ ދަތުރުފުޅުގެ ސަބަބުން ތައިވާން ކަނޑުއޮޅީގެ ހަމަޖެހުމަށް ބުރޫއަރާނެއެވެ. އެ ކަން ވާނީ ޗައިނާ- އެމެރިކާ ގުޅުމުގައި ޖެހޭ ވަރަށް ވަރުގަދަ ތަފާލަކަށެވެ. ޗައނާއިން އެކަމާ ދެކޮޅަށް ކުރުންތެރި ޢަމަލީ ފިޔަވަޅު އަޅާނެއެވެ. އޭރުން ޗައިނާގެ ރައްޔިތުންގެ މިނިވަން ލަޝްކަރު ދެ އަތް އުރާލައިގެން ނޯންނާނެއެވެ."
ޕެލޫސީ އިރުމައްޗަށް ކުރައްވާ ދަތުރުފުޅެއް ވަނީ އިއްޔެ ފަށްޓަވައިފައެވެ. މި ދަތުރުފުޅުގައި އޭނާ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރަށާއި މެލޭޝިޔާއަށާއި ދެކުނު ކޮރެޔާއަށާއި ޖަޕާނަށެވެ. ތައިވާނުގެ ވާހަކަ އައިސްފައެއް ނުވެއެވެ. އެމެރިކާގެ މީޑިޔާތަކުން ބުނާގޮތުގައި އޭނާގެ ދަތުރުފުޅުގެ ތާވަލުގައި ތައިޕޭ ހިމެނެއެވެ. އެހެނަސް ސަލާމަތީ ކަންތައްތަކާ ހެދި އޭނާ މި ކަމާ ބެހޭގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.
ޕެންޓަގަނުން ބުނާގޮތުގައި ޕެލޫސީ ޙިމާޔަތް ކުރުމަށް ޓަކައި ޢަސްކަރީ ހަތަރު މަތިންދާބޯޓު ދަތުރުކުރާނެއެވެ.



advertisment