Support Us

ޗައިނާގެ ރައީސް އެމެރިކާއަށް: "އަލިފާނާ ކުޅެންޏާ ފިހިދާނެ"

އެމެރިކާގެ ރައީސް ބައިޑްނާ ޗައިނާގެ ރައީސް ޝީ އިއްޔެ ފޯނުން ދެ ގަޑިއެއްހާއިރު ވަންދެން ބައްދަލު ކުރައްވާ "ޞަރީޙަ އަދި ފުން" މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ކޯލުގައި އެ ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން ހުރި ތަފާތު މަސްއަލަތަކާ ބެހޭގޮތުން ދެ ރައީސުން  ބަޙުސްކުރެއްވިއެވެ. މިގޮތުން ތައިވާނުގެ މަސްއަލައިގައި "އަލިފާނާ ނުކުޅުމަށް" ރައީސް ޝީ އެމެރިކާގެ ރައީސަށް އިންޒާރު ކުރެއްވިއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕިލޯސީ މި އަންނަ މަހު ތައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އުޅުއްވާތީ ޗައިނާ އެމެރިކާ ގުޅުންތައް ވަނީ ވަރަށް ނުތަނަވަސްވެފައެވެ. ޗައިނާ ބުނާގޮތުގައި ތައިވާނަކީ ޗައިނާގެ ބިމެކެވެ.

މިއީ ރައީސް ބައިޑްން ވެރިކަމަށް ވަޑައިގަތްފަހުން ޗައިނާގެ ރައީސް ޝީއާ ފޯނުން ބައްދަލު ކުރެއްވި ފަސްވަނަ ފަހަރެވެ. އިއްޔެގެ ފޯނު ކޯލުގައި އެމެރިކާއިން "އެއް ޗައިނާގެ ސިޔާސަތަށް" ތަބާވާން ޖެހޭނެ ކަމަށް ރައީސް ޝީ ރައީސް ބައިޑްނަށް ދެންނެވިއެވެ. ތައިވާނަށް މިނިވަންކަން ދިނުމާ ޗައިނާއިން ދެކޮޅު ހަދާ ކަމަށާއި ތައިވާނުގެ ކަންތަކާ ބޭރުގެ ބާރުތައް ބެހުމަކީ ޗައިނާ ދެކޮޅުހަދާ ކަމެއް ކަމަށް ވެސް ޝީ ދެންނެވިއެވެ.

ނޭންސީއަކީ ބައިޑްން ފަދަ ޑިމޮކްރެޓަކަށް ވާތީ ޗައިނާއިން އެ މަސްއަލަ ވަރަށް ހޫނުކޮށް ފާހަގަ ކުރިއެވެ.

ބޭޖިންގް ދެކޭގޮތުގައި އޭނާ ތައިވާނަށް  ދަތުރުފުޅެއް ކުރެއްވުމަކީ އެމެރިކާއިން ކަށަވެތިވެފައިވާ "އެއް ޗައިނާ"ގެ ސިޔާސަތާ އަރާރުންވާ ކަމެކެވެ.

ރައީސް ޝީ ވިދާޅުވި ކަމަށް ޗައިނާގެ ނޫސް އޭޖެންސީ ބުންޏެވެ. "އަލިފާނާ ކުޅޭ މީހާ ފިހޭނެއެވެ. އެމެރިކާއަށް މި ކަން އެނގޭނެ ކަމަށް އުންމީދު ކުރަމެވެ."

ޕެލޫސީ ތައިވާނަށް ޒިޔާރަތް ކުރައްވައިފިނަމަ ޗައިނާއިން އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ޕެލޫސީއަކީ އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޗައިނާއާ ދެކޮޅަށް ވަރަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ދެ ގަޑި ވިހި މިނެޓް އިރަށް ދެމިގެން ދިޔަ ކޯލުގައި ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައާ މެދުވެސް ވާހަކަފުޅު ދެއްކެވިއެވެ. މިއީ ޗައިނާ އަދި ކުށްވެރިކޮށްފައިވާ ކަމެއް ނޫނެވެ.

ވައިޓް ހައުސްގެ ސިޔާސަތު

ވައިޓްހައުސުން ބުނިގޮތުގައި ތައިވާނުގެ މަސްއަލައިގައި ވޮޝިންގްޓަންގެ ސިޔާސަތަށް ބަދަލު ނާންނަ ކަމަށް ބައިޑްން ވިދާޅުވިއެވެ. އެހެނަސް މިހާރުގެ ޙާލަތު ބަދަލުކުރުމަށް ޓަކައި އެއް ފަރާތުން ފިޔަވަޅު އެޅުމަކީ އެމެރިކާ ދެކޮޅު ހަދާ ކަމެއް ކަމަށް ބައިޑްން ރައީސް ޝީއަށް ދެންނެވިއެވެ. ތައިވާން ކަނޑުއޮޅި ތެރޭގައި ސުލްޙަމަސަލަސްކަން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް ރައީސް ބައިޑްން ވިދާޅުވިއެވެ.

އެމެރިކާއިން ބުނިގޮތުގައި ދުނިޔޭގެ އެންމެބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައި ވާ ވާދަވެރިކަން ރަނގަޅަށް ދެމެހެއްޓުމަށް ޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތައިވާނުގެ ސަބަބުން މި ދެ ބާރުގެ ދެމެދުގައިވާ ޖައްވު ނުތަނަވަސް ވެފައިވާ ކަމަށް ވެސް ވައިޓްހައުސް ބުންޏެވެ. ޝީ ވިދާޅުވާ ގޮތުގައި ތައިވާން މައި ބައްރާ ގުޅެން ޖެހޭނެއެވެ. އަދި ދުނިޔޭގައި ދެ ޗައިނާއެއް ނޯންނާނެއެވެ.އެމެރިކާއާ ތައިވާނާ ދެމެދުގައި ސިޔާސީ ރަސްމީ ގުޅުންނެތް ނަމަވެސް އެމެރިކާގެ ޤާނޫނު ބުނާގޮތުގައި ތައިވާން ދިފާޢުވުމަށް ބޭނުންވާ ވަސިލަތްތައް އެމެރިކާއިން ތައިވާނަށް ތަނަވަސްކޮށްދޭން ޖެހޭނެއެވެ. ތައިވާނަށް އިތުރު އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެހުން ދަނީ ރައީސް ބައިޑްނަށް ގޮވައިލަމުންނެވެ.

ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވާ ގޮތުގައި ރައީސް ޝީއާއެކު ގުޅުން ކެނޑިގެން ދިޔަދީގެން ނުވާނެއެވެ. އެއީ ހަމައެކަނި އެ ސަރަޙައްދަށް މުހިއްމު ކަމެއް ނޫނެވެ. މީގެއިތުރަށް އެއީ މުޅި ދުނިޔެއަށް ވެސް މުހިއްމު ކަމެކެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ތައިވާނުގެ މަސްއަލައިގައި ނުތަނަވަސްކަން ކުޑަކުރެވޭނީ ދެ ޒަޢީމުންގެ ދެމެދުގައި ގުޅުން ވާޞިލުކޮށްގެންނެވެ.

ދެ ރައީސުންގެ ފޯން ކޯލުގައި މޫސުމާއި އިޤްތިޞާދީ ވާދަވެރިކަމާއި ރޫސީ ތެލަށް ވަކި އަގެއް ކަނޑައެޅުމާމެދު ބަޙުސްކުރެއްވިއެވެ. މި ހުރިހާ މަސްއަލަތަކެއްގައި ދެ ޤައުމުގެ ރައުޔު އެއްފަސްނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *