އޮސްޓްރޭލިޔާގެ ބަރްލަމާނަށް އިންތިޚާބުކުރި މުސްލިމު އަންހެން މެންބަރު ރޭ އޮސްޓްރޭލިޔާގެ ސެނެޓްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ. މިއީ އަންހެން ބޭފުޅަކު ބުރުގާ ތުރުކުރައްވައިގެން އެ ގައުމުގެ ބަރްލަމާނުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. މީސްމީޑިޔާގެ ޙަރަކާތްތެރީން ސިފަކުރި ގޮތުގައި ފާޠިމާ ޕޭމަންގެ ޚިޠާބަކީ ވަރަށް އަސަރުގަދަ ވަރަށް ހަރުދަނާ ތަޤްރީރެކެވެ.
ފާޠިމާ ޕޭމަން، 27, ބަރްލަމާނުގައި އޭނާގެ ޚިޠާބު ފަށްޓަވަމުން ވިދާޅުވި ގޮތުގައި އޭނާއަށް ބުރުގާގައި ސެނެޓްގައި ވާހަކަދެއްކޭކަން ކަށަވަރުކޮށްދެނީ އޮސްޓްރޭލިޔާގެ "ޙަޤީޤީ ސިންދަފާތުކަމެ"ވެ. މި ގޮތަށް އޭނާ ފާޅުވެ ވަޑައިގަތުމަށް ތަރްޙީބު ލިބެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ މި ދަތުރުގެ ސަބަބުން އެހެން ކަނބަލުންނަށް އިލްހާމު ލިބިގެންދާނެ ކަމަކަށް މި ކަން ވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފާޠިމާ ޕޭމަން ޙާޒިރީންނާ ސުވާލުކުރައްވާ ވިދާޅުވިއެވެ. "މީގެ ދިހަވަރަކަށް އަހަރު ކުރިން މި ބަރްލަމާނުގައި ބުރުގާ އަޅައިގެން އުޅޭ އަންހެނަކު މެންބަރެއް ކަމުގައި ބަލައިގަންނާނެ ހެއްޔެވެ؟" މިކަމާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް މި އަންނަ ސެޕްޓެންބަރު މަހު ވާހަކަފުޅު ދައްކަވާނެކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި ގޮތުގައި އޭނާގެ ރަޙްމަތްތެރީން ބުރުގާއަޅައިގެން އިންތިޚާބަށް ކުރިމަތިނުލެއްވުމަށް ނަސޭހަތް ދެއްވިއެވެ. އެކަމުގެ ސަބަބުން ލިބިވަޑައިގަންނަވާ ވޯޓު މަދުވާނެކަމަށް އެމީހުން ބުންޏެވެ. މި މީހުންނަށް ރައްދުދެއްވާ ޕޭމަން ވިދާޅުވިއެވެ. "މަގޭ ބުރުގާއަކީ މަގޭ އިޚްތިޔާރެވެ."
މުސްލިމު އަންހެން ކުދީންނަށް ބުރުގާ އެޅުމަށް ހިތްވަރު ދެއްވަމުން ވިދާޅުވިއެވެ. "ބުރުގާ އެޅުމަށް ނިންމާ އަންހެން ކުދީންނަށް އަހަރެން ބުނާނީ ފަޚްރުވެރިކާއެކު ބުރުގާ އަޅާށޭ އެވެ. އެއީ އެމީހުންނަށް ލިބގެންވާ ޙައްޤެއްކަން ދަނެގެން އެކަމާ ކުރިމަތިލާށެވެ."
ފާޠިމާ ޕޭމަން އޭނާގެ ބައްޕައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު އޭނާގެ ދެލޯފުޅުން ކަރުނަތައް އޮހެރެމުން ދިޔައެވެ. އޭނާގެ ބައްޕައަކީ މީގެ ވިއްސަކަށް އަހަރުކުރިން އޮސްޓްރޭލިޔާއަށް ހިޖްރަކުރި އަފްޣަނިސްތާނުގެ ރެފިޔުޖީއެކެވެ. އޭނާ ވިދާޅުވިއެވެ. "އޭނާގެ ކުޑަ ދަރިފުޅު މިއަދު ވާޞިލުވެފައިވާ މަންޒިލު ދެކެލުމަށް ޓަކައި އަޅުގަނޑާއެކު އޭނާ މި ތާނގައި ވާނެ ނަމަ ހާނދަ ރަނގަޅޭ ހިތަށް އަރައެވެ."
ޕޭމަންގެ ވާހަކަފުޅުގައި އޭނާއަށް ޓަކައި އޭނާގެ ބައްޕަ ވެވަޑައިގެންފައިވާ ޤުރްބާނީތަކަށް ތާރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއަށާއި ޢާއިލާއަށް ރަނގަޅު ކުރިމަގެއް ހޯއްދަވާ ދެއްވުމަށް ޓަކައި އޭނާގެ ބައްޕަ ވޮޗަރުކަން ކުރައްވަމުން އިތުރު ވަގުތުގައި ޓެކްސީކުރެއްވިއެވެ. ފާޠިމާ ޕޭމަން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަފްޣާނިސްތާނުގައި ވިހޭ މި ކުއްޖާ، ރެފިޔުޖީގެ މި ދަރިފުޅު މި ޢިއްޒަތްތެރި މަޖިލީހުގެ ކުރިމަތީގައި ވާހަކަދައްކަން ހުންނާނެ ކަމަށް ޤަބޫލު ކުރާނެ މީހަކު ހުންނާނެ ބާވައެވެ؟"
ފާޠިމަތު ޕޭމަނަކީ އޮސްޓްރޭލިޔާގެ ބަރްލަމާނަށް އިންތިޚާބު ކުރި އެންމެ ހަނގު މެންބަރެވެ. އޭނާ އިންތިޚާބު ކުރީ ލޭބަރ ޕާޓީގެ ހުޅަނގު އޮސްޓްރޭލިޔާ ސަރަޙައްދުން މި ދިޔަ ޖޫން މަހުގެ 20ގައި ބޭއްވި އިންތިޚާބުގައެވެ.
ފާޠިމަތު ޕޭމަން އޮސްޓްރޭލިޔާގެ ބަރްލަމާނުގައި ވާހަކަފުޅު ދެއްކެވީ ރެފިޔުޖީންގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައެވެ.



advertisment