ދެކުނު ޗައިނާ ކަނޑަކީ އެ ސަރަޙައްދުން ބޭރުގެ ބާރުތަކަށް ލިބިގެންވާ "ސަފާރީ ޕާކެއް" ނޫންކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ ވިދާޅުވެއްޖެއެވެ.
ބޭރުގެ ބާރުތައް މި ސަރަޙައްދަށް ވަނުމާ ދެކޮޅު ހެދުމަށް އާސިއަން ޤައުމުތަކަށް އޭނާ ގޮވައިލެއްވިއެވެ،ދެކުނު ޗައިނާ ކަނޑާ ބެހޭގޮތުން 2002ގައި މި ޤައުމުތަކުން އިޢުލާންކޮށްފައިވާ "ޑެކްލަރޭޝަން އޮން ދަ ކޮންޑަކްޓް (ޑީއޯސީ) އަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ވާންގ ޔީ (ފޮޓޯގައި) އާސިއަން ޤައުމުތަކަށް މި ސަރަޙައްދުގެ ފެނުގެ މަގުތައް ބޭނުންކުރުމާ ބެހޭގޮތުން ޗައިނާއާއެކު ފަހްމުނާމާއަކަށް އައުމަށް ވެސް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޑީއޯސީގެ ބަދަލުގައި ސީއޯސީއެއް (ކޯޑް އޮފް ކޮންޑަކްޓް އެއް) ޤާއިމުކުރެވިއްޖެނަމަ އަރާރުންތަކާއި ދެބަސްވުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް އެހީ ލިބޭނެއެވެ.
ޗައިނާގައި ބޭއްވުނު އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމަކީ ސަރުކާރުތަކުގެ މަންދޫބުންނާއި އެކަޑަމީޝިޔަނުން ބައިވެރިވެގެން ބޭޖިންގް ގައި ބޭއްވުނު ބައްދަލުވުމެކެވެ. ޗައިނާގެ ވަޒީރު މި މަސައްކަތު ބައްދަލުވުމުގެ ބައިވެރީންނާ ވާހަކަފުޅު ދެއްކެވީ މި ބައްދަލުވުން ދާދިވަރުކޮށް ވީޑިއޯކޮށް އިފްފިތާޙުކޮށް ދެއްވަމުންނެވެ.
އޭނާ ވިދާޅުވިއެވެ. "ބޮޑެތި ބާރުތައް ކޯޅޭ ތަނަކަށް ދެކުނު ޗައިނާ ކަނޑު ހަދައިގެން ނުވާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި މި ސަރަޙައްދުން ބޭރުގެ ބައެއް ބާރުތަކުން މި ސަރަޙައްދު ނުތަނަވަސް ކުރާން އެބަ މަސައްކަތް ކުރެއެވެ. އެކަން ކުރަނީ އަވަށްޓެރި ބައެއް ޤައުމުތަކާއެކު އެއްބާރުލުމުގެ ނަމުގައެވެ." ވާންގް ވިދާޅުވިއެވެ. "ތިބާ އަންނަނީ ސުލްޙައަށް ޓަކައި ނަމަ އަދި އެއްބާރުލުމަށް ޓަކައިނަމަ އަހުރެމެން ތިބާއަށް މަރްޙަބާ ކިޔާނަމެވެ. އެހެނަސް ތިބާ އަންނަނީ ގަޑުބަޑު އުފައްދަން ކަމުގައިވާ ނަމަ އަހުރެމެން ބުނާނީ ތިބާ އަވަހަށް ބޭރަށް ދާށެވެ."
ޗައިނާގެ ވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު އެމެރިކާގެ ނަމެއް ބޭނުމެއް ނުކުރައްވައެވެ. އެހެނަސް މި ސަރަޙައްދަށް ވަންނަ ބޭރުގެ ބާރަކީ އެމެރިކާއެވެ. އެމެރިކާ ދެކުނު ޗައިނާ ކަނޑަށް ވަންނަނީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއޭ ކިޔައިފައެވެ. ޗައިނާ ބުނާގޮތުގައި ދެކުނު ޗައިނާ ކަނޑަކީ މުޅިން ކަހަލަ ގޮތަކަށް އެ ޤައުމުގެ ތަނެކެވެ. އެހެނަސް ބުރޫނާއިއާއި މެލޭޝިޔާއާއި ފިލިޕީންސާއި ވިއެޓްނާމާއި ތައިވާން ބުނާގޮތުގައި އެ ކަނޑުގައި އެ ޤައުމުތަކުގެ ސަރަޙައްދުތައް ހިމެނެއެވެ.



advertisment