...

Support Us

އަނެއްކާ ވެސް މިނިވަން ދުވަހުގެ ނަމުގައި ދުވަހެއް ދެކެނީއެވެ.

ރާއްޖެ އަނެއްކާ ވެސް މިނިވަން ދުވަހުގެ ނަމުގައި ދުވަހެއް ދެކެނީއެވެ. ޑިމޮކްރަސީ ކަމަށް ބުނާ ވެރިކަން ހިންގުމުގެ ނިޒާމެއްގައި ދިވެހީން ކުރަމުން މި ދާ ދަތުރުގައި ރާއްޖޭގެ މިނިވަންކަން މި ވަގުތު ދިވެހީން އަތުގައި މި އޮތީ ރޭލުގައި އެ އިން މީހާގެ އަތުގައި އޮތް ކަރާ އެ އޮތް ފަދައިންނެވެ. އެ ކަރާގެ މައްޗަށް އޭނާގެ ފުރިހަމަ ބާރެއް ނުފޯރައެވެ. ފޯރުވޭކަށް ނުވެސް ނެތެވެ. އެއީ އެހެން މީހަކު އަތަށް ލައިދިން ގޮތަކަށް އޮތް އެއްޗެކެވެ. އެ މީހާ އެ އަތުލިޔަސް ދެއްކޭނެ ބާރެއް ކުރެވޭނެ ދިފާޢެއް ނެތެވެ. އޭނާ ބުނި ގޮތަކަށް ބުނި އަރިޔަކަށް ހިފަހައްޓައިލައިގެން އިންނަންވީއެވެ. ރޭލު ފުރައި ދަތުރުވެރީން ތިއްބަސް، އެ ރޭލަށް މި ފަދަ ފޮނިމޭވާ އެތެރެކުރެވިއްޖެ ނަމަ، އޭގެ ރާޙަތު ކުރާނީ ހަމަ އެ މީހުނަށް ކަމަށް ވިޔަސް، އެ މީހުންގެ ފިކުރެއް ޚިޔާލެއް މި މަންޒަރަކަށް ނެތެވެ. އެ މީހުންތެރޭ ތިބީ ގަދަޔަށް ނިދާ ބަޔަކާއި، ނިދިފައި ތިބި މީހުންނަށް އެކި ލޮލުން ބަލައި ގޯނާކުރާ ބަޔަކާއި އޭތިމީތި ކައި ބޮއި ނަށައި ލަވަކިޔާ ބަޔަކާއި ކޮއްޕައި ގަޅުވައި ޒުވާބުކޮށް އަރާރުންވާ ބައެކެވެ. މީހުންގެ ޖީބުކަނޑައި ފައިސާކޮޅު ދަމައިގަނެ އަންހެނުންނާއި ކުޑަކުދީންގެ ކަރުގިލޭ ފޭރި ލޫޓުވާ ބަޔަކު ވެސް ތިބޫއެވެ.

ކަރާ އެ އޮތީ ވެސް ހަމަ އެ މީހުންގެ ތެރޭ ހިމެނޭ އެ މީހުންގެ މީހެއްގެ އަތުގައެވެ. އެހެނީ ހަމަ މި ރޭލުގެ ދަތުރުވެރިއެއްގެ އަތުގައެވެ.

ރޭލު ދަތުރުކުރަމުންދަނީ އޭގެ ޑްރައިވަރަށް އަންގައިފައިވާ މަގުމަގުންނެވެ. ދައްކައިފައިވާ އަމާޒަށެވެ. އެ ތަނަކަށް މި އެންމެން ގޮވައިގެން އޭނާ ދާނެއެވެ.

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދު މެ ލަހައްޓަވާށިއެވެ.

ނޯޓު: މި ގޮތަށް ތަސްވީރު ދޭހަކޮށް ވާހަކަ ކިޔައިދެއްވާތީ (ދިވެހި އަދަބިއްޔާތުގެ ތެރެއިން) އަޅުގަނޑު އެންމެ ފުރަތަމަ ދުށީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމެވެ. އެއީ އޭނާގެ އެފްބީންނެވެ. މި ލިޔުންކޮޅަކީ އޭނާގެ އެ މަސައްކަތުން އިލްހާމު ލިބިގަނެގެން އަޅުގަނޑު ލިޔުނުލިޔުމެކެވެ. އަޅުގަނޑުގެ ފުރަތަމަ ދޭހައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *