Support Us

އިސްރާއީލުގެ ޗެނެލް 13ގެ ރިޕޯޓަރު ޖެލް ތަމާރީ

މައްކާއަށް ވަގަށް ވަން އިސްރާއީލުގެ ޣައިރު މުސްލިމު ނޫސްވެރިޔާއަށް އެހީވެދިން ސުޢޫދީ މީހާ ހައްޔަރުކޮށްފި

މައްކާއަށް ޣައިރު މުސްލިމުން ނުވައްދަން ﷲ ސުބްޙާނަހޫ ވަ ތަޢަލާ އަންގަވައިފައިވާ އަމުރުފުޅާއި ސުޢޫދީ ޤާނޫނުތަކާ ޚިލާފަށް މައްކާއަށް ވަގަށް ވަން އިސްރާއީލުގެ ޗެނެލް 13ގެ ނޫސްވެރިޔާއަށް މައްކާއަށް ވަނުމަށް އެހީވެދިން ސުޢޫދީ މީހާ ހައްޔަރުކޮށް އެ މަސްއަލަ ބެލުމަށް ސުޢޫދީ ޕްރޮސިކިޔުޓަރ ޖެނެރަލާ ޙަވާލުކޮށްފިއެވެ. އެމެރިކާގެ ޕާސްޕޯޓެއްގައި މައްކާއަށް ވަގަށް ވަން މީހާ ވަދެފައިވަނީ މުސްލިމުން ވަންނަ މަގުންނެވެ.

ސުޢޫދީ ޢާންމު އަމްނާ ބެހޭ އިދާރާ ބުނާގޮތުގައި މައްކާގެ ފުލުހުން މި މީހާއަށް އެހީވެ ދިން ސުޢޫދީ މީހާ ހައްޔަރުކޮށް އޭނާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާ ޙަވާލު ކުރިކަން އިޢުލާން ކުރީ އިއްޔެއެވެ. މައްކާއަށް ޣައިރު މުސްލިމުން ވަނުމަކީ ސުޢޫދީ ޢަރަބިއްޔާގައި ޢަމަލު ކުރަމުންދާ ޤާނޫނާއި ޤަވާޢިދާ މުޅިން ޚިލާފު ކަމެއް ކަމަށް ސުޢޫދީން ބުންޏެވެ. ސުޢޫދީން ބުނާގޮތުގައި އިސްރާއީލުގެ މި މީހާއާ ދެކޮޅަށް އެ ޤައުމުން ފިޔަވަޅު އަޅާނެއެވެ.
ސުޢޫދީ ޢާންމު އަމްނާ ބެހޭ އިދާރާއިން ނެރުނު ބަޔާނުގައި ޤާނޫނާއި ޤަވާޢިދަށް އިޙްތިރާމު ކުރުމަށް، ޚާއްޞަކޮށް ދެ ޙަރަންފުޅާއި މުޤައްދަސް މަޝާޢިރުތަކާ ބެހޭ ކަންކަމުގައި ޢަމަލު ކުރެވެމުންދާ ޤާވާޢިދުތަކަށް ހުރިހާ އެންމެން ވެސް ޢަމަލު ކުރުމަށް ގޮވައިލައިފައި ވެއެވެ. މިފަދަ ކަންކަމުގައި ޤަވާޢިދާ ޚިލާފުވުމަކީ އެކަމަށް ލުއިނުދެވޭނެ ޖަރީމާއެއް ކަމަށް ވެސް ސުޢޫދީން ބުނެފައި ވެއެވެ.

އިސްރާއީލުގެ ޗެނެލް 13ގެ ރިޕޯޓަރު ޖެލް ތަމާރީ މި މަހު 18ވަނަ ދުވަހު އޭނާ މައްކާގެ ޙުރްމަތް ކަނޑައި އެ މުޤައްދަސް ބިމަށް ވަންގޮތުގެ ތަފްޞީލުތައް ހާމަކޮށްފައި ވެއެވެ. އޭނާ މައްކާގެ މަގުތަކުގައި ބުރު ޖަހައި މައްކާގެ ޙަރަންފުޅު ކައިރިއަށް ގޮސް އެތައް ފޮޓޯތަކެއް ނަގައިފައި ވެއެވެ.

އިސްރާއީލުގެ ރިޕޯޓަރު ބުނިގޮތުގައި އޭނާއަށް މައްކާއަށް ވަދެވުނީ ސުޢޫދީ ގައިޑެއްގެ އެހީގައެވެ. އޭނާ މައްކާއަށް ވަނީ މި ގައިޑްގެ ކާރުގައެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ އިސްރާއީލުގެ ނޫސްވެރިއެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އޭނާއަކީ އެމެރިކާ މީހެއް ކަމަށް ބުނެ ސުޢޫދީ ގައިޑަށް އޮޅުވައިލި ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލުގެ ޗެނެލް 13 ޓީވީން މި ޚަބަރު ފެތރުމާއެކު މީސް މީޑިޔާގައި މުސްލިމުން އެކަމާ ދެކޮޅަށް އިޙްތިޖާޖުތައް ޓްވީޓްކުރަން ފެށުމުން މި ޗެނެލުން އެކަމަށް މާފަށް އެދުނެވެ.

މި ޗެނެލް ބުނިގޮތުގައި އެ ޓީވީގެ ބޭރާ ބެހޭ އެޑިޓަރު މައްކާއަށް ދިޔަދިޔުމަކީ މުސްލިމުންގެ ޝުޢޫރުތަކަށް ގޯނާކުރުމުގެ ގަސްތުގައި ކުރިކަމެއް ނޫނެވެ. މާތްﷲގެ އަމުރުފުޅާ ދެކޮޅަށް އިސްރާއީލުގެ ނޫސްވެރިޔާ މި ޖަރީމާ ހިންގުމަށް ފަހު މިއީ މުސްލިމުންނާ ދެކޮޅަށް ކުރި ކަމެއްނޫނޭ ބުނުމުން މުސްލިމުން އިސްރާއީލުގެ މި ޓީވީގެ ބަސް ޤަބޫލު ކުރާނެ ބާވައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *