Support Us

ތެލާ ބެހޭގޮތުން ޕޫޓިނާއި ބިން ސަލްމާން ފޯނުން މަޝްވަރާކުރައްވައިފި

ރޫސީ ރައީސް ޕޫޓީން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ރޭ ފޯނުން ގުޅުއްވާ އޯޕެކް+ ގެ ގިއުގަނޑު ތެރޭގައި އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މި ދެ ބޭފުޅުން ފޯނުން މި ބައްދަލު ކުރެއްވީ އެމެރިކާގެ ރައީސް ބައިޑްނާއި ވަލީޢަހްދު ބައްދަލު ކުރެއްވިތާ އެންމެ ހަ ދުވަސް ފަހުންނެވެ.

ކްރެމްލިނުން ރޭ ނެރުނު ބަޔާން ބުނާގޮތުގައި ޕޫޓިނާއި ބިން ސަލްމާން ބަޙުސްކުރެއްވީ ބައިނަލްއަޤްވާމީ ތެލުގެ ބާޒާރާ ބެހޭގޮތުންނެވެ. އޯޕެކް+ގެ ގިއުގަނޑު ތެރޭގައި އެއްބާރުލުން ވަރުގަދަކުރުމުގެ އަހައްމިޔަތާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ކްރެމްލިންގެ ބަޔާން ކުރިއަށް ގެންދަމުން ބުންޏެވެ. "ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރުގެ ހަމަޖެހުމަށާއި ތަވާޒުނު ރައްކައުތެރިކުރުމަށް ޓަކައި މި ޖަމާޢަތުގައި ބައިވެރިވާ ޤައުމުތަކުން ކަށަވެތިވެފައިވާ ކަށަވެތިވުމަށް ވަފާތެރިވަމުންދާކަން ފާހަގަކުރަމެވެ."

އޯޕެކް+ގައި ހިމެނެނީ އޯޕެކް ޤައުމުތަކާއި މި ޖަމާޢަތުގައި ނުހިމެނޭ އެހެނަސް ތެޔޮ އުފައްދާ ބައެއް ޤައުމުތަކެވެ. މި ޤައުމުތަކުގެ ތެރޭގައި އެންމެ މުހިއްމު ޤައުމަކީ ރަޝިޔާއެވެ.

ކްރެމްލިނުން ބުނިގޮތުގައި ދެ ޒަޢީމުން ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ފުޅައުކުރުމާ ބެހޭގޮތުންނާއި ސޫރިޔާގެ ޙާލަތާ ބެހޭގޮތުން  މަޝްވަރާކުރެއްވިއެވެ.

ސުޢޫދީ ޢަރަބިއްޔާ އަންނަނީ ރަޝިޔާއާ ކައިރިވަމުން

އެމެރިކާގެ ރައީސް ޖޯ ބައިޑްން ޖިއްދާއަށް ވަޑައިގަތުމުގެ ކުރިން ސުޢޫދީ ބައެއް މަސްއޫލުވެރީން ވިދާޅުވި ގޮތުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ސުޢޫދީ ޢަރަބިއްޔާ މިއަދު ވަނީ މީގެ ކުރިން ރަޝިޔާއާ އެކު ގުޅުންތައް ބަދަހިކޮށްފައިނުވާ މިންވަރަށް ގުޅުންތައް ބަދަހިކޮށްފައެވެ. މޮސްކޯއާ ދުރަށް ޖެހި ވޮޝިންގްޓަން އެދޭ ގޮތަށް ތެޔޮ އުފެއްދުން އިތުރު ކުރާން ރިޔާޟު ގަސްތެއް ނުކުރެއެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ސުޢޫދީ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އޯޕެކް+ގެ އެއްބަސްވުންތަކާ ރިޔާޟް ޚިލާފެއް ނުވާނެއެވެ. ތެލުގެ މަސްއަލަތަކުގައި ރިޔާޟުގެ ސިޔާސަތު ބިނާވެފައިވަނީ އޯޕެކް+ އާ މަޝްވަރާކޮށްގެން ފިޔަވަޅުތައް އެޅުމަށެވެ.

ސުޢޫދިޔާއާއި ރަޝިޔާ ބުނާގޮތުގައި އެ ދެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ ބިންގަލަކީ އޯޕެކް+ ގެ ނިންމުންތަކެވެ. އެ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ވުނަކުރުމުގެ މައިދާނުގައި އެއްބާރުލުން އިތުރު ކުރުމަށް އެ ދެ ޤައުމުން ވެސް އޮތީ ރާވައިފައެވެ.

ސުޢޫދީ ޢަރަބިއްޔާ ދެކޭގޮތުގައި ރަޝިޔާއާއެކު އެއްބާރުލުމަކީ ތެޔޮ އުފެއްދުމުގައި ރިޔާޟަށް އުފުއްލަންޖެހޭ ބުރަ ލުއިކޮށްދޭ ކަމެކެވެ.

މި ހުސްވި މަހު ތެޔޮ އުފެއްދުން ރިޔާޟުން އިތުރުކޮށްފައިވާތީ އެމެރިކާއިން ވަނީ އެކަމަށް މަރްޙަބާ ކިޔައިފައެވެ. އެހެނަސް އެމެރިކާގެ ވޯލް ސްޓްރީޓް ބުނާގޮތުގައި ރަޝިޔާއާއި ސުޢޫދިޔާ ވަނީ އެކަމަށް ސިއްރުން އެއްބަސްވެފައެވެ. ރަޝިޔާއިން ސުޢޫދީ ޢަރަބިއްޔާއަށް އެކަމަށް ފެހި އަލި ދިނީ ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން  ތެޔޮ އުފެއްދުން މަދުކޮށްފައިވާތީއެވެ. ހަމަ އެފަދައިން ސުޢޫދީން ވަނީ އާދަކޮށް ރަޝިޔާއިން ތެޔޮ ގަންނަ ފަރާތްތަކަށް ތެޔޮ ނުވިއްކުމަށް ވެސް އެއްބަސްވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *