Support Us

އީރާނުގެ ރައީސް އިބްރާހީމު ރައީސީ އާއި ރަޝިޔާގެ ރައީސް ޕޫޓިން (ވ)

ސޫރިޔާއިން އެމެރިކާ ފައިބާން ޠަހަރާން ސަމިޓުން ގޮވައިލައިފި

ސޫރިޔާގެ ފުރާތު ކޯރުގެ އިރުމަތީގައި އެމެރިކާ އޮތްއޮތުމަކީ "ޤަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް" އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ. އޭނާ އެމެރިކާއަށް ސޫރިޔާއިން ފޭބުމަށް ގޮވައިލެއްވިއެވެ.

ރައީސް އިބްރާހީމު ރައީސީ މިކަމަށް ގޮވައިލެއްވީ ޠަހަރާނުގައި އިއްޔެ ބޭއްވުނު އީރާން- ރަޝިޔާ- ތުރްކީ ޒަޢީމުންގެ "އާސްތާނާ މަގު" ސަމިޓް ނިމުމުން ބޭއްވުނު ގުޅިފައިވާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުތުރު ސޫރިޔާގައި އެމެރިކާ އޮތް އޮތުން ބަލައެއް ނުގަނެވޭނެ

ރައީސީ ވިދާޅުވި ގޮތުގައި ތިން ރައީސުން މި ސަމިޓްގައި ކަށަވަރުކޮށް ދެއްވި ގޮތުގައި ސޫރިޔާގެ ބިންތައް ބައިބައެއް ނުކުރެވޭނެއެވެ. އެ ބިންތައް އެއް ދައުލަތެއްގެ ގޮތުގައި ޤާނޫނީ ބާރާއި ސިޔާދަތު ލިބިގެން ދެމެހެއްޓެން ޖެހޭނެއެވެ.

ރައީސީ ވިދާޅުވި ގޮތުގައި ތިން ރައީސުން ސޫރިޔާގެ ބިމުގެ ސިޔާދަތު ކަށަވަރުކޮށް ދެއްވިއެވެ. ސޫރިޔާގެ ހުރިހާ ބިންތަކެއް އޮންނަން ޖެހޭނީ ސޫރިޔާގެ ޤާނޫނީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެމެރިކާގެ ޢަސްކަރީ ބާރުތައް ސޫރިޔާގައި އޮތްއޮތުން ޤަބޫލު ނުކުރެވޭނެ ކަމަށާއި އެ ބާރުތައް ސޫރިޔާއިން ފައބަން ޖެހޭނެކަމަށް ތިން ރައީސުން އެއްބަސްވެ ވަޑައިގަތެވެ.

ސޫރިޔާގެ މަސްއަލައާ ބެހޭގޮތުން އެއްބަސްވެފައިވާ އާސްތާނާ މަގާ ބެހޭ ތިންވަނަ ސަމިޓް ރަޝިޔާގައި ބޭއްވުމަށް ރައީސް ޕޫޓިން ސަމިޓަށް ހުށައެޅުއްވިއެވެ.މި ހުށައެޅުއްވުމަށް ރައީސް އުރްދުގާނާއި ރައީސް އިބްރާހީމު ރައީސީ ތާއީދު ކުރައްވާ ޝުކްރު އަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި މި ސަރަޙައްދާ ކުރިމަތިވެފައިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ނުރައްކަލާ ބެހޭގޮތުންނާއި ސޫރިޔާގެ ބިން ދޫކޮށް ގޮސްފައިވާ މީހުންނަށް އެމީހުންގެ ގެދޮރަށް އެނބުރި އާދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ޓަކައި ފިޔަވަޅު އެޅުމާ ބެހޭގޮތުން ބަޙުސް ކުރެވޭނެއެވެ.

ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ކުރިމަގުގައި ރަޝިޔާއާއި ތުރްކީއާއި އީރާނު ގުޅިގެން ސޫރިޔާ ފައިލާ ބެހޭ ހުރިހާ ފަރާތްތަކެއް ޝާމިލުކޮށް ވާހަކަދެއްކުންތައް ބޭއްވޭނެއެވެ. އަދި މިކަމަށް ބޭނުންވާ އިޖްރާއާތުތައް ހަރުދަނާ ކުރެވޭނެއެވެ. ޕޫޓިން ސިފަކުރެއްވި ގޮތުގައި ސޫރިޔާގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި ރަޝިޔާއާއި ތުރްކީއާއި އީރާނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މޭވާ ރަނގަޅު ކުރުންތެރި ޢަމަލީ މަސައްކަތްތަކެއް ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރޫސީ ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ސޫރިޔާގެ މަސްއަލަ ޙައްލު ކުރެވޭނީ ސިޔާސީ މަގުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސޫރިޔާގައި އޮތް ނިރުބަވެރި ހުރިހާ ޖަމާޢަތްތަކެއް ނައްތައިލެވެން ޖެހޭނެއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެންމެ ނުރައްކާތެރި ނިރުބަވެރި ޖަމާޢަތަކީ ދާޢިޝް ޖަމާޢަތެވެ.

ރޫސީ– ތުރްކީ ގުޅުންތައް ދަނީ ތަރައްޤީވަމުން

ރޫސީ– ތުރްކީ ގުޅުންތަކާ ބެހޭގޮތުން ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އެ ގުޅުންތައް އަންނަނީ ހުރިހާ މައިދާންތަކެއްގައި ހެދި ބޮޑުވަމުންނެވެ. އެއީ ވަރަށް ޙަޔަވީކަމާއެކު ތަރައްޤީވަމުން އަންނަ ގުޅުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހުރަސްއަޅާ ބަޔަކު ތިއްބަސް އެ ގުޅުން ކުރިއެރުމަށް ހުރަސްނޭޅެނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރައީސް ޕޫޓިން ހާމަކުރެއްވިގޮތުގައި ރަޝިޔާއާ އީރާނާ ދެމެދުގައި ބަދަލު ކުރެވޭ ވިޔާފާރީގެ މުޢާމަލާތުތައް ކުރިމަގުގައި ކުރާނީ އެ ދެ ޤައުމުގެ ފައިސާއިންނެވެ.

ތުރްކީގެ ރައީސް އުރްދުގާން ހާމަކުރެއްވި ގޮތުގައި ސޫރިޔާއިން ނިރުބަވެރި ޙަރަކާތްތަކުގެ މޫތައް ލުހެލުމަށް އަންކަރާއިން ވަނީ ޢަޒްމު ކަނޑައަޅައިފައެވެ. މި ކަމުގައި ރަޝިޔާއާއި އީރާނުގެ އެހީ ތުރްކީއަށް ބޭނުންވާ ކަމަށާއި އެ ދެ ޤައުމުގެ އެހީ ލިބޭނެކަމުގެ ކަށަވަރުކަން ރައީސް ޕޫޓިނާއި ރައީސް އިބްރާހީމު ރައީސީ ދެއްވިކަމަށް އުރްދުގާން ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޫރިޔާގެ މަންބަޖު ސަހަރާއި ތައްލު ރިފްޢަތު ސަހަރަކީ ނިރުބަވެރީންގެ ހާއްޔެކެވެ. އެ ދެ ހާލި ތާހިރު ކުރަން ޖެހިފައިވާ ކަމަށް އުރްދުގާން ވިދާޅުވިއެވެ.

ސޫރިޔާގެ މަސްއަލަ އދ ގެ ސަލާމަތީ މަޖިލީހުގެ 2254ވަނަ ޤާރާރާ އެއްގޮތްވާ ގޮތުގެ މަތިން ޙައްލުވެގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އުރްދުގާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ނިރުބަވެރި ޖަމާޢަތްތަކެއް ކަމުގައިވާ ޕީކޭކޭ ޖަމާޢަތާއި ވައި ޕީ ޖޭ ޖަމާޢަތާއި ޕީ ވައި ޑީ ޖަމާޢަތްތައް ސޫރިޔާގައި ނިރުބަވެރި ޙަރަކާތްތައް ހިންގަމުން ދަނީ ބޭރުގެ އެހީ ލިބިގެންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *