Support Us

ރަޝިޔާއާއި އީރާނުން 40 ބިލިއަން ޑޮލަރުގެ ވުނަކުރުމަކަށް

އީރާނުގައި މިއަދު ބޭއްވުނު އީރާން- ރޫސީ- ތުރްކީ ސަމިޓަށްފަހު ހަކަތަޔާއި ގޭހުގެ މައިދާނުގައި 40 ބިލިއަން ޑޮލަރުގެ ވުނަކުރުމުގެ މަޝްރޫޢެއް ހިންގުމާބެހޭ ފަހްމުނާމާއެއްގައި ރަޝިޔާއާއި އީރާނުން ސޮއިކޮށްފިއެވެ.

އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ބުނިގޮތުގައި މި އެއްބަސްވުމުގައި އީރާނުގެ ފަރާތުން ސޮއިކުރެއްވީ އީރާނުގެ ތެލާ ބެހޭ ޤައުމީ ކުންފުނީގެ ޑިރެކްޓަރު މުޙްސިން ޚަޖްސްތާއާއި ރަޝިޔާ ގޭސްޕްރޯމް ކުންފުނީގެ ތަންފީޒީ ރައީސްގެ ނައިބު ވެޓާލީ މަރްކުލޯވެވެ. އީރާނުގެ ޝާނާ ނޫސް އޭޖެންސީ ބުނިގޮތުގައި މިއީ ތެލާ ބެހޭގޮތުން ބޭރުގެ ޤައުމަކާއެކު އެއްބަސްވެވުނު އެންމެ ބޮޑު އެއްބަސްވުމެވެ. އީރާނުގެ ތެލާ ބެހޭ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި މި ފަހްމުނާމާގެ ގިޔުގަނޑުގެ ތެރޭގައި ގޭސްޕްރޯމުން ފާރިސްގެ އުތުރު ސަރަޙައްދާއި ގަލްފްގެ ކީޝް ޖަޒީރާގައި ތެޔޮ ބިންތައް ތަރައްޤީ ކުރުމަށާއި ޠަބީޢީ ދިޔާ ގޭހާ ބެހޭ މަޝްރޫޢުތައް ހިންގުމަށް ޓަކައި އެތައް ދިހަ ބިލިއަން ޑޮލަރުތަކެއް ހޭދަކުރާނެއެވެ.

މި ފަހްމުނާމާގައި ހިމެނޭ މުހިއްމު ނާރެސްތައް ބުނާގޮތުގައި ރަޝިޔާއިން ތެޔޮ ދަނޑު ތަރައްޤީ ކުރާނެއެވެ. އަދި ގޭހާއި ގޭހުގެ ތަފާތު އުފެއްދުންތައް ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރާނެއެވެ. މީގެ އިތުރަށް ގޭސް ބޭރު ކުރުމަށް ޓަކައި ހޮޅީގެ ވިއުގައެއް ޤާއިމު ކުރާނެއެވެ. އަދި ސައެންސާއި ފަންނިއްޔާތުގެ ތަފާތު މައިދާންތަކުގައި އެއްބާރުލުން ޤާއިމު ކުރާނެއެވެ.

ދުނިޔެއަށް ބަލާއިރު ރަޝިޔާއަށް ފަހު ގޭހުގެ އެންމެ ބޮޑު ރިޒަވެއް ލިބިފައިވާ ޤައުމަކީ އީރާނެވެ. އެހެނަސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ވަނީ މި ޞިނާޢަތަށް ބޭނުންވާ ސާމާނާއި ފަންނިއްޔާތު ލިބުން ދަތިވެ މި މަސައްކަތް ކުރުން ތަތްވެފައެވެ.

ޕޫޓިންގެ ދަތުރުފުޅު ވަރަށް ޚާއްޞަ

ރޫސީ ރައީސް ޠަހަރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އީރާނުން ވަނީ ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދީފައެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު މޮސްކޯއިން ދަނީ ދުނިޔޭގެ ތެލުގެ ބާޒާރު މޮސްކޯއިން އެދޭގޮތަށް ބައްޓަންކުރަމުންނެވެ. މި ކަމުގެ ސަބަބުން ތެލާއި ގޭހުގެ އަގު ދަނީ މަތިވަމުންނެވެ. ލާދައިގެ މިންވަރު ދަނީ އުފުލެމުންނެވެ.

ޕުޓީން އާޔަތުﷲ ޚާމަނައީއާ ބައްދަލު ކުރައްވާނެ

އަނެއްކޮޅުން އީރާން ބުނާގޮތުގައި ޕޫޓިން ޠަހަރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީރާނުގެ އެންމެ އިސް ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީއާ ބައްދަލު ކުރައްވާނެއެވެ. މިއީ ރައީސް ޕޫޓިން ޚާމަނައީއާ ބައްދަލު ކުރައްވާ ފަސްވަނަ ފަހަރެވެ. ޕޫޓިންގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު އޮޝްކޯވް ވިދާޅުވާ ގޮތުގައި "ޚާމަނައީއާ ބައްދަލު ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައިނަލްއަޤްވާމީ އަދި ދޭދޭ މަސްއަލަތަކުގައި އެ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް އިތުބާރު ކުރައްވައެވެ. ވަރަށް ގިނަ މަސްއަލަތަކުގައި ދެ ބޭފުޅުންގެ ޚިޔާލު ވެސް ވަރަށް އެއްގޮތެވެ."

އިރުމައްޗާ ދިމާއަށް ލެނބުން

ރައީސް ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ޢަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ރަޝިޔާގެ އިޤްތިޞާދު ވާކޮށްލުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ހަނގުރާމައެއް އިޢުލާން ކުރުމެވެ. މިކަމާހެދި ރަޝިޔާއިން މިހާރު ދަނީ ހުޅަނގަށް ފުރަގަސްދެމުންނެވެ. އޭގެ ބަދަލުގައި މޮސްކޯ ވަނީ ޗައިނާއަށާއި އިންޑިޔާއަށާއި އީރާނާ ދިމާއަށް ލެނބެން ފަށައިފައެވެ.
ރައީސް ޕޫޓިން އީރާނަށް މި ވަޑައިގެންނެވީ އީރާނާ ދެކޮޅަށް ގަލްފްގެ ޤައުމުތައް "ހައްލައިލެއްވުމަށް" އެމެރިކާގެ ރައީސް ބައިޑްން ކުރެއްވި ދަތުރުފުޅު ނިމުނުތާ ހަތަރު ދުވަސް ފަހުންނެވެ.

އިރާނާ ރަޝިޔާއަކީ ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާ ދެ ޤައުމުކަމުން ޠަހަރާނާއެކު ގުޅުންތައް ބަދަހި ކުރެއްވުމަށް ރައީސް ޕޫޓިން ވަރަށް އިސްކަން ދެއްވައެވެ. އިސްލާމީ ޖުމްހޫރިއްޔަތެއް 1979ގައި ޤާއިމުކުރި ފަހުން އީރާނަކީ އެމެރިކާގެ ދުޝްމަނެކެވެ.

ރައީސް ޕޫޓިން ޠަހަރާނަށް ފުރައިވަޑައިގަތުމުގެ ކުރިން ޕޫޓިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވި ގޮތުގައި އީރާނާއި ރަޝިޔާއަކީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަޙައްމުލު ކުރަމުންދާ ދެ ޤައުމެވެ. އޭނާ ވިދާޅުވިއެވެ. "މިއީ ސިޔާދަތުގެ އަގެވެ."

ޠަހަރާނަށް ރަނުގެ ފުރްޞަތެއް

އިރާނު ދެކޭގޮތުގައި އެމެރިކާއިން ގަލްފްގެ ޤައުމުތަކާއި އިސްރާއީލާއެކު ޤާއިމު ކުރަމުންދާ އެއްބާރުލުންތައް ތަވާޒުނު ކުރެވޭނީ މޮސްކޯއާއެކު ގުޅުންތައް ބަދަހިކޮށްގެންނެވެ.

އީރާނުގެ އިސް މަސްއޫލުވެރިއަކު ނަން ހާމަ ނުކުރުން ޝަރްޠުކުރައްވާ ރޮއިޓަރޒަށް ވިދާޅުވި ގޮތުގައި "އީރާނަށް ބާރުގަދަ ބައިވެރިއަކު ބޭނުން ވެއެވެ. މޮސްކޯއަކީ ދުނިޔޭގައި ބޮޑު ބާރެކެވެ."

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާ ވަގުތެއްގައި ރަޝިޔާގެ އެހީގައި އީރާނަށް ވެސް ހުޅަނގަށް ފިއްތުންތައް އިތުރު ކުރެވޭނެ ކަމަށް ޠަހަރާން ދެކެއެވެ. އެހެނަސް ޗައިނާއިން ރަޝިޔާގެ ތެޔޮ ގަންނާން ފެށުމުގެ ސަބަބުން އީރާނުގައި އުފައްދާ ތެލަށް ވަނީ މާ ބޮޑު އިތުރުކަމެއް ނައިސް ދުވެލި މަޑުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *