ޚިޔާނާތުގެ އެތައް މަސްއަލަތަކަކާ ގުޅުން ހުރި ކަމަށް ބައްލަވައި ޔުކްރޭންގެ ޖާސޫސީ އޭޖެންސީގެ ވެރިޔާއާއި ޕްރޮސިކިޔުޓަރ ޖެނެރަލް މަޤާމުން ވަކިކޮށްފިއެވެ.
ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ފަސްދޮޅަހަކަށް މުވައްޒަފުން ރޫސީންނާ ގުޅިގެން ޔުކްރޭނާ ދެކޮޅަށް އެބަ މަސައްކަތް ކުރެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މީހުން މަސައްކަތް ކުރަމުން ދަނީ ރަޝިޔާއިން ހިފައިފައިވާ ޔުކްރޭންގެ ސަރަޙައްދުތަކުގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއާއެކު އެއްބާރުލުމާއި ޚިޔާނާތުގެ 651 މަސްއަލައެއް މިހާރު ދަނީ ބަލައި ތަޙްޤީޤު ކުރަމުންނެވެ.
ވަޒީފާއިން ވަކިކުރި އިވާން ބަކަނޯވާއި އިރިނާ ވެނެޑިކްޓޯވާ މި ތުހްމަތުތަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރައްވައިފައިނުވާ ކަމަށް ބީބީސީ ބުނެއެވެ. އެހެނަސް ޒިލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ އެންޑްރީ ސްމިރްނޯވް ޔުކްރޭން ޓީވީގައި ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން މަޤާމުން އަދި ވަތްކެއް ނުކުރެވެއެވެ. ވަގުތީގޮތުން ވަނީ ވަޒީފާއަށް ނުކުމެވަޑައިގަތުން މަނާކުރެވިފައެވެ.
ޖާސޫސީ އޭޖެންސީގެ ވެރިޔާ އިވާން ބަކަނޯވަކީ ރައީސް ޒިލެންސްކީގެ ތުއްޕުޅުއިރުގެ ރަޙްމަތްތެރިއެކެވެ. ސްމިރްނޯވް ވިދާޅުވި ގޮތުގައި ދުޝްމަނު ޤައުމަކާއެކު މި ދެ ބޭފުޅުންނާއި މި ދެބޭފުޅުންގެ ބާރުގެ ދަށުގައި އޮތް ދެ އިދާރާއަކުން އެއްބާރުލުމަކީ ވަރަށް ނާޒުކު ވަރަށް ޙައްސާސް މަސްއަލައެކެވެ.
ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ އިއްތިޙާދުގެ މަޞްލަޙަތަށް ޓަކައި މަސައްކަތްކޮށްފައިވާ އެންމެންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. ރަޝިޔާއިން ޔުކްރޭންގެ ޖާސޫސީ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހްމަތު ކުރެވެމުންދާތާ އެތައް އަހަރެއް ވެއްޖެ ކަމަށް ބީބީސީ ބުންޏެވެ.



advertisment