Support Us

ޔުކްރޭންގެ ސިފައިންގެ މީހަކު ޑޮނެސްޓްކް ކައިރީގައި

ޔުކްރޭންގެ އިރުމަތީ ސަރަޙައްދަށް ރަޝިޔާއިން ހަމަލާދީ ޢަސްކަރީ ބޯޓުތަކެއް ހަލާކުކޮށްލައިފި

ޔުކްރޭންގެ އިރުމަތީ ސަރަޙައްދަށް ރަޝިޔާއިން ވިސްނުންތޫނު ޢަސްކަރީ ޙަމަލާތަކެއް ދީ އެމެރިކާއިން ދީފައިވާ ރޮކެޓްތަކަކާއި ރޮކެޓް އަރުވާ ހަރުތަކަކާއި ޢަސްކަރީ އެތައް މަތިންދާބޯޓުތަކެއް ހަލާލުކޮށްލައިފި ކަމަށް މޮސްކޯއިން އިޢުލާންކޮށްފިއެވެ. މި ޙަމަލާގެ ސަބަބުން ޔުކްރޭންގެ 200 ސިފައިން މަރުވި ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާން އީގޯރު ކޮނަޝިންކޯވް ނޫސްވެރީންނަށް މިއަދު ހާމަކުރެއްވި ގޮތުގައި މި ޙަމަލާ ދިނީ ޑޮނެޓްސްކް ސަރަޙައްދުގެ ކްރާސްނޯއަރްމިސްކަށެވެ. ރަޝިޔާ ސިފައިން އެއްގަމުގައި ބޭނުންކުރާ ބަރު ހަތިޔާރު ބޭނުންކޮށް ދިން މި ޙަމަލާގައި އެމެރިކާއިން ޔުކްރޭނަށް ދީފައިވާ ހައިމާސް މަރުކާގެ ރޮކެޓްތަކާއި ރޮކެޓް ހަރުތަކާއި ރޮކެޓް އުފުލާ އެތައް އުޅަނދުތަކެއް ހަލާކުކޮށްލިއެވެ.

ކޮނަޝިންކޯވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ އޮޑީސާ ސަހަރަށް ވަރަށް ވަރުގަދަ ވައިގެ ޙަމަލާއެއް ދީ ޔުކްރޭނަށް ނޭޓޯގެ ޤައުމުތަކުން ދީފައިވާ ކަނޑުމަތީ އުޅަނދުފަހަރާ ދެކޮޅަށް ބޭނުންކުރާ ހާޕޫން މިސައިލް ގުދަނަކަށް ޙަމަލާދީ ޞިނާއީ އެކުވެންޏެއްގެ ޢިމާރާތްތަކެއް ހަލާކުކޮށްލެވުނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޚާރކީވް ސަރަޙައްދުގައި އޮތް ޔުކްރޭންގެ 92ވަނަ ފައުޖަށް ޙަމަލާދީ 200 ސިފައިންނާއި އާޓިލަރީ 10 އުޅަނދު ހަލާކުކޮށްލެވުނެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތގައި ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝްވިގޯ ޔުކްރޭންގައި ތިބި ރޫސީ ސިފައިންނަށް ޔުކްރޭން ސިފައިންގެ އަތުގައި ހުރި މިސައިލަތްކާއި ދުރު ރާސްތާ ބަޑިތަކަށް ޙަމަލާދީ އެ ތަކެތި ހަލާކުކޮށްލުމަށް އިސްކަން ދިނުމަށް މިއަދު އަމުރު ކުރައްވައިފިއެވެ. އެއީ މި ހަތިޔާރުތަކުން ޑޮންބަސްގެ ޢާންމުންނަށާއި ދަނޑުބިންތަކަށް ޙަމަލާތައް ދީ ގޮވާންތައް ހަލާކުކުރަމުންދާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުން ދަނީ ޑޮންބާސްގެ ގޮވާން ގުދަންތަކަށް ގަސްތުގައި ޙަމަލާދެމުންނެވެ.

ވެގްނަރ ކުލީ ސިފައިން

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ބުނާގޮތުގައި ހަނގުރާމައިގެ މައިދާނުގައި ކުރީ ސަފުތައް ވަރުގަދަކުރުމަށް ޓަކައި ރަޝިޔާއިން ދަނީ ވެގްނަރ ކުލީ ސިފައިން ބޭނުން ކުރަމުންނެވެ. އިނގިރޭސި ވިލާތުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުގައި ޔުކްރޭންގެ ލޮގާންސްކް ސަރަޙައްދުން ރަޝިޔާ ސިފައިން އެންމެ ފަހުން ހިފި ބުޕަސްނާ އާއި ލިސްޓިޗާންސްކް ހިފާފައި ވަނީ ވެގްނަރ ސިފައިން ބައިވެރިކޮށްގެންނެވެ.

ކުރިއަށް ތައްޔާރުވުން

އަނެއްކޮޅުން ޔުކްރޭންގެ ޖާސޫސީ އިދާރާ ބުނާގޮތުގައި ކުރިއަށް އޮތްތާނގައި ރަޝިޔާއިން ޙަމަލާދޭން ތައްޔާރުވަމުންދަނީ ހަމައެކަނި ވަޔާއި ކަނޑަކުންނޫނެވެ. މީގެ އިތުރަށް ހުރިހާ މައިދާންތަކެއް ޢާންމުވާ ގޮތަށް ޙަމަލާތައް ދިނުމަށް ރަޝިޔާއިން ދަނީ ތައްޔާރުވަމުންނެވެ.

މި މައުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވާ ގޮތުގައި ނޭޓޯއިން ޔުކްރޭނަށް ދޭ ޒަމާނީ ހަތިޔާރުރަތައް މަތީން މޮސްކޯ ހަނދާން ނައްތައެއް ނުލައެވެ. އެއީ މޮސްކޯގެ ލަޑުދަޑިއަކަށް ވާނެކަން ހުޅަނގުން ދަންނާން ވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *