ދުނިޔެ ދަނީ ޖިޔޯ- ސިޔާސީ ބަދަލުތަކަކާ ކުރިމަތިލަމުން ކަމަށް އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައި ވާ ޓޯނީ ބްލެޔަރ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މައްޗަށް މިއަދު އަތްގަދަކޮށްފައި އޮތް ހުޅަނގުގެ ބާރު މި ބަދަލުތަކުގެ ސަބަބުން ވަރަށް އަވަހަށް އޮއްސިގެން ހިނގައިދާނެއެވެ.
ޓޯނީ ބްލެއަރ މި ގޮތަށް ވާހަކަފުޅު ދެއްކެވީ އިނގިރޭސި– އެމެރިކާ ޖަމްޢިއްޔާއެއް ކަމުގައިވާ ޑެޗްލީ މުއައްސަސާއިން އިންތިޒާމު ކުރި ސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސައްތައިގައި ދުނިޔެއަށް ޖިޔޯ ސިޔާސީ އެންމެ ބޮޑު ބަދަލުތަކެއް ގެންނާނެ ޤައުމަކީ ޗައިނާއެވެ. ރަޝިޔާއެއްނޫނެވެ.
ބްލެޔަރ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސިޔާސީ މައިދާނުގައްޔާއި އިޤްތިޞާދީ މައިދާނުގައި ހުޅަނގުން ވެރިކަން ކުރަމުން އައި ޒަމާން ނިމުމަކަށް އަންނާން ވަރަށް ގާތްވެއްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި "ދުނިޔެ ވަރަށް އަވަހަށް ދެ ތަނޑީގެ ނުވަތަ އެތައް ތަނޑިތަކެއްގެ ދުނިޔެއަކަށް ބަދަލުވެގެން ހިނގައިދާނެއެވެ."
އޭނާ ވިދާޅުވިއެވެ. "މިއީ ދުނިޔޭގެ ތާރީޚުގައި އިރުމައްޗަށް ހުޅަނގާއެކު ފައިހަމަކޮށްލެވޭ ފުރަތަމަ ފަހަރެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނަ ބާރެވެ. ޗައިނާގެ އިޤްތިޞާދީ އަރަފޯދުމާއި ދުނިޔޭގެ އިޤްތިޞާދުގައި ޗައިނާ ބައިވެރިވާ މިންވަރު ރަޝިޔާއަށްވުރެ މާ ބޮޑެވެ."
އޭނާ ވިދާޅުވި ގޮތުގައި ޗައިނާ ވަނީ ފަންނިއްޔާތުގެ ވަރަށް ގިނަ މައިދާންތަކެއްގައި އެމެރިކާއާ އަރާހަމަކޮށްފައެވެ. ބައެއް ރޮނގުތަކުގައި ޗައިނާ ވަނީ އެމެރިކާ ޖަހައިލައިފައި ކަމަށް ވެސް ބްލެޔަރ ވިދާޅުވިއެވެ.ބްލެޔަރ ވިދާޅުވި ގޮތުގައި ޗައިނާގެ ޒަޢާމަތުން ފިޔަވަޅުތައް އަޅަމުން ދަނީ ވަރަށް ޢުދްވާނީ ގޮތަކަށެވެ. ހުޅަނގާއެކު މުޢާމަލާތު ކުރަމުންދަނީ ވަރަށް ޤަދަރުކުޑަ ގޮތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ ރަޝިޔާއާއެކު ވަރަށް ގިނަ ކަންތައްތަކެއްގައި އެއްގަލަކަށް އަރަމުންނެވެ. ބްލެޔަރ ވިދާޅުވި ގޮތުގައި ޗައިނާއިން ތައިވާނުގެ މަސްއަލަ ޙައްލުކުރާން ބޭނުން ވެއެވެ.
ބްލެޔަރ ވިދާޅުވިއެވެ. "އަޅުގަނޑު މި ދަންނަވާ އެއްޗެއްގެ މާނަ އޮޅުވައިނުލެއްވުން އެދެމެވެ. ޗައިނާއިން ގަދަ ބާރުން ތައިވާން ހިފާން އުޅޭނެއެކޭ ނުދަންނަވަމެވެ. އެހެނަސް ޗައިނާއިން އެ ގޮތަށް އެކަން ނުކޮށްފާނެ ކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެއެވެ."
ބްލެޔަރ އިޝާރާތް ކުރެއްވި ގޮތުގައި ކުރިމަގުގައި ރަޝިޔާ ނުވަތަ އީރާން ޗައިނާގެ ބައިވެރިއަކަށް ވެގެންދާނެއެވެ. ބްލެޔަރ ވިދާޅުވި ގޮތުގައި ޖީ-20ގެ ބައްދަލުވުމުގައި ޔުކްރޭން މަސްއަލައިގައި ހިނގި ދެބަސްވުންތަކަކީ ހުޅަނގަށް ދެވުނު އިންޒާރެކެވެ.
ޗައިނާއާއެކު ބާރާއި ބައިވެރިވުމުގެ އަސާސުގެ މަތީގައި ގުޅުންތައް ޤާއިމުކުރުމަށް ބްލެޔަރ ގޮވައިލެއްވިއެވެ.
ބްލެޔަރގެ ވާހަކަފުޅުގައި ޗައިނާއާ ވާދަކުރެވޭވަރަށް ޢަސްކަރީ ބާރުތައް ބިނާކޮށް ވަރުގަދަކުރުމަށް ޓަކައި ހޭދަކުރުން އިތުރުކުރުމަށް ހުޅަނގަށް ގޮވައިލެއްވިއެވެ. އަދި ޗައިނާއާއެކު ޙަޤީޤަތާ އެއްގޮތަށް އިޙްތިރާމާއެކު ގުޅުންތައް ޤާއިމު ކުރުމަށް ވެސް ބްލެޔަރ ހުޅަނގަށް ގޮވައިލެއްވިއެވެ.



advertisment