ޖިއްދާގައި 16 ޖުލައިގައި އަރަބި ނުވަ ޤައުމަކާއެކު ރައީސް ބައިޑްން ބައިވެރިވެ ވަޑައިގެންނެވި ސަމިޓުން އަމްނާއި ތެލާ ބެހޭގޮތުން ބޮޑު ކަށަވެތިކަމެއް އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށް ރޮއެޓަރޒުން ޝާއިޢުކުރި ރިޕޯޓެއް ބުނެފިއެވެ.
މި ރިޕޯޓު ބުނާގޮތުގައި މެދުއިރުމަތީގައި އެމެރިކާ ކުރުންތެރި ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ރައީސް ބައިޑްން އަރަބި ޒަޢީމުންނަށް ކަށަވަރުކޮށް ދެއްވިއެވެ. އެހެނަސް އިސްރާއީލު ބައިވެރިކޮށްގެން ސަރަޙައްދީ ސަލާމަތީ ނާރެހެއް ޤާއިމު ކުރުމާ ބެހޭގޮތުންނާއި ވަގުތުން ތެޔޮ އުފެއްދުން އިތުރުކުރުމާ ބެހޭގޮތުން ކަށަވެތިކަމެއް ރައީސް ބައިޑްނަށް ލިބިވަޑައެއް ނުގެންނެވިއެވެ.
ރައީސް ބައިޑްން އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށާއި ޖިއްދާއަށް މި ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަކީ އޭނާއަށް އެމެރިކާގެ ރައީސްކަން ލިބިވަޑައިގެން ފަހުން މެދުއިރުމައްޗަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މަޤްޞަދުތަކުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާއެކު ގުޅުންތައް ހަމަ މަގަށް މިސްރާބުކުރުމާއި ގަލްފް ސަރަޙައްދުގައި އިތުރުވަމުން އަންނަ އީރާނާއި ޗައިނާއާއި ރަޝިޔާގެ ނުފޫޒާ ކުރިމަތިލުމާއި މި ސަރަޙައްދުގައި އެމެރިކާގެ ދައުރު ކަށަވަރުކޮށްދިނުން ވެއެވެ. މީގެ އިތުރަށް އިސްރާއީލަށް ބޭނުންވާ ހުރިހާ ކަމެއް އިސްރާއީލަށް ކޮށްދެއްވާނެކަން ކަށަވަރުކޮށް ދެއްވުން ވެސް މި ދަތުރުފުޅުގެ ލަޑުދަނޑިތަކުގެ ތެރޭގައި ވެއެވެ. ޖުލައި 16ވަނަ ދުވަހު ބޭއްވުނު ޖިއްދާ ސަމިޓްގައި ރައީސް ބައިޑްން މެދުއިރުމައްޗާ ބެހޭގޮތުން ގެންގުޅުއްވާ ތަޞައްވުރު އޭނާ ހާމަކުރެއްވިއެވެ.
ސަމިޓް ބަޔާން ނުސާފު
ރޮއެޓަރޒުން ޝާއިޢު ކުރި ރިޕޯޓު ބުނާގޮތގައި ޖިއްދާ ސަމިޓުން ނެރުނު ބަޔާނަކީ ވަރަށް ނުސާފު ބަޔާނެކެވެ. މި ސަމިޓްގައި ސުޢޫދިޔާއިން ވަނީ ވޮޝިންގްޓަންގެ އުންމީދުތައް ބިލާހަކަށް ހަދައިފައެވެ. އީރާނުގެ ހިރާސްތަކާ ކުރިމަތިލުމަށް ޓަކައި އިސްރާއީލު ބައިވެރިކޮށްގެން ސަރަޙައްދީ ސަލާމަތީ އެއްބާރުލުމެއް ޤާއިމު ކުރުމުގެ މަސްއަލައިގައި އަރަބި ނުވަ ޤައުމުން ވެސް ވަނީ ނުސީދާކޮށް ނޫނެކޭ ބުނެފައެވެ.
އެމެރިކާގެ މަސްއޫލުވެރިއަކު މި ސަމިޓަށްފަހު ވިދާޅުވިގޮތުގައި އިސްރާއީލަކީ މި ސަރަޙައްދުގައި އެންމެ ބާރުގަދަ ޤައުމު ކަމުގައިވާތީ މި ސަރަޙައްދުގެ ސަލާމަތީ ކަންކަމުގައި އިސްރާއީލު ބައިވެރިކުރެވެން ޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން މި މަސްއަލައާމެދު ދެން މަޝްވަރާ ކުރާނީ ދޭދޭ ޤައުމުތަކުގެ މެދުގައެވެ.



advertisment