Support Us

ޖިއްދާ ސަމިޓްގެ ސުރްޚީތައް: ތެލާއި އީރާނާއި މެދުއިރުމަތީގައި އެމެރިކާ ބައިވެރިކުރުން

ގަލްފްގެ ޤައުމުތަކުގެ ޒަޢީމުންނާއި މިޞްރާއި އުރްދުނާއި ޢިރާޤުގެ ޒަޢީމުން ބައިވެރިވެ ވަޑައިގަންނަވާ ޖިއްދާ ސަމިޓް އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ބައިވެރިވެ ވަޑައިގަތުމާއެކު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބޭއްވިއްޖެއެވެ.

ޖިއްދާގައި ބޭއްވުނު އެއް ދުވަހުގެ ސަމިޓްގެ ނަމަކީ "އަމްނާއި ތަރައްޤީ"ގެ ސަމިޓެވެ. ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ ރިޔާސަތުގެ ދަށުގައި ޖިއްދާގައި ބޭއްވުނު ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ބިން ސަލްމާން ވިދާޅުވި ގޮތުގައި ޖިއްދާ ސަމިޓް ބޭއްވެމުންދާ މި ވަގުތަކީ ދުނިޔެއާ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތވެފައިވާ ވަގުތެކެވެ. "ޖިއްދާ ސަމިޓް ދުނިޔޭގެ މި ގޮންޖެހުންތަކާ ކުރިމަތިލައި ސަމިޓަކަށް ވުމަށް އަޅުގަނޑު އެދެމެވެ."

ސުޢޫދީ ވަލީ ޢަހްދުގެ ވާހަކަފުޅުގައި ހާމަކުރެއްވި ގޮތުގައި ސުޢޫދީން ދުވާލަކު އުފައްދާ ތެލުގެ މިންވަރު 13 މިލިއަން ފީފާއަށް އިތުރު ކުރާނެއެވެ. މި މިންވަރަށް ވުރެ އިތުރަށް ސުޢޫދިޔާއަށް ތެޔޮ ނޫފެއްދޭނެ ކަމަށް ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަކަތަޔާ ބެހޭގޮތުން ޙަޤީޤަތާ އަރާރުންވާ ސިޔާސަތެއް ގެންގުޅުމުގެ ނަތީޖާއަކަށް ވާނީ ލާދަ މައްޗަށް ދިޔުމެވެ.

ސުޢޫދީ ވަލީ ޢަހްދު ވިދާޅުވި ގޮތުގައި މި ސަމިޓަކީ އެމެރިކާއާ މި ޤައުމުތަކާ ދެމެދުގައި އިސްތިރާތީޖީ ބައިވެރިވުމެއްގެ އައު ޒަމާނެއްގެ ފެށުމެކެވެ.

އަމީރު ބިން ސަލްމާން އޭނާގެ ވާހަކަފުޅުގައި ގަލްފްގެ ޤައުމުތަކާއެކު އެއްބާރުލުމަށް އީރާނަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން އީރާނަށް މި ގޮވައިލަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ކަށަވެތިވުމަށާއި ބައިނަލްއަޤްވާމީ ޒައްރީ ހަކަތައާ ބެހޭ އޭޖެންސީއާއެކު އެއްބާރުލުމަށެވެ."

އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވި ގޮތުގައި މި ސަމިޓްގެ ބޭނުމަކީ މި ސަރަޙައްދާ ކުރިމަތިވެފައިވާ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި މި ސަރަޙައްދުގައި ތިބި އެމެރިކާގެ އެކުވެރީންނަށް ވާގިވެރިވުމެވެ. އޭނާ ވިދާޅުވިއެވެ. "އީރާނުގެ ޙަރަކާތްތަކަކީ މެދުއިރުމައްޗަށް ހަމަނުޖެހުން ގެނެސް އެ ސަރަޙައްދު ގަޑުބަޑު ކުރާ ޢަމަލުތަކެކެވެ. މި ސަރަޙައްދުގައި ހިނގަމުންދާ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް އަހުރެމެން މި ތިބީ ޢަޒްމު ކަނޑައަޅައިގެންނެވެ. ނިރުބަވެރި ޢަމަލުތަކާ ކުރިމަތި ލުމަށް ޓަކައި އަހަރެމެންގެ އެކުވެރީންނަށް އަހުރެމެން ވާގިވެރިވާނަމެވެ."
ރައީސް ބައިޑްން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މެދުއިރުމަތީގައި އެމެރިކާއިން އެއްބާރުލައިގެން ޙަރަކާތްތެރި ކުރުންތެރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެއެވެ."

ބައިޑްން ވިދާޅުވިއެވެ. "ހުރިހާ ކަމެއްގައި އެކައްޗެއް ނުކިޔުނަސް އަހުރެމެންނަށް އެއްބާރުލެވިދާނެއެވެ." އޭނާ ވިދާޅުވިގޮތުގައި "ދުނިޔޭގައި ހުރިހާ ވަގުތެއްގައި ހުރިހާ ކަމެއްގައި ތެދު ފިޔަވަޅު އެޅޭނެ ޤައުމެއް ނޯންނާނެއެވެ. މި ކަމުގައި އެމެރިކާއަކީ އިސްތިސްނާއެއް ނޫނެވެ."

ރައީސް ބައިޑްން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ ނިޒާމުގެ އުޞޫލުތަކަށް ކަށަވެތިވާ ޤައުމުތަކާއެކު އެމެރިކާ އެއްބާރުލާނެއެވެ. އައު މެންބަރުންތަކެއް މި ބައިވެރިވުމުގައި ބައިވެރިވާނެއެވެ. " އޭގެތެރޭގައި އިސްރާއީލުވެސް ހިމެނޭކަމަށް ބައިޑްން ވިދާޅުވިއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި އީރާނުން ދަނީ މި ސަރަޙައްދު ގަޑުބަޑުކުރަމުންނެވެ. އޭނާ ވިދާޅުވިއެވެ. "އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމު ހުއްޓުވުމަށް ޓަކައި އަހުރެމެން ޠަހަރާނަށް ފިއްތުންތައް ފިއްތާނަމެވެ. އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުން މަނާކުރުމަށް ޓަކައި އަހުރެމެން ފިޔަވަޅު އަޅާނަމެވެ."

ރައީސް ބައިޑްން ހާމަކުރެއްވި ގޮތުގައި މި ސަރަޙައްދާ ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ފިލުވައިލުމަށް ޓަކައި އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން ޖަމާކުރާނެއެވެ.

ޤަޠަރުގެ އަމީރު ޝައިޚު ތަމީމު މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން "މި ދުވަސްވަރަކީ ބައިނަލްއަޤްވާމީ މުޖްތަމަޢާ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެއްވިއެވެ. މި މަސްއަލަތަކަށް ޙައްލު ގެނައުމަށް ޓަކައި އެއްބާރުލުން ވަރުގަދަކުރަން ވަނީ ޖެހިފައެވެ." ޝައިޚު ތަމީމު ވިދާޅުވި ގޮތުގައި "އަރާރުންތަކާއި ގަޑުބަޑުތަކުގެ ތެރޭގައި އަމާންކަމެއް އަދި ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި މި ފަދަ ޙާލަތުގައި ތަރައްޤީއަށް ޓަކައި މަސައްކަތެއް ނުކުރެވޭނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ސަބަބުން އިޤްތިޞާދު ވަނީ ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. މި ކަމުގެ ސަބަބުން އިންސާނީ ކާރިސާއެއް ދުނިޔެއާ ކުރިމަތިވެދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހުއްޓުމެއް ނައިސް ހަކަތަ ފޯރުކޮށް ދިނުމަށް ޓަކައި ޤަޠަރުން މަސައްކަތް ކުރާނެއެވެ. މި މަސައްކަތް ކުރެވޭނީ އެހެން ބައިވެރީންނާއެކުގައި ކަމަށް ޝައިޚު ތަމީމު ވިދާޅުވިއެވެ.

ފަލަސްޠީނުގެ މަސއްލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިޚު ތަމީމު ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ ޤަރާރުތަކުން ބައެއް ޤަރާރުތަކަށް ޢަމަލުކޮށްފައި އަނެއް ބައި ޤަރާރުތަކަށް ޢަމަލު ނުކޮށް ހިފާފައިވާ ބިންތަކުގެ މަސްއަލަ ޙައްލެއް ނުކުރެވޭނެއެވެ.

އިސްރާއީލުން އާބާދީ ހެދުން ހުއްޓައިނުލާނަމަ އަދި އިރުމަތީ ޤުދްސުގެ މަލަތައް ބަދަލުކުރަމުންދާނަމަ އަދި ޣައްޒާ ޙިޞާރުކޮށް ބާއްވަމުންދާނަމަ މެދުއިރުމައްޗަށް ނުތަނަވަސްކަމުން ބޭރަކަށް ނުނުކުމެވޭނެއެވެ."

އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ މަސްއަލަ ޙައްލު ނުކުރެވޭހާ ދުވަހަކު މެދު އިރުމައްޗަށް ޞުލްޙައެއް ނާންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން 1967ގައި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރެވެން ޖެހޭނެއެވެ.

މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީ ވިދާޅުވި ގޮތުގައި ކުރިމަގާ ދިމާއަށް ދަތުރުކުރެވޭނީ މިއަދުގެ މަސްއަލަތައް ޙައްލު ކުރުމަށް ކުރާ މަސައްކަތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި "އަހުރެމެންގެ ސަރަޙައްދުގައި ހިނގަމުންދާ އަހްލީ ހަނގުރާމަތައް ހުއްޓުވުމަށް ޓަކައި ގުޅިގެން ކުރާ މަސައްކަތް ވަރުގަދަ ކުރާން ވެއްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި "އަހުރެމެން ފަށައިފައިވާ ޞުލްޙައިގެ މަސައްކަތުގައި ފަހަތަށް ޖެހެވޭކަށް ނެތެވެ." ދެ ދައުލަތުގެ ޙައްލުގެ މަތީގައި ފަލަސްޠީނުގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ރައީސް ސީސީ ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *