ވަރަށް ކައިރި މުސްތަޤްބަލެއްގައި މިޞްރާއި ސުޢޫދީ ޢަރަބިއްޔާއާއި ތުރްކީ BRICS ޤައުމުތަކުގެ ޖަމާޢަތުގައި ބައިވެރިވާނެ ކަމަށް މި ޖަމާޢަތުގެ ބައިނަލްއަޤްވާމީ މަންސާގެ ރައީސާ ޕޫރްނީމާ އާނަންދް ރަޝިޔާގެ އިޒްވެސްޓިޔާ ދުވަހު ނޫހަށް ދެއްވި ބަޔާނެއްގައި ހާމަކުރައްވައިފިއެވެ.
އާނަންދު ހާމަކުރެއްވި ގޮތުގައި ބްރިކްސްގެ 14ވަނަ ސަމިޓްގައި ޗައިނާއާއި ރަޝިޔާއާއި އިންޑިޔާގެ ޒަޢީމުން މި މައުޟޫޢާމެދު ބަހުސްކުރެއްވިއެވެ. ސާދަވަނަ ސަމިޓް ބޭއްވުނީ ދާދިވަރުކޮށް މި ހުސްވި މަހުގެ 23 އިން 24 އަށެވެ.
އާނަންދު ވިދާޅުވި ގޮތުގައި މި ތިން ޤައުމުން ވަނީ މި ޖަމާޢަތުގައި ބައިވެރިވުމަށް އެދޭކަން އަންގައިފައެވެ. އަދި މި ޤައުމުތަކުން މި ކަމަށް އެދި ފޯމުލާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ފައްސި ކަމެކެވެ. މި ޖަމާޢާތުން އަބަދު ވެސް އެދެނީ ޖަމާޢަތް ބޮޑުވެ ފުޅައުވުމަށެވެ. މެންބަރުން ގިނަވުމުގެ ސަބަބުން ޖަމާޢަތުގެ ތާސީރު ބޮޑުވާނެއެވެ. ނުފޫޒު ވަރުގަދަވާނެއެވެ.
މި ޤައުމުތައް މި ޖަމާޢާތުގައި ބައިވެރިވުމުގެ ރަސްމިއްޔާތު އަވަހަށް ނިމިގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށް އާނަންދު ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ތިން ޤައުމު މި ޖަމާޢާތަށް އެއްފަހަރާ ނުވެއްދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މި މަސައްކަތް ކުރެވޭނީ ފިޔަވަޅަކުން ފިޔަވަޅަކުންނެވެ."
ބްރިކްސް ޖަމާޢަތް
BRICS ޖަމާޢަތް އުފެދުނީ 2006ވަނަ އަހަރުއެވެ. މި ޖަމާޢަތުގެ ނަން ކިޔުނީ ޖަމާޢަތުގެ އަސާސީ ޤައުމުތައް (ބްރެޒީލް، ރަޝިޔާ، އިންޑިޔާ، ޗައިނާ، ދެކުނު އެފްރިކާ)ގެ ފެށޭ އަކުރު ނަގައިގެންނެވެ. މި ފަސް ޤައުމަކީ ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުތަކެވެ. މި ޤައުމުތައް ގުޅިގެން މި އުފެއްދި ޖަމާޢަތުގެ މަޤްޞަދަކީ ދުނިޔޭގެ އިޤްތިޞާދަށް އަތްގަދަކޮށްފައިވާ އެމެރިކާއާއި ހުޅަނގުގެ ވަކިތަކުން ދުނިޔޭގެ އިޤްތިޞާދު މިނިވަން ކުރުމެވެ. މި ޖަމާޢަތުގެ ސިޔާސަތުގެ ތެރޭގައި ދުނިޔެއަށް ވެރިވެފައިވާ އެމެރިކާގެ އެއްތަނޑިވަންތަކަމުގެ ބަސްކިޔުން ނައްތާލައި އިންސާފުވެރި ސިޔާސީ އިޤްތިޞާދީ ނިޒާމެއް ޤާއިމު ކުރުން ވެއެވެ.
މި ޖަމާޢަތުގައި ހިމެނޭ ޤައުމުތަކަށް ދުނިޔޭގެ ބިމުގެ 26% އާއި އާބާދީގެ 46% ލިބިފައި ވެއެވެ. ބައިނަލްއަޤްވާމީ ފައިސާ ފަންޑް ބުނާގޮތުގައި ދުނިޔޭގެ ޤައުމުތަކުގެ އުފެއްދުންތަކުގެ 25% ލިބިފައި ވަނީ މި ޖަމާޢަތަށެވެ. މީގެއިތުރަށް މި ޖަމާޢަތަށް ލިބިފައިވާ ނަޤްދީ ރިޒާވް ހަތަރު ޓްރިލިއަން ޑޮލަރަށްވުރެ އިތުރުވެގެން ވެއެވެ.
މި ޖަމާޢަތުން 2015ގައި ޗައިނާގެ ޝަންހައިގައި ތަރައްޤީއަށް ޓަކައި މަސައްކަތް ކުރާ އައު ބޭންކެއް ހުޅުވިއެވެ. މި ބޭންކުގެ މަޤްޞަދުތަކުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދީ ބާރުތައް ތަވާޒުނު ކުރުން ވެއެވެ.



advertisment