Support Us

ރައީސް ބައިޑްން މެދުއިރުމަތީ ދަތުރުފުޅުގައި ބޮޑެތި ބާޒީމެރުންތަކެއް

އެމެރިކާގެ ރައީސް ޖޯ ބައިޑްން މެދުއިރުމައްޗަށް މިއަދު ފެއްޓެވި ފުރަތަމަ ދަތުރުފުޅުގައި ބޮޑެތި ބާޒީމެރުންތަކެއް ހިމެނޭކަމަށް ދާރިސުންނާއި މުޙައްލިލުން ވިދާޅުވެއްޖެއެވެ. 

ތައްލުއަބީބަށާއި ހުޅަނގު އައްސޭރިއަށާއި ޖިއްދާއަށް ކުރައްވާ މި ޒިޔާރަތުގައި ރައީސް ބައިޑްން މަސައްކަތް ކުރައްވާނީ ގަލްފުގެ ޤައުމުތަކުން އުފައްދާ ތެޔޮ އިތުރުކުރުމުގެ ބޭނުންތެރިކަން ގަލްފްގެ ބައިވެރީންނަށް ވިސްނައިދެއްވުމަށާއި އިސްރާއީލު- ސުޢޫދީ ގުޅުންތައް ރަނގަޅުކުރުމުގެ މުހިއްމުކަން ހާމަކޮށްދެއްވުމަށެވެ.

ބައިޑްންގެ މި ދަތުރުފުޅުގެ ފުރަތަމަ ދެ ދުވަސް ހޭދަކުރައްވާނީ އިސްރާއީލުގެ އިސް މަސްއޫލުވެރީންނާއެކުގައެވެ. އެއަށްފަހު ހުކުރު ދުވަހު ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު ތައްލު އަބީބުން ސީދާ ޖިއްދާއަށް އުދުހިވަޑައިގަންނަވާނެއެވެ. އެއީ ގަލްފްގެ ޒަޢީމުންނާއި މިޞްރާއި އުރްދުނާއި ޢިރާޤުގެ ޒަޢީމުންނާ އެކު ބާއްވަވާ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. ޖިއްދާގައި ސުޢޫދީ މަސްއޫލުވެރީންނާ ރައީސް ބައިޑްން ބައްދަލުކުރައްވާނެއެވެ.

ރައީސް ބައިޑްންގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ހަމައެކަނި ވަޒީރަކީ ޚާރިޖީ ވަޒީރު ބްލިންކަނެވެ.

ދަތުރުފުޅުން ލަފާކުރެވޭ ނަތީޖާ

ރައީސް ބައިޑްންގެ މި ދަތުރުފުޅުގެ އެންމެ ފުރަތަމަ އިސްޓޭޝަނަކީ ތައްލު އަބީބެވެ. އެމެރިކާގެ ރައީސްގެ އެޖެންޑާ ފުރިފައިވަނީ އިސްރާއީލުގެ މަޞްލަޙަތުތައް ހިމެނޭ ފިޔަވަޅުތަކަކުންނެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން ސުޢޫދީ އިސްރާއީލު ގުޅުން ޠަބީޢީވުމާ ދިމާއަށް ދަތުރުކުރުމަށް ބޭނުންވާ ފިޔަވަޅުތަކެއް އެޅޭނެއެވެ. އިސްރާއީލު ބުނާގޮތުގައި މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި މަޑުމަޑުން ކުރިއަށް ފިޔަވަޅުތައް އެޅެމުން ހުރަސްތައް ގިރާކުރެވެމުންދާނެއެވެ. ރައީސް ބައިޑްން ތައްލުއަބީބުން ސީދާ ޖިއްދާއަށް އުދުހިވަޑައިގެންނެވުމަކީ ވަރަށް ފައްސި ފިޔަވަޅެކެވެ. މި ކަމުގައި ވަރަށް ފުން މާނަތަކެއް ވެއެވެ.

ރައީސް ބައިޑްންގެ މި ދަތުރުފުޅުގެ އަމާޒުތަކުގެ ތެރޭގައި ސަރަޙައްދީ ހަމަޖެހުން ހަރުދަނާކުރުމާއި މި ސަރަޙައްދުގެ ތެރެއަށް އިސްރާއީލު ވައްދައި ބަލައިގަތުން އިތުރުކުރުން ވެއެވެ. މީގެއިތުރަށް އީރާނުގެ ނުފޫޒާ ކުރިމަތިލުމާއި ރަޝިޔާއާއި ޗައިނާގެ ޢުދްވާނާ ކުރިމަތިލުމުގައި މެދުއިރުމަތި އެމެރިކާ އަތަށް އަނބުރައިލުންވެސް ހިމެނެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކާ ޙަވާލާދީ އެމެރިކާގެ ނޫހެއް ބުނާގޮތުގައި އިސްރާއީލުން އުންމީދު ކުރަނީ މި ދަތުރުފުޅުގެ ސަބަބުން އިސްރާއީލުގެ ވައިގެ ދިފާޢުތައް މި ސަރަޙައްދުގެ އައު ބައިވެރީންނާގެ ދިފާޢުތަކާ ގުޅިގެންދާނެ ކަމަށެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް އެމެރިކާގެ މަސްއޫލުވެރީންނާ ޙަވާލާދީ ބުންޏެވެ. "ރައީސް ބައިޑްން މި ދަތުރުފުޅުގައި ކުރީގެ ހަތުރުވެރީން ރަޙްމަތްތެރިކޮށް ސަލާމަތީ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ބާރުއަޅުއްވާނެއެވެ. މި ކަމަށް ޓަކައި އޭނާ ފިއްތުންތައް ފިއްތަވާނެއެވެ."

އެމެރިކާގެ ލަޑުދަނޑިތައް

އެމެރިކާ ދެކޭގޮތުގައި މި ދަތުރުފުޅުގެ ސަބަބުން މި އިސްރތިރާތީޖީ ސަރަޙައްދުގައި އެމެރިކާގެ ޙަޔަވީ ދައުރު ވަރުގަދަވެގެންދާނެއެވެ.
ތެލުގެ އަގު ހެޔޮކުރުމަށް ޓަކައި ގަލްފްގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރެއްވުމަށް ރައީސް ބައިޑްން ގަލްފްގެ ޤައުމުތަކުގެ ވެރީންގެ އަރިހުން އެދިވަޑައިގަންނަވާނެއެވެ. އެމެރިކާގައި ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ބައިޑްންގެ މަޤްބޫލުކަން ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ސުޢޫދީ ޢަރަބިއްޔާއާ ހެދި ފިއްތުންތަކެއް

ރައީސް ބައިޑްންގެ މި ދަތުރުފުޅުގެ މުހިއްމު އެއް ނާރެހަކީ ސުޢޫދީ އިސްވާރުންނާއެކު ބާއްވަވާ ވާހަކަދެއްކުންތަކެވެ. ބައިޑްން ބައްދަލު ކުރައްވާ ބޭފުޅުންގެ ތެރޭގައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ހިމެނިވަޑައިގަންނަވާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

ތުރްކީގައި 2018 ގައި މަރައިލި ސުޢޫދީ ނޫސްވެރިޔާ ޖަމާލު ޚާޝްޤަޖީގެ މަސްއަލައިގައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ ދައުރެއް ވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ވަނީ ބުނެފައެވެ. ބައިޑްން ސުޢޫދީ ވަލީޢަހްދާ ބައްދަލު ކުރައްވާބައްދަލުކުރެއްވުމުން އެނގެނީ މި މަސްއަލައިގައި ބައިޑްން ގެންގުޅުއްވަމުން ގެންދެވި ސިޔާސަތަށް ބަދަލުތަކެއް ގެންނަވައިފައިވާ ކަމެވެ.

ރައީސް ބައިޑްންގެ އެހީތެރީން ވިދާޅުވާ ގޮތުގައި އޭނާ ޖިއްދާގައި ސުޢޫދީ މަސްއޫލުވެރީންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ސުޢޫދީ ޢަރަބިއްޔާގެ އިންސާނީ ޙައްޤުތަކުގެ މަސްއަލަތައް ފެންމަތި ކުރައްވާނެއެވެ.

ރައީސް ބައިޑްން އިސްރާއީލަށް ވަޑައިގެން ވަރަށް ކުރުކުރު ބަޔާނެއް ދެއްވާނެއެވެ. އިސްރާއީލުގެ މަސްއޫލުވެރީން އެމެރިކާއިން ވާގިވެރިވާ ދަގަނޑު ޤުއްބާ ބެހޭ ގޮތުންނާއި އަލަށް ޤާއިމުކުރާން އިސްރާއީލުން އެދޭ ލޭޒަރު ނިޒާމު "ދަގަނޑު ދޯދި" ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދެއްވާނެއެވެ.

ފަލަސްޠީނު މަސްއަލަ

ރައީސް ބައިޑުން ހުކުރު ދުވަހު ވަޑައިގަންނަވާނީ ހުޅަނގު އައްސޭރިއަށެވެ. ހުޅަނގު އައްސޭރީގައި އޭނާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރައްވާނެއެވެ. މިއީ ރައީސް ޓްރަމްޕް 2017ގައި ފަލަސްޠީނުގެ މަސްއަލައާ ބެހޭ ސިޔާސަތަށް ބަދަލު ގެންނެވި ފަހުން އެމެރިކާގެ ރައީސަކު ފަލަސްޠީނުގެ ރައީސަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

މިއީ ފަލަސްޠީނުގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ ޢާޤިލާ އިސްރާއީލު ސިފައިން އަވަހާރަކޮށްލުމުގެ ސަބަބުން ފަލަސްޠީނު އިސްރާއީލު ގުޅުންތައް ނުތަނަވަސްވެފައިވާ ވަގުތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. އޭނާ އަވަހާރަކޮށްލުމުގެ މަސްއަލައިގައި އެމެރިކާއިން ދަނީ އިސްރާއީލު ޙިމާޔަތްކުރަމުންނެވެ.

އެމެރިކާއާއެކު ގުޅުންތައް އަލުން ރަނގަޅު ކުރުމަށް ފަލަސްޠީނު އެދެއެވެ. އެމެރިކާއިން ވަޢުދުވެފައިވާ ގޮތަށް ޤުދްސުގައި އެމެރިކާގެ ކޮންސްލޭޓް ހުޅުވުމަކީ ފަލަސްޠީނުން އެދޭ ކަމެކެވެ. ފަލަސްޠީނުން އެދޭ ކަންތައްތަކުގެ ތެރޭގައި އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން ޕީއެލްއޯ އުނި ކުރުމަކީ ވެސް އެދުމެކެވެ. މީގެ އިތުރަށް ޔަހޫދީން ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުން ހުއްޓުވުމަށާއި ޤުދްސުގެ ތާރީޚީ ޙާލަތު ދެމެހެއްޓުމަށް ޓަކައި އެމެރިކާއިން މަސައްކަތް ކުރުމަށް ފަލަސްޠީނުން އެދެއެވެ.

ޤުދުސް މުޢާހަދާ

އެމެރިކާއާއި އިސްރާއީލާ ދެމެދުގައި ވާ އިސްތިރާތީޖީ ބައިވެރިވުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި މި ދަތުރުފުޅުގައި އެމެރިކާއާއި އިސްރާއީލު ޤުދްސު މުޢާހަދާ ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

އިސްރާއީލުގެ ކާން ޓީވީ ބުނާގޮތުގައި މިއީ ވަރަށް ތާރީޚީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އިސްރާއީލުގެ އަމްނާއި އަމާންކަމާއި ފާގަތިކަން ޖާމިނުކޮށް ކަށަވަރުކޮށްދޭނެއެވެ. އަދި އެމެރިކާ– އިސްރާއީލު ގުޅުން ދާއިމީ ގުޅުމެއްކަމަށް ރައީސް ބައިޑްން ހައްދަވާނެއެވެ.

މި އެއްބަސްވުމުގައި ހިމެނޭ އެންމެ މުހިއްމު ނުކުތާތަކަކީ އެމެރިކާއާއި އިސްރާއީލުން ގުޅިފައިވާ މެސެޖެއް އީރާނަށް ދިނުމެވެ. އަދި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާއި އީރާނުން ގަލްފް ސަރަޙައްދުގައި ޙަރަކާތްތެރިވާ ޙަރަކާތްތައް ހުއްޓުވުމަށް އެމެރިކާއާއެކު ގުޅިގެން އިސްރާއީލުން މަސައްކަތް ކުރުމެވެ. މީގެއިތުރަށް އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުން މަނާކުރުމަށް ޓަކައި އީރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށާއި އިސްރާއީލުގެ އަމިއްލަ ނަފްސު އަމިއްލައަށް ޙިމާޔަތް ކުރެވޭފަދަ ބާރަކަށް އިސްރާއީލު ހަދައިދިނުމަށް ވެސް މި އެއްބަސްވުމުގައި އެމެރިކާއިން ޢަހްދު ކަށަވަރުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *