ކަޅު ކަނޑު ހުރަސްކޮށް ޔޫރަޕަށް ގެންދާ ކަޒަޚިސްތާނުގެ ތެޔޮ ބޭރުކުރުން ހުއްޓައިލުމަށް ރަޝިޔާގެ ކޯޓަކުން އަމުރުކޮށްފިއެވެ. މިއީ ޔުރަޕާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ރައީސް ޕޫޓިން ތެޔޮ ބޭނުން ކުރެއްވުމަށް ޓަކައި ޖެއްސެވި "މަޅިއެއް" ކަމަށް ޚަބަރު ފަތުރާ ވަސީލަތްތައް ބުނެއެވެ.
ކޯޓުގެ މި އަމުރު ނެރެފައި މި ވަނީ ރޫސީ ގޭސް ޖަރްމަނަށް ފޮނުވުމަށް ބޭނުންކުރާ ހޮޅިތައް މަރާމާތު ކުރުމަށް ޓަކައި ގޭސް ބޭރުކުރުން 10 ދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް ހަމަޖެހިފައިވާ ނާޒުކު ވަގުތުގައެވެ. މި ހޮޅިތައް މަރާމާތު ކުރުން ލަސްވެގެން ދިޔައީ އެކަމަށް ބޭނުންވާ ޓަރބިންތައް ކެނެޑާއިން ރަޝިޔާއަށް ދިނުން ލަސްކުރުމުގެ ސަބަބުންނެވެ. ކެނެޑާއިން އެ ޓަރބިންތައް ރަޝިޔާއިން ދިނުން ލަސްކުރީ ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. އެހެނަސް މި ފިޔަވަޅު އެޅުމުން ގެއްލުން ލިބެން ފެށީ ޖަރްމަނަށަށެވެ.
ޕޫޓިންގެ "މަކަރުވެރި" ރޭވުމެއް
އެމެރިކާގެ ބްލޫމްބަރގް އިއްޔެ ބުނިގޮތުގައި ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ރަޝިޔާގެ ނޮވޮރޮސިސްކްގެ ޤާޟީ ނެރުއްވި އަމުރުގައި Caspian Pipeline Consortium އަށް 30 ދުވަހުގެ މުއްދަތަށް ގޭސް ބޭރުކުރުން ހުއްޓައިލުމަށް އަންގައިފައި ވެއެވެ. އެއީ މި ކުންފުނިން ގޭސް ބޭރުކުރުމުގައި ޤަވާޢިދާ ޚިލާފު އިޖްރާއާތުތަކެއް ގެންގުޅެފައިވާތީއެވެ. މި އަހަރުގެ ނޮވެންބަރު މަހުގެ ކުރިން މި އިޖްރާއާތުތައް ރަނގަޅު ކުރުމަށް ޤާޟީ އަމުރުކުރައްވައިފައި ވެއެވެ.
މި ބަނދަރަކީ ރަޝިޔާ ސަރަޙައްދުގެ ރަށެއް ކަމުގައި ވިޔަސް މި ރަށުގެ ގޭސް ހޮޅިތަކުން ބޭރުކުރާ ތެލުގެ 90% އަކީ ކަޒަޚިސްތާނުން ބޭރުކުރާ ތެލެކެވެ. ބްލޫމްބަރގް ބުނާގޮތުގައި ތެލަކީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ޤައުމުތަކާ ދެކޮޅަށް ބޭނުންކުރެއްވުމަށް ރައީސް ޕޫޓިނަށް ލިބިވަޑައިގެންފައިވާ "ވަރަށް ވަރުގަދަ" ހަތިޔާރެކެވެ. މި ކުންފުނިން ދުވާލަކު 1.5 މިލިޔަން ފީފާގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރެއެވެ. އެހެންކަމުން މި ހޮޅި ބަންދު ކުރުމުން ދުނިޔޭގެ ބާޒާރަށް ނުބައި އަސަރުތަކެއް ފޯރާނެއެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން މި ކުންފުންޏާ ދަތިތަކަކާ ކުރިމަތިވަމުންދާކަން ފާހަގަ ކުރެވެއެވެ. މި ދިޔަ މާރިޗު މަހު ޠޫފާނެއްގެ ސަބަބުން އެ ބަނދަރުގެ ބައެއް ބަންދުކުރަން ޖެހުނެވެ. އެއީ މި ޠޫފާނުގެ ސަބަބުން ހޮޅިތައް އުފުއްލާ ތިން ކަނދުފަތީގެ ތެރެއިން ކަނދުފައްޗަކަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ. މި ހުސްވި ޖޫން މަހުގައި ވެސް އެ ސަރަޙައްދުން ކަނޑު މައިންތަކެއް ފެނިގެން މި މައިންތައް ނަގައި އެ ސަރަޙައްދު ސާފު ކުރުމަށް ޓަކައި ބަންދު ކުރާން ޖެހުނެވެ.
ސީޕީސީ ކުންފުނިން ބޭރުކުރާ ތެލުގެ ތިންބައިކުޅަ ދެ ބައި ފޮނުވަނީ ޔޫރަޕަށެވެ. އޭގެ ތެރެއިން ބޮޑު ބައެއް އިޓަލީގެ ޓްރިސްޓާ ބަނދަރުން ލައިފާ މެދުތެރޭ ޔޫރަޕަށް ފޮނުވެއެވެ.
ނޯރޑް ސްޓްރީމް 1 ހޮޅި މަރާމާތު ކުރުން
ރަޝިޔާގެ ގޭސް ޖަރްމަނަށް ގެންދިޔުމަށް ޓަކައި ލައިފައި އޮންނަ ނޯރޑް ސްޓްރީމް އެއް ހޮޅި މަރާމަތު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މި ހޮޅި މެދުވެރިކޮށް ރަޝިޔާއިން ޖަރްމަނަށް އަހަރަކު 5.5 ބިލިއަން ކޮޑި މީޓަރުގެ ގޭސް ފޮނުވައެވެ. މި ހޮޅި މަރަމާތުކުރުމުގެ އަހަރީ މަސައްކަތް ނިމޭނީ 21 ޖުލައިގައި ކަމަށް ޚަބަރުތައް ބުނެއެވެ. މި ހޮޅި ސަރވިސްކުރަން ބޭނުންވާ ޓަރބިންތައް ދިނުން ކެނެޑާއިން ލަސްކުރުމާ ވިދިގެން ރަޝިޔާއިން ވަނީ ޖަރްމަނަށް ފޮނުވާ ގޭސް 40% އަށް މަދުކޮށްލައިފައެވެ. ކެނެޑާއިން މި ޓަރބިންތައް ރަޝިޔާއަށް ދިނުން ލަސްކުރީ ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ޖަރްމަނުގެ ފިއްތުންތައް ބޮޑުވެގެން ކެނެޑާއިން މިހާރު ވަނީ ޓަރބިންތައް ރަޝިޔާއަށް ދީފައެވެ.މިއީ ސީމަން އެނަރޖީ ކުންފުނިން އުފައްދާ ޓަރބިން ތަކެކެވެ.
ރޫސީ ރައީސް ޕޫޓިން އިންޒާރު ކުރައްވާ ގޮތުގައި ހުޅަނގުންނާއި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަކަތައިގެ ބާޒާރުގައި އަގުތަކަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހޭނެއެވެ. ރޫސީ ރައީސް ވިދާޅުވިއެވެ. "ޔޫރަޕްމީހުން އަހުރެމެންގެ ހަކަތަޔަށް ބަދީލެއް ހޯދަން މަސައްކަތް އެބަ ކުރެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ބާޒާރުގައި ހަކަތައިގެ އަގު މައްޗަށް ދިޔުމެވެ. މި ބުރަ އުފުއްލަން ޖެހޭނީ ނިކަމެތި ރައްޔިތުންނަށެވެ."
ރޫސީ ރައީސް ވިދާޅުވިއެވެ. "ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޮޑަށް ގެއްލުން ލިބެމުންދަނީ ހަމަ އެ ޤައުމުތަކަށެވެ. ރަޝިޔާއަކަށް ނޫނެވެ." ޔޫރަޕަށް ބޭނުންވާ ޠަބީޢީ ގޭހުގެ 40% ހޯދަނީ ރަޝިޔާއިންނެވެ.
މޮސްކޯއިން މިހާރު ވަނީ އެ ޤައުމުގެ ގޭސް ބުލްގޭރިޔާއަށާއި ޕޮލެންޑަށާއި ފިންލެންޑަށާއި ޑެންމާރކަށާއި ހޮލެންޑަށް ވިއްކުން މުޅިން ހުއްޓައިލައިފައެވެ. އެއީ ރަޝިޔާއިން އެދުނު ގޮތަށް ރަޝިޔާ ފައިސާއިން ގޭހަށް އަގު ދެއްކުމާ މި ޤައުމުތައް ދެކޮޅު ހެދުމުންނެވެ.



advertisment