ހުޅަނގުން ކިޔީވަށް ޞުލްޙައިގެ ދޮރު ހުޅުވައިނުދޭކަމަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މޮސްކޯއިން ބަލައިގަންނާނެ ކަމެއް ނޫނެވެ.
މިއަދު ހެދުނު އިންޑޮނޭޝިޔާގެ ބާލީގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ލެވްރޯވް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކޮށް ޔުކްރޭނަށް ނަޞްރު ހޯދައިދިނުމަށް ހުޅަނގުން މަސައްކަތްކުރަމުންދާ ދިޔުމަކީ ޞުލްޙައިގެ މަގަށް ހުރަސްއެޅޭ ކަމެކެވެ. ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ބާލީއަށް ވަޑައިގަތީ ޖީ 20 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.
ލެވްރޯވް ވިދާޅުވިއެވެ. "ހުޅަނގުން ސުލްޙައާ ބެހޭ ވާހަކަދެއްކުން ބާއްވާކަށް ނޭދެއެވެ. އެމީހުން ބޭނުންވަނީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ މައްޗަށް ޔުކްރޭނަށް ނަޞްރު ހޯދައިދިނުމަށެވެ. މި ގޮތަށް އެމީހުންގެ ޢަމަލުތައް ހުންނައިރު ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެއެވެ. އެމީހުން ޔުކްރޭން ޞުލްޙައިގެ ތެރެއަށް ވަންނާކަށް ނޭދެއެވެ."
ޔުކްރޭނުގައި ރަޝިޔާއިން ކުރިއަށް ގެންދާ ޢަސްކަރީ ޙަމަލާތައް ހުއްޓައިލުމަށް ހުޅަނގުން "އަޑުގަދަކުރަމުންދާތީ" ލެވްރޯވް ވިދާޅުވިއެވެ. "އެމީހުން އެދޭ ކަމެއް އެމީހުން ނިންމާށެވެ. ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ހުއްޓައިލީ ޔުކްރޭނުންނެވެ. ހުޅަނގުން ވާހަކަދައްކާން ބޭނުންނަމަ އެކަމަށް މަގުފަހިކުރާން ޖެހޭނެއެވެ."
ލެވްރޯވްގެ ވާހަކަފުޅުގައި ސަހަރުތަކަށް ޙަމަލާދިނުމަށާއި ޢާންމުން ހިރާހަށް ހާސާކޮށްލުމަށް ޓަކައި ހުޅަނގުން ތަފާތު ބާވަތްބާވަތުގެ ވަރުގަދަ ހަތިޔާރުތައް ޔުކްރޭނަށް ދޭކަން ފާހަގަ ކުރެއްވިއެވެ.
ޕޫޓިން ގޮންޖައްސަވައިފި
ލެވްރޯވް މި ބަޔާން ދެއްވީ ރޫސީ ރައީސް ޕޫޓިން ހުކުރުވިލޭރޭ ހުޅަނގަށް ގޮންޖައްސަވާ ދެއްކެވި ވާހަކަފުޅާ ވިދިގެންނެވެ. ޕޫޓިންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި މޮސްކޯ ބަލި ކުރެވޭތޯ ތަޖްރިބާކޮށްލާން އަންނާށެވެ!"
ރަޝިޔާގެ ބަރްލަމާން ޑޯމާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެމީހުން ބޭނުން ވަނީ ހަނގުރާމައިގެ މައިދާނުގައި އަހުރެމެން ބަލިކުރާށެވެ! ބުނާނީ ކީކޭހެއްޔެވެ؟ ނިކަން އެކަން ކުރެވޭތޯ ބަލައިބަލާށެވެ!"
ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކާ ދެކޮޅެއް ނަހަދަން… އެކަމަކު
ފްރާންސް ޕްރެސް ބުނާގޮތުގައި ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި "ޔުކްރޭނުގައި ރަޝިޔާގެ އަމާޒުތައް ދަނީ ޙާޞިލުކުރެވެމުންނެވެ. އަހުރެމެން ޞުލްޙައާ ދެކޮޅެއް ނަހަދަމެވެ. އެކަމަކު އެކަމާ ދެކޮޅުހަދާ މީހުންނަށް ބުނާނީ ހަނގުރާމަ ދިގުދެމިގެން ދިޔަވަރަކަށް ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ކުރިއަށް ގެންދާން އުދަނގޫވާނެއެވެ. "ޕޫޓިން ހުޅަނގަށް ގޮންޖައްސަވަމުން ވިދާޅުވިއެވެ." އަހުރެމެން ޔުކްރޭންގައި ސީރިއަސް މަސައްކަތްތައް އަދިއެއް ނުފަށަމެވެ."
ރަޝިޔާ އިންޒާރުދޭ ގޮތުގައި ހުޅަނގުން ޔުކްރޭނަށް ދޭ ހަތިޔާރުތަކަށް ޙަމަލާ ދިނުމުގެ ޤާނޫނީ ބާރު މޮސްކޯއަށް ލިބިގެންވެއެވެ.



advertisment